27 May 2020, 00:37
ޖަރުމަނުގެ ބުންޑެސްލީގާގައި މިރޭ ވާދަވެރި ބުރޮޝިއާ ޑޮޓްމަންޑް ބަލިކޮށް ބަޔާން މިއުނިކުން ހަތް ޕޮއިންޓަށް ލީޑު ފުޅާ ކޮށްފި އެވެ.
ޑޮޓްމަންޑުގެ ސިގްނަލް އިޑުނާ ސްޓޭޑިއަމުގައި މިރޭ ކުޅުނު އެ މެޗުން ބަޔާން ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުން ލިބުނު މޮޅާ އެކު ބަޔާން އެެއްވަނައިގައި އޮތީ 28 މެޗުން 64 ޕޮއިންޓް ހޯދައިގެންނެވެ. މިރޭގެ މެޗުން ބަލިވި ޑޮޓްމަންޑް ތާވަލުގެ ދެވަނައިގައި އޮތީ 57 ޕޮއިންޓާ އެކުގަ އެވެ.
ކޮރޯނާ ވައިރަހުގެ ސަބަބުން ދެ މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ބުންޑެސްލީގާގެ ކުޅުން އަލުން ފެށި ފަހުން ބަޔާންއާއި ޑޮޓްމަންޑް ވެސް ވަނީ ދެ މެޗު ކުޅެފަ އެވެ. އަދި ލީގުގައި ބާކީ ހުރި މެޗުތައް ނިމެންދެން ހުރިހާ ޓީމުތަކަކުން ވެސް މެޗުތައް ކުޅެން ޖެހޭނީ ކައިރި ކައިރީގަ އެވެ.
އެގޮތަށް މެޗު ކުޅެން ޖެހުމުން ކުޅުންތެރިންނަށް ދިމާވާ ވަރުބަލިކަމާއި، އިންޖަރީތައް މަދުކުރުމުގެ ގޮތުން ފީފާއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެކު ކޮންމެ މެޗެއްގައި ވެސް ފަސް ބަދަލު ކުރެވޭ ގޮތަށް ވަނީ ހަދައިފަ އެވެ.
އެއްވެސް ސަޕޯޓަރަކު ދަނޑަށް ނުވައްދާ މިރޭ ކުޅުނު މެޗު ފަށައިގެން ދެ ޓީމުން ވެސް ދާދި ހަމަހަމަ ކުޅުމެއް ދެއްކި އިރު ދެ ޓީމަށް ވެސް މެޗުގެ ކުރީކޮޅު ލީޑު ނެގުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެކަމަކު އެ ފުރުސަތު ތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފިފައި ނުވާ އިރު ފުރަތަމަ ހާފު ނިމެންދަނިކޮށް ބަޔާންއަށް ލީޑު ނަގައިދިނީ އެ ޓީމުގެ އަރިމައްޗަކަށް ކުޅެމުން އަންނަ ޖޮޝުއާ ކިމިޗް އެވެ.
ދެވަނަ ހާފު ފެށިގެން ޑޮޓްމަންޑުން ޓީމް ކުރިއަށް ޖައްސައިގެން ގިނަ ހަމަލާތަކެއް އުފައްދާފައިވާ އިރު ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ ވަނީ އެ ބޯޅަތައް ހުށިޔާރުކަމާ އެކު ދިފާއުކޮށްފަ އެވެ. އެ ހާފުގައި ޑޮޓްމަންޑަށް ދިމާވި އެންމެ ބޮޑު މައްސަލައަކަށްވީ އެ ޓީމުގެ ސްޓްރައިކަރު އާލިންގް ހާލަންޑަށް އަނިޔާވެެގެން ބަދަލު ކުރަން ޖެހުމެވެ.