27 Dec 2011, 13:48
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ނައިބު ރައީސް ކަމުގެ މަގާމަށް އެ ކޮމިޝަންގެ މެމްބަރު ހ. އައްޑޫގޭ އަހްމަދު ތޮލާލް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޗްއާރުސީއެމްގެ ނާއިބު ރައީސް ކަމަށް ތޮލާލްގެ ނަން ފާސްކޮށްފައި ވަނީ ޖަލްސާގައި ތިއްބެވި 74 މެންބަރުންގެ ތެރެއިން 68 މެންބަރުން އެ ނަމަށް ވޯޓު ދެއްވައިގެންނެވެ. ތޮލާލް އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.
ހިއުމަންރައިޓްސް ކޮމިޝަން އެކުލަވާލައި އެ ކޮމިޝަންގެ ރައީސަކު އައްޔަންކޮށް ވޭތުވެދިޔަ ދިގު މުއްދަތުގައި އެ ކޮމިޝަނަށް ނާއިބު ރައީސަކު އައްޔަންކޮށްފައިނުވާ މައްސަލައިގައި ބައެއް ފަރާތްކުން ދަނީ ފާޑު ކިޔަމުންނެވެ.
ހިއުމަންރައިޓްސް ކޮމިޝަންގެ ނާއިބު ރައީސް ކަމަށް ތޮލާލް ހަމަޖެއްސެވުމަށް މަޖިލީހުގެ ރުހުން ހޯއެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވުމުން، ތޮލާލްގެ ނަން ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ހަތް މެންބަރުންގެ ވަގުތީ ކޮމިޓީގެ ރިޕޯޓް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު ދިއްދޫ ދާއިރާގެ މެންބަރު އަހްމަދު ސަމީރު ވިދާޅުވީ ތޮލާލަށް ރުހުން އޮތްކަމަށް އެ ކޮމިޓީން ވެސް ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮމިޓީން ބެލި މިންގަނޑުތަކުން ތޮލާލަށް 87 ޕަސެންޓް މާކްސް ލިބިފައިވާ ކަމަށާއި މާކްސް ދިނުމުގައި ކޮމިޓިން ބަލާފައި ވަނީ ގާބިލް ކަމަށާއި ތަޖުރިބާއަށާއި ލީޑަޝިޕަށާއި އިންޓެގްރިޓީ އަދި ތައުލީމީ ފެންވަރަށް ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.