މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ، ކްލެމެންސީ ބޯޑުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ގޮތުގައި، ހަމަޖެއްސެވުމަށް ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބުގެ ނަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ގޮތުގައި ހަމަޖެއްސުމަށް މުއްތަލިބުގެ ނަން ފާސްކޮށްފައި ވަނީ ޖަލްސާގައި ތިއްބެވި 75ގެ ތެރެއިން 40 މެންބަރުން އޭނާ އަށް ވޯޓު ދެއްވައިގެންނެވެ. އަދި މުއްތަލިބު އެ ބޯޑަށް އައްޔަންކުރަން ނުފެންނަ ކަމަށް 23 މެންބަރުން ވޯޓު ދެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ އެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ކްލެމެންސީ ބޯޑުގައި މިހާތަނަށް ހުންނެވި ގަލޮޅު ދެކުނުދާއިރާގެ މެންބަރު އަހްމަދު މަހްލޫރު މި އަހަރުގެ ޖުލައި މަހުގެ 19ގައި އެ ބޯޑުން އިސްތިއުފާ ދެއްވުމާގުޅިގެން އަލުން އެ ބޯޑަށް މެންބަރަކު އައްޔަން ކުރެއްވުމަށް އެދި ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ފޮނުއްވި ސިޓީފުޅާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުވާލި ފުރުސަތުގައި ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބުގެ އިތުރުން ކެނދި ކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަގެ ނަން ވެސް ހުށަހެޅި ތާއީދު ލިބުނެވެ. ނަމަވެސް އަހްމަދު އީސަގެ ނަން މަޖިލީހުން ވަނީ ފެއިލްކޮށްލައިފަ އެވެ. އަހްމަދު އީސަގެ ނަމަށް ވޯޓަށް އެހުމުން އެކަން ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 75 މެންބަރުންގެ ތެރެއިން 35 މެންބަރުންނެވެ. ނަމަވެސް އެނަން ފާސްކުރަން ނުފެންނަ ކަމަށް 36 މެންބަރުން ވޯޓު ދެއްވި އެވެ. އެނަން ފާސްކުރަން ބޭނުން ވަނީ ވެސް 36 ވޯޓެވެ.

މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 10 ވަނަ މާއްދާގައި ބުނަނީ އެ ގާނޫނުގައި ބަޔާންކުރާ މަސްއޫލިއްޔަތު އަދާ ކުރުމަށާއި، ގާނޫނު ލާޒިމް ކުރާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ޓަކައި "ކްލެމެންސީ ބޯޑު"ގެ ނަމުގައި 11 މެންބަރުންގެ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެ ކަމަށެވެ. އަދި 11 ވަނަ މާއްދާގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އިތުރުން، ގާނޫނީ ދާއިރާ އިންނާއި ތައުލީމީ ދާއިރާ އިންނާއި، އިޖްތިމާއީ ދާއިރާއިންނާއި ސިއްހީ ދާއިރާއިންނާއި ދީނީ އިލްމުގެ މީހަކާއި މަދަނީ ޖަމްއިއްޔާތަކުން މީހަކާއި ޕެރޯލް ބޯޑުގެ މީހަކާއި ފުލުހުންގެ ދާއިރާގެ މީހަކާއި ޝަރުއީ ދާއިރާގެ މީހަކު އެ ބޯޑުގައި ހިމެނެން ޖެހޭނެ ކަމަށެވެ. އެބޯޑުގައި މިހާރު ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ އިޖްތިމާއީ ދާއިރާ އިން މ. އެމޭޒާ، މަރިޔަމް ސުޒީ އާދަމާއި ޤާނޫނީ ދާއިރާ އިން ގދ. ފިޔޯރީ، ހެވަންލީ ހެވަން، ނާޒިލް އަފީފާއި ތައުލީމީ ދާއިރާ އިން ހ. ޖަނަވަރީމާގޭ ޝިފާ މުޙައްމަދާއި، ސިއްހީ ދާއިރާ އިން މއ. ސަތަރުގޭ ޑރ. އަހްމަދު ރާޒީ އާއި ދީނީ ޢިލްމުގެ ދާއިރާއިން ގ. ދަތުގޭ އައްޝައިޚް މުޙަންމަދު ފާރޫޤާއި، މަދަނީ ޖަމްޢިއްޔާއެއްގެ ފަރާތުން ހ. އިސްދޫ، މައިޒާން ޢަލި މަނިކާއި، ފެރޯލް ބޯޑުގެ ފަރާތުން މ. އުނިމާ، އަހްމަދު އާދިލާއި ފުލުހުންގެ ދާއިރާގެ ފަރާތުން އެސިސްޓެންޓް ކަމިޝަނަރު އޮފް ޕޮލިސް މުޙަންމަދު ޞާދިޤާއި ޝަރްޢީ ދާއިރާ އިން ހ. ޝޭޑީކޯނަރު، ޙުސައިން ޝަމީމެވެ.