26 May 2020, 19:45
ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ، ތަޅުމުގައި ކުރިއަށް ނުގެންދިޔަ ނަމަ ރާއްޖެއަށް ގެންނަންޖެހޭ އެތައް ބަދަލެއް ގެނައުމަށް ދަތިވެގެން ދާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެެއްޖެއެވެ.
މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހު، އޮންލައިންކޮށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ފެށި ފަހުން، ތަޅުމަށް މެމްބަރުން ހާޒިރުވެވަޑައިގެން ފުރަތަމަ ފަހަރަށް ޖަލްސާއެއް ބާއްވާފައި ވަނީ މިއަދު ހެނދުނު 11:00 އެވެ.
މިއަދުގެ ޖަލްސާއަށް މެމްބަރުން ތަޅުމަށް ވަޑައިގަތީ މާސްކަ އަޅުއްވައިގެންނެވެ. އަދި މަޖިލީހުގެ ތަޅުމުގައި މެމްބަރުން އެތުރިގެން ތިއްބެވީ ދުރު ދުރުގަ އެވެ.
ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންް ކުރައްވާ މަސައްކަތަށް ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.

މޭ، 26، 2020: "ނިއު ނޯމަލް"ގެ ދަށުން ރައްޔިތުން މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ބޭއްވި ޖަލްސާ: އެޗްޕީއޭގެ ލަފާގެ މަތިން މެންބަރުން ތިއްބަވަނީ މާސްކް އަޅައިގެން އަދި ދުރުދުރުގައި -- ފޮޓޯ/ މަޖިލިސް އިދާރާ
"އަޅުގަނޑު ދެކޭގޮތުގައި މިއަދު މި މަޖިލިސް، މިގޮތަށް ނުހިންގުނު ނަމަ އަޅުގަނޑުމެންގެ ރާއްޖެއަށް ގެންނާން ހުރި އެތައް އެތައް ބަދަލެއް އަޅުގަނޑުމެންނަށް ގެނައުމަށް ވަރަށް ބޮޑަށް ދަތިވެގެން ދާނެ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރާއްޖެ އަލުންް ހުޅުވާ، ކޮވިޑް19 އާއެކު އުޅެން ދަސްކުރަން ޖެހޭކަމީ އެންމެނަށް އެނގޭ ކަމެއް ކަމަށާއި، ނިއު ނޯމަލްގައި އުޅެންޖެހޭނެ ގޮތުގެ މިސާލު ދައްކައިދޭން ތިބީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށެވެ.
މިއަދުގެ ޖަލްސާގައި 47 މެމްބަރަކު ބައިވެރިވަޑައިގެންނެވި އިރު، މާސްކް އަޅައިގެން ވާހަކަ ދައްކަން ޖެހޭތީ ބައެއް މެމްބަރުންނަށް އުނދަގޫތައް ކުރިމަތިވެ އެކަން ވަނީ ތަޅުމުގައި ފާހަގަކޮށްފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށްވެސް މާސްކް އަޅައިގެން ވާހަކަ ދައްކަން އުނދަގޫ ކަމަށެވެ. އެހެންވެ މެމްބަރުންނަށް ބަހުސަށް ދޭ ވަގުތު އިތުރު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި މާސްކް އަޅައިގެން ވާހަކަ ދައްކަން އިސާހިތަކު ފަރިތަވެދާނެ ކަމަށްވެސް ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ބާއްވަން ނިންމީ ހެލްތު ޕްރޮޓެކްޝަން އެޖެންސީއާ މަޝްވަރާކުރުމެއް ނެތިއެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ.
ނަމަވެސް މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ހެލްްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ފަހުން ހުއްދަ ދީފައެވެ. އަދި އެ ހުއްދަދިނީ އުސޫލުތަކަކަށް އަމަލުކުރުމަށް އެންގުމަށް ފަހު އެވެ. އޭގެ ތެރޭގައި މެމްބަރުން މާސްކް އެޅުމާއި، ޖަލްސާއަށް ވަނުމުގެ ކުރިން ހުން ބެލުމާއި، ދުރުދުރުގައި ތިބުން ހިމެނެ އެވެ.