ރާއްޖޭގައި މިވަގުތު އޮތީ ގާނޫނު އަސާސީއަށް ބަދަލުގެނެވޭނެ ފަދަ ހާލަތެއް ނޫން ކަމަށް ވިދާޅުވެ، ގާނޫނު އަސާސީއަށް ބަދަލު ނުގެނެސް މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދެމިތިބެވޭނެ ގޮތް ހެދުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ނުވަ ނުގުތާގެ ހިޔާލެއް މަޖިލީހުގައި ހިއްސާކުރައްވައިފި އެވެ.

މާސްކް އަޅައި، ދުރުދުރުގައި މެމްބަރު ތިއްބަވައިގެން މަޖިލީހުގެ ތަޅުމުގައި މިއަދު ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގައި ގައުމު އެވަގުތު އޮންނަ ހާލަތަށް ބަލަން ޖެހޭނެ ކަމަށެވެ.

ކޮންމެ ގަައުމެއްގައި ވެސް ގާނޫނު އަސާސީއަށް ބަދަލު ގެންނައިރު ފުރިހަމަވާން ޖެހޭ އެންމެ މުހިންމު ކަމަކީ، އެ ގެންނަ ބަދަލަކާ ގުޅޭގޮތުން އެންމެ ފުރިހަމަ ގޮތެއްގައި ރައްޔިތުންގެ މެދުގައި މަޝްވަރާ ކުރެވޭނެ މާހައުލެއް އޮތުން ކަމަށް މެންބަރު ވިދާޅުވި އެވެ.

ގާނޫނު ދުށް އަދި ދެކޭ ތަސައްވުރަކީ ވެސް އެއީ ކަމަށާއި މިވަގުތު ރާއްޖޭގައި ގާނޫނު އަސާސީއަށް ބަދަލުގެނެވޭނެ މާހައުލެއް އޮތް ކަމަށް ކުޑަކޮށް ވެސް ގަބޫލުނުކުރައްވާ ކަމަށް މެމްބަރު ވިދާޅުވި އެވެ.

"އަޅުގަނޑު އެހެން ދަންނަވާ ސަބަބު އަޅުގަނޑުގެ މޫނުމަތިން މި ހުރީ ފެންނަން. އިއްޒަތްތެރި މެމްބަރުންގެ މޫނުފުޅުމަތިން އެހުރީ ފެންނަން. އަޅުގނަޑުމެން މި ތިބީ މާސްކް އަޅައިގެން ބިރުވެރިކަމެއްގެ ތެރޭގައި،" މެމްބަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް މިކަމުގައި ވަރަށް ގިނަ މެމްބަރުންގެ ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ، ގާނޫނު އަސާސީއަށް ބަދަލު ނުގެނެސް ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ގޮތް ހޯދަން ޖެހޭ ކަމަށެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާއިރު، އިންތިހާބު ބާއްވައި އާ ކައުންސިލަރުން އިންތިހާބު ނުކުރެވޭނެތީ، އިންތިހާބު ބޭއްވެންދެން އިންތިގާލީ އިންތިޒާމުތަކެއް ހަމަޖެއްސޭނެ އުސޫލުތަކެއް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅޭނެ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. އަދި އެކަން ކުރުމަށް ގާނޫނު އަސާސީއަށް ބަދަލުގެންނަން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"އަދި އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން،" މެމްބަރު ވިދާޅުވި އެވެ.

މެމްބަރު ވަނީ ގާނޫނު އަސާސީއަށް ބަދަލު ނުގެނެސް، ކައުންސިލަރުން މަގާމުގައި ބޭތިއްބުމަށް، އިންތިގާލީ ގާނޫނެއްގެ ދަށުން ކުރެވިދާނެ ނުވަ ކަމެއް ފާހަގަކުރައްވައިފަ އެވެ.

އެންމެ މުހިންމު ނުކުތާއެއްގެ ގޮތުގައި މެމްބަރު ފާހަގަކުރެއްވީ އިންތިހާބު ބޭއްވެންދެން ކައުންސިލްތަކުގައި ތިބޭނީ މިހާރުވެސް ކައުންސިލަރުންގެ ގޮތުގައި އިންތިހާބުކޮށްފައިވާ ފަރާތްތައް ކަމަށާއި، އެހެން ނަމަވެސް އެފަރާތްތައް އިންތިހާބުކުރި މުއްދަތު ހަމަވެފައިވާތީ އެފަރާތްތަކަކީ ކައުންސިލަރުންގެ ގޮތުގައި ނުބަލާ، އެފަރާތްތަކަކީ ކައުންސިލަރުންްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްގެ ގޮތުގައި އިންތިގާލީ ގާނޫނަކުން ކަނޑައެޅުމެވެ.

ހަސަން ލަތީފް ވިދާޅުވީ ގާނޫނަކުން އެގޮތަށް ކަނޑައެޅުމުން ގާނޫނު އަސާސީއާ ހިލާފުވާނެ އެއްވެސް ޖާގައެއް އޮންނާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

މިހާރު ތިބި ކައުންސިލަރުންގެ ތެރެއިން، އަލަށް އުފަންކުރާ ގާނޫނުގައި ކަނޑައަޅާ ޝަރުތުތަކާ އެއްގޮތަށް މަސައްކަތް ކުރުމަށް ބޭނުންވާ ކައުންސިލަރުންނާއި އެ މަސައްކަތުގައި ދެމިތިބެން ބޭނުންވާ ކައުންސިލަރުންނާއި ބޭނުން ނުވާ ކައުންސިލަރުން ދެނެގަންނަން ޖެހޭނެ ކަމަށް މެމްބަރު ވިދާޅުވި އެވެ.

އެ ގާނޫނުގައި، އިންތިގާލީ މަރުހަލާގައި މިހާރު އިންތިހާބުވެފައި ތިބި ކައުންސިލްތަކުން ކުރަންޖެހޭނެ ކަންތައްތަކާ އަދި ކޮށްގެން ނުވާނެ ކަންތައްތައް ބަޔާންކުރުމާއި، ދައުލަތުގެ ފައިސާ އާއި މުދާ ބޭނުންކުރެވޭނެ އުސޫލުތަކާ ހަމަތައް ކަނޑައަޅާ އެކަން ކުރާނެ ގޮތުގެ ގައިޑްލައިނެއް ކަނޑައެޅުން ހިމެނެ އެވެ.

އޭގެ އިތުރުން އިންތިގާލީ މުއްދަތުގައި ކައުންސިލްތަކުގެ އިހްތިސޯސްގައި ހިމެނޭ ތަންތަނާއި އެއްޗެއްސާ މެދު މި މުއްދަތުގައި އަމަލުކުރާނެ އުސޫލު ވެސް ކަނޑައަޅަން ޖެހޭނެ އެވެ.

ހަތަރުވަނަ ކަމަކަށް މެމްބަރު ވިދާޅުވީ އެ މުއްދަތުގައި ކައުންސިލްތަކުން މަސައްކަތް ކުރާނެ ގޮތުގެ އެސްއޯޕީއެއް އެކުލަވާލައިި، އެ ޕްރޮސީޖަރާ އެއްގޮތަށް އަމަލުކުރުން ގާނޫނުގައި ލާޒިމްކުރުމެވެ.

އެކަން ތަންފީޒުކުރުމުގެ ކުރިން ސަރުކާރުން ހުއްދަ ހޯދަންޖެހޭ ކަންކަން ބަޔާންކޮށް، އެކަންކަން އެމޭރުމުން ކުރުން ކައުންސިލްގައި ތިއްބަވާ މެމްބަރުންނަށް ލާޒިމުކުރުން ވެސް ހިމަނަން އޭނާ ހުށަހެޅުއްވި އެވެ.

އިންތިގާލީ މުއްދަތުގައި ކައުންސިލްތަކުގެ މަސައްކަތް، ވިލަރެސް ކުރާނެ ހާއްސަ އިންތިޒާމެއް ލޯކަލް ގަވަމެންޓް އޮތޯރިޓީން އެކުލަވާލަން ވެސް ހިމަނާފައިވެ އެވެ. ހަސަން ލަތީފް ވިދާޅުވީ އެ އިންތިޒާމަކީ ސަރުކާރާ، މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާއެކު މަޝްވަރާކުރެވިގެން އެކުލަވާލެވޭ އިންްތިޒާމަކަށް ވާން ވާނެ ކަމަށެވެ.

އިންތިގާލީ މުއްދަތުގައި ތިބޭ ކައުންސިލަރުން ގާނޫނުގެ ދަށުން އެކުލަވާލެވޭ އުސޫލުތަކާ ހިލާފުވުމުން އަމަލުކުރެވޭނެ ގޮތާ، އެޅޭނެ ފިޔަވަޅުތައް ވެސް ގާނޫނުގައި ބަޔާންކުރަން ވާނެ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

"މިސާލަކަށް މަގާމުން ވަކިކުރުމަކީ ފިޔަވަޅެއް ކަމަށާއި، އަދި ވަކިކުރެވޭނެ ހާލަތްތަކަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްގައި އޮތުން މި ދަންނަވާ އިންތިގާލީ ގާނޫނުގައި،" ހަސަން ލަތީފު ވިދާޅުވި އެވެ.

ނުވަ ވަނަ ކަމަކަށް ހިމަނާފައި ވަނީ ގާނޫނުން ކަނޑައަޅާ ޝަރުތުތަކާ އެއްގޮތަށް މަސައްކަތް ކުރާނެ ކައުންސިލަަރުން ނެތް ކައުންސިލްތަކަށް، ކައުންސިލަރުން ވިލަރެސް ކުރާ ފަރާތުން ހާއްސަ އިންތިޒާމުތަކުގެ ތެރެއިން އެކަންކަން ވެސް ބަލަމުން ދިއުމެވެ.

މެމްބަރު ވިދާޅުވީ އެ ނުކުތާތައް، މަޖިލީހުގެ ލާމަރުކަަޒީ ކޮމިޓީއާ ވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި ކޮމިޓީގައި މަޝްވަރާކުރަމުން އަންނަ އިރު، އެ ނުވަ ނުކުތާއަށް ރިއާޔަތްކޮށް، ގާނޫނު އަސާސީ އިސްލާހު ނުކޮށް، ހައްލު ހޯދަން ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ލޯކަލް ކައުންސިލު އިންތިހާބު ބޭއްވުމާ ހަމައަށް ދިގު ދެންމޭނޭ ގޮތް ހެދުމަށް ހަސަން ލަތީފް ވަނީ ހާއްސަ ބިލެއް ހުށަހަޅުއްވައިފަ އެވެ.

ނަމަވެސް، އެފަދަ ގާނޫނަކުން ކައުންސިލަރުންގެ ދައުރު އިތުރު ނުކުރެވޭނެ ކަމަށާއި، ކައުންސިލަރުންގެ ދައުރު އިތުރު ކުރެވޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ކަމަށް ބައެއް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. އަދި އެ ބިލު ފާސްކުރީ ކައުންސިލްތަކުގެ ދައުރު އިތުރު ކުރުމާ މެދު ގޮތެއް ނުނިންމަ އެވެ.