މިފަހުން ރާއްޖެއިން ފެނުނު ގިނަ ކޭސްތަކަކީ ކުރިން ފެނިފައިވާ ކްލަސްޓާތަކާ ގުޅޭ ކޭސްތައް ކަމަށް އެންއޯއީސީގެ ތަރުޖަމާނު މަބްރޫ އަޒީޒު ވިދާޅުވެއްޖެ އެވެ.

އިއްޔެ ރާއްޖެއިން ކޮވިޑް19ގެ 24 ކޭސް ފެނުނު އިރު، އާދިއްތަ ދުވަހު ފެނުނު ކޭސްތަކުގައި އަދަދަކީ، 58 އެވެ. ހޮނިހިރު ދުވަހު 39 ކޭސް ފެނުނު އިރު، ހުކުރު ދުވަހު ފެނިފައި ވަނީ 58 ކޭހެވެ.

އެޗްޕީއޭ އިން މީގެ ކުރިން ބުނެފައިވަނީ ރާއްޖޭގައި ދުވަހުން ދުވަހަށް ފެންނަ ކޭސްތައް މިހާރު 30-40 ދެމެދު ހިފަހެއްޓިފައިވާ ކަމަށެވެ. އަދި ޕޮޒިޓިވްވިވާ މީހުންނާ ކޮންޓެކްޓްވާ މީހުންގެ އަދަދުވެސް ވަރަށް ބޮޑަށް މަދު ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، މިދިޔަ ދެދުވަހު ފެނުނު 82 ކޭސްގެ ތެރެއިން އެއްވެސް ކުލަސްޓާ އަކާ ގުޅުމެއް ނެތް ކޭސްތައް ވަަރަށް މަދު ކަމަށާއި، ގިނަ ކޭސްތަކަކީ ކުރީގެ ކޭސްތަކާ ކޮންޓެކްޓްވެ، މީގެ ކުރިން އެކަހެރި ކުރެވިފައިވާ މީހުން ކަމަށެވެ.

"މި ދިޔަ 48 ގަޑިއިރުތެރޭ 82 ކޭސް އަޅުގަނޑުމެންނަށް ފާހަހަ ކުރެވެނީ. އޭގެ ތެރެއިން 69 ކޭސްއަކީ، ކުރީގެ ކޭސްތަކުގެ ކޮންޓެކްސް. އެއީ އެ ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ދެނގަނެވި، އެބޭފުޅުން އަމިއްލައަށް ކަރަންޓީން ނުވަތަ އައިސޮލޭޝަންގައި ތިބި މީހުން،" މަބްރޫ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ: ފަހުން ފެނުނު 82 ކޭސްގެ ތެރެއިން 69 ކޭސް އަކީ ކުރީގެ ކްލަސްޓާތަކާ ގުޅޭ ކޭސްތައް ކަމަށް ވިދާޅުވި --- ފޮޓޯ/ އެންއޯއީސީ

މަބްރޫކު ވިދާޅުވީ، 82 ކޭސްގެ ތެރެއިން ދެން ހިމެނެނީ، ތޮއްޖެހިފައިވާ ބިދޭސީން އުޅޭ ސައިޓުތަކުން ފެނުނު ހަ ކޭސްކަމަށެވެ. އަދި އެއްވެސް ކޭސްއަކާ ގުޅުމެއް ނެތް އަށް ކޭސް ފެނުނު ކަމަށް މަބްރޫކު ވިދާޅުވި އެވެ.

މިއަދު މިހާތަނަށް އަދި އެއްވެސް ކޭސްއެއް ފެނިފައިވާކަމަށް އެޗްޕީއޭ އިން ހާމައެއް ނުކުރެވެ. ސަރުކާރުން ނިންމާފައިވަނީ މިހާރު ހުރި ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ކުރެވި، ދުވަހުން ދުވަހަށް ފެންނަ ކޭސްތައް މަދުވާ ނަމަ، އަންނަ ބުރާސްފަތި ދުވަހުގެ ފަހުން މާލޭ ސަރައްހަދުން ފެންނަ ކޭސްތަކަށް ލުއިދޭންށެވެ. އަދި ލުއި ދޭން ނިންމާފައިވަނީ ފިޔަވަހި ތަކަށް ބަހާލައިގެން ކަމަވެސް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

އެ އުސޫލުތައް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭ އާންމުކުރަން ވަނީ ނިންމައިފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީފު ވިދާޅުވީ، ފުރަބަންދާއެކު ކޭސްތަކުގެ ކޮންޓެކްސް ވަރަށް ބޮޑަށް މަދުވި ކަމަށާއި ނަމަވެސް ފުރަބަންދަށްފަހު، އިތުރަށް ކޭސްތައް ފެނުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. އެގޮތުން ފުރަބަންދަށް ލުއި ދޭއިރު، މިހާރު ތައްޔާރުވަމުން ދަނީ، ގިނަ މީހުންނަށް ފަރުވާ ދެވޭނެ ފެސިލިޓީތައް ގާއިމުކުރަން ކަމަށް ވިދާޅުވި އެވެ.

"އެގޮތުން އައިސީޔޫ ފެސިލިޓީތަކާއި އިތުރަށް އެޑްމިޓްކުރަންޖެހޭ މީހުންގެ ފެސިލިޓީތަކާއި އެޑްމިޓްކުރަން ނުޖެހޭ މީހުން އައިސޮލޭޓް ކޮށްފައި ހަމައެކަނި ވަކިން ތިބެވޭނެ އިންތިޒާމު ހަމަޖައްސަމުން މިދަނީ. އޭގެ އިތުރުން އަޅުގަނޑުމެން މި ބަލަނީ ލޮކްޑައުން ރިލީޒްކުރުމާއެކުވެސް ބަލި ކުއްލިއަކަށް ފެތުރިގެން ނުދާ ގޮތަކަށް ފިޒިކަލް ޑިސްޓެންސިން ފަދަ ކަންކަން ހިމަނައިގެން ހުޅުވާލެވޭތޯ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ: ފުރަބަންދަށްފަހު، އިތުރަށް ކޭސްތައް ފެނުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ވިދާޅުވި --- ފޮޓޯ/ އެންއީއޯސީ

ޑރ. ނަޒްލާ ވިދާޅުވީ، ފިޔަވަހިތަކަށް ބަހާލައިގެން ފުރަބަންދު ލުއިދޭއިރު އެކި ދާއިރާތަކާވެސް ވަރަށް ބޮޑަށް މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި އެ ދާއިރާތަކުގެ މަސައްކަތްތައް ބަލިން ރައްކާތެރިވުމާއި ބަލި ކޮންޓްރޯލް ކުރުމަށް ބޭނުންވާ އަސާސީ ކަންކަން ފުރިމަކޮށް މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތަކާމެދު މަޝްވަރާ ކުރަމުންދާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ، 1،395 އެވެ. އޭގެ ތެރެއިން 155 މީހުން ވައިރަހުން ރަނގަޅުވިއިރު، ހަތަރު މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.