28 Jun 2010, 10:12
14:30
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމުގެ އެގްރީމެންޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމުގެ އެގްރީމެންޓްގައި ސޮއިކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބާއްވަން އޮތް ރަސްމިއްޔާތުގައި އެންމެ ފުރަތަމަ ލަސްވާން ދިމާވީ އެ ޑޮކިއުމަންޓް އިތުރަށް ފުރިހަމަކުރެއްވުމަށް އެޓާނީ ޖެނެރަލް އެދިވަޑައިގަތުމާ ގުޅިގެން ވަގުތުކޮޅެއް ނަގަން ޖެހުމުން ކަމަށެވެ. އަދި އެ ކަންތައްތައް ކުރިއަށް ގެންދަން އެޓާނީ ޖެނެރަލް ވެސް އަދި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ލީގަލް ޓީމުން ވެސް ލަފާދެއްވާފައި ވަނީ ކޯޕަރޭޓް ގަވަރނަންސްގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ. އަދި އެކަމާ ބެހޭ ޗެކް ލިސްޓެއް ހައްދަވަންޖެހޭތީ އާއި އަދި ސޮއިކުރައްވަން ތިއްބެވި ބޭފުޅުން ވެސް އެކަމަށް އިންކާރު ނުކުރެއްވުމާ ގުޅިގެން އިއްޔެ ބާއްވަން އޮތް ސޮއިކުރުމުގެ ރަސްމިއްޔާތު ކެންސަލްކުރެއްވީ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމުގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ހަދާފައިވާ ކޯލިޝަނާ ބެހޭ ގޮތުން ޒުހެއިރު ވިދާޅުވީ އެބޭފުޅުން ވެފައިވާ އެއްބަސްވުން އަދި ރަސްމީކޮށް ރައީސް އޮފީހަށް ލިބިފައިނުވާ ކަމަށެވެ. އަދި މާލޭ އެއާޕޯޓް މައްސަލައިގައި އިދިކޮޅު ބައެއް ސިޔާސީ ޕާޓީތަކުން މައުލޫމާތު ހޯދަން އެދިފައިވާ ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލް ވެސް ޒުހެއިރު ދެއްވި އެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމުގެ އެގްރީމެންޓްގައި ސޮއިކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބާއްވަން އޮތް ރަސްމިއްޔާތު އެންމެ ފަހު ވަގުތު ކުއްލި ގޮތަކަށް ކެންސަލްކޮށްފައި ވަނީ އިއްޔެ މެންދުރު ދެގަޑިބަޔަށް މީޑީޔާތަކަށް ދިން ދައުވަތަށް ރައީސް އޮފީހަށް ދިޔައިރު، އެގްރީމެންޓްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ، ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަނަންވާ ދެ ފަރާތުގެ އިސް ބައެއް ވެރިން ވެސް އެ ރަސްމިއްޔާތު ބޭއްވުމަށް ތައްޔާރުކޮށްފައިވާ މާލަމުގައި ތިއްބަވަނިކޮށެވެ.