26 May 2020, 13:23
އޭޝިޔާގެ އެންމެ މުއްސަނދި އިގްތިސާދު ތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރުގެ އުފެއްދުންތެރިކަމުގެ ނޫނީ ޖީޑީޕީ ކުރިއެރުން ކުރިން ލަފާކުރި ވަރަށް ވުރެވެސް ބޮޑަށް ދަށަށް ދާނެ ކަމަށް ލަފާކޮށްފި އެވެ.
ކޮވިޑް19 ގެ ސަބަބުން މުޅި ދުނިޔެއަށް އިގްތިސާދީ ގޮތުން ބޮޑު ހީނަރުކަމެއް އައިސްފައިވާއިރު، ސިންގަޕޫރުގެެ ޖީޑީޕީ ދަށްވާނެ ކަމަށް މީގެ ކުރިން ލަފާކުރި މިންވަރަށްވުރެ ބޮޑަށް ދަށަށް ދާނެ ކަމަށް އެ ގައުމުގެ ޓްރޭޑު މިނިސްޓްރީއިން ލަފާކުރަމުން ބުނެފައި ވަނީ މިއީ އިގްތިސާދީ ގޮތުން އެ ގައުމަށް މިފަހުން ކުރިމަތިވާނެ އެންމެ ފުން ވަޅުގަނޑެވެ.
އެ ގައުމުގެ ޓްރޭޑު މިނިސްޓްރީ އިން މިއަދު އާންމު ކޮށްފަިއވާގޮތުން އެ ގައުމުގެ ޖީޑީޕީ މިއަހަރު މައިނަސް ހަތަރަކާއި މައިނަސް ހަތަކާ ދެމެދަށް ވެއްޓޭނެ ކަމަށް ލަފާކުރެވެ އެވެ. މީގެ ކުރިން ލަފާކޮށްފައި އޮތީ މިއަހަރު ތެރޭ ސިންގަޕޫރުގެ ޖީޑީޕީ މައިނަސް އެކަކާ މައިނަސް ހަތަރަކާ ދެމެދަށް ވެއްޓޭނެ ކަމަށެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސިންގަޕޫރުގެ އިގްތިސޯދީ ދުވެލި ހުރީ 0.7 ޕަސެންޓުގަ އެވެ. ކުރިއަށް އޮތްތަނުގައި އިގްތިސާދީ ދުވެލި އިތުރަށް ދަށަށް ދާނެ ކަމަށް އިގްތިސޯދީ މާހިރުން ލަފާލުރެ އެވެ.
ހާއްސަކޮށް ކޮވިޑާއެކު އިގްތިސޯދީ މަސައްކަތްތައް ހުއްޓިފައިވާއިރު ރެސެޝަން އަކާ ދިމާލަށް ސިންގަޕޫރު ވަނީ މިސްރާބު ޖަހައިފައެވެ. ރެސެޝަން އެއް ކަމަށް ބަލަނީ ޖެހިޖެހިގެން ދެ ކުއާޓަރުގައި ނެގެޓިވް އިކޮނޮމިކް ގްރޯތެއް ރެކޯޑު ކުރެވިފައިވާނަމައެވެ. މިހާލަތުގައި ގައުމުގެ އުފެއްފުންތެރިކަން ދަށަށްގޮސް، ވަޒީފާނެތް މީހުން ގިނަވެ، އާންމުންގެ ސްޕެންޑިން ލެވެލް ދަށްވާނެވެ.
ސިންގަޕޫރުގެ ޓްރޭޑު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ، ގެބްރިއަލް ލިމް ވިދާޅުވީ ކޮވިޑް19ގެ ސަބަބުން އިގްތިސޯދަށް ކުރާ އަސަރު ދެމިގެންދާނީ ކިހާ މުއްދަތަކަށް ކަމެއް ލަފާކުރަން ނޭނގޭ ކަމަށެވެ. އަދި އިގްތިސޯދު އަލުން ކޮޅަށް ޖެހުމަށް ކުރަން ޖެހޭނެ މަސައްކަތް އަންދާޒާ ކުރަންވެސް ދަތިކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ސިންގަޕޫރުގެ މަރުކަޒީ ބޭންކުން ބުނީ އިގްތިސޯދީ ދުވެލި ދަށަށް ދިޔަ ނަމަވެސް މަނިޓަރީ ޕޮލިސީ ރިވައިޒް ކުރާނީ ކުރިންވެސް ކަނޑައަޅާފައިވާގޮތަށް އޮކްޓޯބަރު މަހު ކަމަށެވެ.
ސިންގަޕޫރަކީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ އެއް ގައުމެވެ. އެގައުމުގައި ގާއިމް ކޮށްފައިވާ ލޮކްޑައުންގެ އުސޫލުތަކަށް އަންނަ މަހުން ފެށިގެން މަޑުމަޑުން ލުއިދޭން ސަރުކާރުން ވަނީ ނިންމައިފައެވެ. ސިންގަޕޫރުގައި މިހާތަނަށް 31,960 މީހަކަށް ބަލި ޖެހިފައިވާއިރު 31 މީހަކު ވަނީ މަރުވެފަ އެވެ.