ސ. ފޭދޫ ގެއަކުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ދެ މީހަކާއި އެ ރަށުން ސައިކަލް ފުރޮޅުތަކެއް ވަގަށް ނަގަން އުޅުނު ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ވައްކަމުގެ ދެ މައްސަލައިގައި ހަ މީހުން ވެސް ހައްޔަރު ކުރީ ރޭ ކަމަށެވެ. އެމީހުންގެ ބަންދުގެ މުއްދަތު ހަތް ދުވަހަށް ފޭދޫ ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.

އޭގެ ތެރެއިން ދެ މީހަކު ހައްޔަރު ކުރީ ފޭދޫ ދިލްކަޝްވިލާގެ އިން ލެޕްޓޮޕަކާއި ފޯނެއް ވަގަށް ނެގި ކަމުގެ ތުހުމަތުގަ އެވެ. އަދި އަނެއް ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ސައިކަލެއްގެ ފުރޮޅުތަކެއް ވަގަށް ނަގަށް އުޅުނު ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެ އެވެ.

އިއްޔެރޭ ވަނީ ހިތަދޫގެ ދެ ފިހާރައެއް ވެސް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ އާއި ސިނގިރޭޓް ވަގަށް ނަގައިފަ އެވެ.
މީގެ އިތުރުން ވެސް ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާއި ގޭގޭގައި ގެންގުޅޭ ދޫނި ފަދަ އެއްޗެހި ފަހަކަށް އައިސް ވަގަށް ގެންދާ މައްސަލަ ރިޕޯޓު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ސްކޫލް ބަންދާ ދިމާކޮށް އައްޑޫގައި މިދުވަސްކޮޅު ވައްކަން ކުރާމިންވަރު އިތުރުވެފައިވާ ކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ފިހާރަތައް ބަންދުކޮށްފައިދާ ވަގުތު ގިނަ އަދަދެއްގެ ފައިސާ ފިހާރަތަކުގައި ނުބެހެއްޓުމަށް ފުލުހުން އިލްތިމާސް ކުރާ ކަމަށެވެ. މީގެ އިތުރުން ވެސް ގޭގޭގައި ގެންގުޅޭ އަގުބޮޑެތި ތަކެތި ފަސޭހަ އިން ވަގުންނަށް ނުގެންދެވޭ ގޮތަށް ރައްކާ ކުރުމަށް ވެސް ފުލުހުން އިލްތިމާސް ކުރެ އެވެ.