26 May 2020, 03:08
ހާއްސަ އިންޒާމުތަކެއްގެ ދަށުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ފަހު، މަޖިލިސް ތަޅުމުގައި ޖަލްސާ ބޭއްވޭނެ ކަމަށް ހެލްތް ޕްރެޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައިވަނީ، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ސޮއިކޮށް، މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް މިއަދު ފޮނުއްވި ސިޓީއެއްގަ އެވެ.
އެ ސިޓީގައި ބުނީ މަޖިލީހުގެ ތަޅުމުގައި ބާއްވާ ޖަލްސާއަށް މެމްބަރުން ވަޑައިގަތުމުގެ ހުއްދައައް މަޖިލީހުގެ އިދާރާ އިން އެދުމުން، އެކަމުގައި އެޗްޕީއޭގެ ލަފައެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން މަޖިލީހުގެ އިދާރާގައި ވަކި ކަންތައްތަކެއް ފުރިހަމަވުމުން، ޖަލްސާއަށް މެމްބަރުން ވަޑައިގަތުމުގެ ހުއްދަ ދިނުމަށް އެޗްޕީއޭ އިން ލަފާ ދީފައިވާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
މަޖިލީހުން ތަޅުމުގައި ޖަލްސާ ބާއްވާނަމަ ފުރިމަހަ ކުރަން ޖެހޭ ހަތް ކަމެއް ސިޓީގައި ބަޔާންކޮށްފަައިވެ އެވެ. އެ ކަންތައްތަކަކީ؛
ޖަލްސާ ކުރާ މާލަމަށް ވަނުމުގެ ކުރިން، ޓެމްޕަރޭޗާ ބަލައި ހުން ނެތްކަން ކަށަވަރު ކުރުން.
- ކޮވިޑް-19 ގެ އަލާމާތެއް ހުރި އެއްވެސް މީހަކު ޖަލްސާގައި ބައިވެރި ނުވުން.
- މާލަމަށް ވަނުމުގަ އާއި ނުކުތުމުގައި، އެކަކު އަނެކަކާ ދެމެދު ތިން ފޫޓުގެ ދުރުމިނެއް ގާއިމުކުރުން.
- ޖަލްސާގައި ބައިވެރިވާ މީހުން ސައިބޯނި ލައިގެން އަތްދޮވެވޭނެ ގޮތް ނުވަތަ ހޭންޑް ސެނިޓައިޒާ ބެހެއްޓުން.
- މާލަމުގައި ތިބޭއިރު ގިނަގިނައިން މީހުން އަތްލާނެ ތަކެއްޗާއި ތަންތަން (މޭޒުމަތި، ތަޅު، ކީބޯޑު، މައުސް ފަދަ ތަކެތި) ސާފުކޮށް ޑިސްއިންފެކްޓް ކުރުން.
- ކޮވިޑް-19 އިން ރައްކާތެރިވުމުގެ އާންމު އިރުޝާދުތަކާ އެއްގޮތަށް ކެއްސައި، ކިނބިހި އަޅާއިރު، ޓިޝޫ ނުވަތަ އަތުގެ އުޅަނބޮށީގެ އެތެރެފުށް ބޭނުންކުރުން.
- މީހުން އެއްތަނަކަށް އެއްވެގެން ކޮންމެހެން ބާއްވަންޖެހޭ ޖަލްސާއެއް ނޫނީ މި ދުވަސްވަރު ނުބޭއްވުން. އެންމެ އެދެވިގެން ވަނީ ވާޗުއަލްކޮށް ޖަލްސާ ބޭއްވުން.
ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިގެން ހާއްސަ އިންތިޒާމެއްގެ ދަށުން މާދަމާއިން ފެށިގެން ތަޅުމުގައި ޖަލްސާ ބޭއްވުމަށް ރައީސް ނަޝީދު ވަނީ ނިންމަވައި އެކަން މެންބަރުންނަށް އިއްޔެ އަންގަވައިފަ އެވެ. އެހެން ނަމަވެސް، ބައެއް މެމްބަރުން އަންނަނީ މި ނިންމުމާ ދެކޮޅު ހައްދަވަމުންނެވެ. އޭގެ ތެރޭގައި އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީ މެމްބަރުންވެސް ހިމެނެ އެވެ.
މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބާއްވަން ނިންމާފައި ވަނީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު އަދި ހެލްތު ޕްރޮޓެކެޝަން އެޖެންސީއާ ވެސް މަޝްވަރާނުކޮށް ކަމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު ރޭ ވަނީ ވިދާޅުވެފަ އެވެ.
މަޖިލީހުގެ ބައެއް މެންބަރުން ވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޗްޕީއޭގެ މަޝްވަރާއެއް ނުހޯދާ އަދި ހުއްދައެއް ނެތި މަޖިލީހުގެ ޖަލްސާތައް ބާއްވާތީ އެކަމާ ނުރުހުން ފާޅު ކުރައްވައި، އެއީ ގާނޫނުގެ ތެރެއިން ކުރެވިދާނެ ކަމެއް ކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ.
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މެންބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ބޭއްވުން މި މަހުގެ 28އާ ހަމަޔަށް ލަސްކުރެވެން ނެތް ކަމަށް ޑިރެކްޓާ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަރުކަށް ދަންނަވާފައި ވާނެ ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާ ތަޅުމުގައި ބޭއްވުމަށް ނިންމެވީ މެންބަރުންނާ މަޝްވަރާ ކުރުމަށް ފަހު ގިނަ މެންބަރުންގެ ހިޔާލު އެގޮތަށް ހުރުމުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
މަޖިލިސް ޖަލްސާތައް ތަޅުމުގައި ބޭއްވުމަށް ނިންމާފައިވާއިރު، މާދަމާ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ އަންނަ މަހު ތިން ވަނަ ދުވަހު ދައުރު ހަމަވާ ކައުންސިލް ތަކުގެ ދައުރު ދިގުކުރުމުގެ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލެވެ.