26 May 2020, 00:40
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވަން އެއްވެސް ފަރާތަކުން ހުރަސްއަޅާނަމަ އެފަރާތަކާ މެދު ފިޔަވަޅު އެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ލާޒިމް ކަމެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
މިރޭ ކުރެއްވި ޓްވީޓެއްގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް އެއްވެސް ފަރާތަކަށް ހުރަސް ނޭޅޭނެ ކަމަށެވެ.
އަލީ އާޒިމް ކުރެއްވި ޓްވީޓް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރި ޓްވީޓް ކުރައްވާފައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅާއެކު މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ފަށަން މަޖިލީހުގެ ރައީސް ވަނީ ނިންމަވާފައެވެ. އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅާއެކު ބާއްވާ ފުރަތަމަ ޖަލްސާ މާދަމާ އޮންނާނެއެވެ.
ރައީސް ނަޝީދަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުން އަންނަނީ ރައްކާތެރިިކަމުގެ ފިޔަވަޅާއެކު ޖަލްސާތައް ބާއްވަން ތާއީދު ކުރައްވަމުންނެވެ. ނަމަވެސް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އެޗްޕީއޭގެ ހުއްދަނެތި މަޖިލީހުގެ ޖަލްސާތައް ނުބޭއްވޭނެ ކަމަށް ވިދާޅުވަމުންނެވެ.
މަޖިލީހުގެ މެމްބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ބެލިއިރު، ގިނަ މެމްބަރުންނަށް ފެންނަނީ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބާއްވަން ކަމަށެވެ.
މާދަމާއިން ފެށިގެން ތަޅުމުގައި ޖަލްސާ ބޭއްވުމަށް މަޖިލީހުން އާންމުކޮށްފައިވާ އިންތިޒާމުތަކުގެ ދަށުން، ޖަލްސާ ކުރާ މާލަމުގައި އެއް ވަގުތެއްގައި އެންމެ ގިނަވެގެން ތިބެވޭނީ 42 މެމްބަރުންނަަށެވެ. އަދި މެމްބަރުންނާއި މުވައްޒަފުން ވެސް ތިބޭނީ މާސްކް އަޅައިގެންނެވެ.