މި އަހަރު ފުލުހުންނަށް ހުށަހެޅި މައްސަލަތަކަށް ބަލާ އިރު، ކުޑަކުދިންނާއި އަންހެނުންނާ ގުޅުން ހުރި މައްސަލަތަކުގައި 18 އަހަރުން ދަށުގެ ކުޑަކުދިންނާ އެކު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ މައްސަލަތަކާއި ފިރިމީހާ އަނބި މީހާ އަށް އަނިޔާކުރުމުގެ މައްސަލަތަކާއި ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތައް ގިނަކަން ފާހަގަ ކުރެވޭ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މި އަހަރުގެ ޖެނުއަރީ އިން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ކުޑަކުދިންނަށް ކުރާ އެކިކަހަލަ އަނިޔާތަކާ ގުޅޭ 557 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުދިންނާ ސީދާ ގުޅުން ހުރި 374 މައްސަލައަކާއި އަންހެނުންނާ ގުޅުން ހުރި 183 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަތަކުގެ ތެރެއިން 186 މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އަށް ފުލުހުން ފޮނުވާފައިވާ އިރު ތަފާތު ސަބަބުތަކާ ހެދި އިތުރަށް ތަހުގީގު ކުރުމަށް 69 މައްސަލައެއް ޕީޖީ އިން ވަނީ އަނބުރާ ފުލުހުންނަށް ފޮނުވައިފަ އެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާތައް މުޖުތަމަޢުގައި އިތުރުވަމުން ދިއުމާ ގުޅިގެން މިފަދަ އަނިޔާތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ރޫޙެއް މުޖުތަމަޢުގައި އުފައްދައި، އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ޓަކައި ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ލަނޑުދަނޑިތަކެއް ވަނީ ކަނޑައަޅާފަ އެވެ. އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ކުޑަކުދިން ކުރާ ކުށްތައް ތަހުގީގުކުރުމަށް ޓަކައި އިންވެސްޓިގޭޝަން އޮފިސަރުންގެ ގޮތުގައި 27 ފުލުހަކު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.