ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނިކޮށް ފިލި ބިދޭސީންގެ ތެރެއިން މިހާތަނަށް ފެނިފައިނުވާ މީހާގެ މައުލޫމާތު ހާމަކުރާނީ ފުލުހުން އެގޮތަށް ލަފާދިނުމުން ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެމީހާ އަދިވެސް ނުފެންނަ ކަމަށާއި ފުލުހުން ލަފާ ދިނުމުން އެމީހާގެ މައުލޫމާތު ހާމަ ކުރާނެ ކަމަށެވެ.

"މިކަމުގައި އެޗްޕީއޭގެ ޓީމުން ވިދާޅުވާ ވާހަކައަކީ ޕޮލިހުން، އެމީހާ ނުފެނުކަމަށް އަދި އެމީހާ ހޯދަން އެމީހާގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ މުހިންމުކަމެއް ކަމަށް ލަފާ ދިނީމަ އެޗްޕީއޭއިން އެކަން ކުރާނެ ކަމަށް. އަދި އެކަން އެގޮތަށް ނުކުރޭ،" މަބްރޫކް ވިދާޅުވި އެވެ.

އެންމެ ފުރަތަމަ އިއުލާނުކުރީ ހަތް މީހުން ގެއްލިގެން ހޯދަމުންދާ ކަމަށެވެ. ފުލުހުން ކުރި މަސައްތަކުން އޭގެ ތެރެއިން ހަ މީހަކު ފެނުނުއިރު، އޭގެ ތެރެއިން އެކަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ވެންޓިލޭޓަރުން ފަރުވާ ވެސް ވަނީ ދީފަ އެވެ.

ގެއްލުނު ހަތް މީހުންގެ ތެރެއިން ހަތަރު މީހުން ދިރިއުޅެމުންދިޔައީ ތޮއްޖެހިގެން ބިދޭސީން އުޅޭ ތަނެއްގައެވެ. އަދި އަނެއް ތިން މީހުން އުޅުނީ ތަފާތު ތިން ތަނެއްގައެވެ.