މާލެ ސަރަހައްދުގައި ފުރަބަންދު އިއުލާނުކޮށްފައި ވަނިކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ނެތި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަޖިލީހުގެ ޖަލްސާއެއް ބާއްވަމުން ތާވަލް ކުރުމުން، އެ ޖަލްސާއަށް ހާޒިރުވާން ބައެއް މެމްބަރު ދެކޮޅުހައްދަވަން ފައްޓަވައިފި އެވެ.

މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް މާލެ ސަރަހައްދު އޮތީ ފުރަބަންދުކޮށްފަ އެވެ. އެހެން ނަމަވެސް މާދަމާއިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް، ތަޅުމުގައި ބާއްވަން ވަނީ ނިންމައިފަ އެވެ. އަދި ޖަލްސާތައް ކުރިއަށް ގެންދަން ރާވާފައިިވާ ވެސް ވަނީ އާންމުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ބެލިއިރު، ގިނަ މެމްބަރުންނަށް ފެންނަނީ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބާއްވަން ކަމަށެވެ.

އެހެން ނަމަވެސް، ބައެއް މެމްބަރުން އަންނަނީ މި ނިންމުމާ ދެކޮޅު ހައްދަވަމުންނެވެ.

ވަޓްސްއެޕް ގްރޫޕުގައި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެފައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް މަޖިލީހަށް ވަޑައިގަނެވޭނީ އެޗްޕީއޭ ނުވަތަ ޕޮލިސްގެ ހުއްދައެއް ލިބިގެން ކަމަށާއި އެ ހުއްދަ އޮތްކަން މަޖިލީހުގެ އިދާރާއިން ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް އެފަދަ ތަނެއްގެ ހުއްދަ ނުހޯދާ އެކަކަށްވެސް ނުކުމެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން،" މެމްބަރު ވިދާޅުވި އެވެ.

ރިޔާޒް ވަނީ މަލެ ލޮކްޑައުން ކޮށްފައި ވަނިކޮށް، ހުރިހާ ހުއްދައެއް ހޯއްދަވައިގެން ތިމަރަފުށީގައި ހުންނަވައި މާލެ ވަޑައިގަތުމުން އެ މައްސަލަ މަޖިލީހުން ބަލާފައިވާކަން ވެސް ފާހަގަކުރައްވައި ފައެވެ.

އެ މައްސަލަ ބެލުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކް ކޮމިޓީން ނިންމާފައިވަނީ، އެކަމުގައި ރިޔާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށެވެ.

އެހެންކަމުން މެމްބަރުން މަޖިލީހަށް ވަޑައިގަތުމަށް އެޗްޕީއޭ ނުވަތަ ފުލުހުން ދީފައިވާ ހުއްދައެއް ވާނަމަ، އެ ހުއްދައިގެ ކޮޕީ ގްރޫޕުގައި ހިއްސާކޮށްދެއްވުމަށް މެމްބަރު ވަނީ މަޖިލީހުގެ އަމީންއާންމުގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެކަން މަޖިލީހުގައި ދަންނަވާފައި ވާނެ ކަމަށް ވެސް ރިޔާޒު ވަނީ ޓްވިޓާގައި ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވެފައި ވަނީ މާލެ ސަރަހައްދު ފުރަބަންދުކޮށްފައި އޮތްއިރު މަޖްލިސް ޖަލްސާތައް ބޭއްވުމަށް މަޖިލިސްކުރާގެއަށް މެންބަރުންނަށް އެއްވެވޭނީ އެކަމަށް އެޗްޕީއޭގެ ހާއްސަ ހުއްދައެއް ލިބިގެން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ގާނޫނީ އަމުރުތަކަށް ތަބާވާންޖެހޭނެ،" މެމްބަރު ވިދާޅުވި އެވެ.

މެމްބަރުން ތަޅުމަށް ހާޒިރުވެވަޑައިގެން، ޖަލްސާތައް ބޭއްވުމާ ދެކޮޅަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ވެސް ވަނީ ގްރޫޕުގައި ވާހަކަދައްކަވައިފަ އެވެ. އެކަމާ ގުޅިގެން ނަޝީދު ވިދާޅުވި ކަމަށް ވަނީ، އެކަން ކުރީ މެންބަރުންގެ ހިޔާލު ހޯދައިގެން ކަމަށާއި އެކަމާ މެދު ގުރޫޕުގައި ބަހުސް ނުކުރުމަށެވެ.

މީގެ އިތުރުން، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެފައި ވަނީ، މާލެ ލޮކްޑައުންގެ ހާލަތުގައި އޮއްވައި އެޗްޕީއޭގެ ހުއްދަނެތި މަޖިލީހުގެ ޖަލްސާތައް މަޖިލިސްކުރާ ގޭގައި ބޭއްވުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު، އިބްރާހިމް ޝަރީފް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ފުރަބަންދުކޮށްފައި ވަނިކޮށް އާންމު ރައްޔިތުންނެކޭ އެއްގޮތަށް މަޖިލީހުގެ މެންބަރުންނަށް ވެސް ޖަލްސާތަކަށް ދެވޭނީ ބޭރަށް ނިކުތުމުގެ ފާސްލިބިގެން ކަމަށެވެ. އަދި އެ ނޫން އުސޫލަކުން އަމަލު ކުރާނަމަ، ރައްޔިތުންނަށް އެދެވެނީ ނުބައި މެސެޖެއް ކަމަށް ވެސް މެންބަރު ޝަރީފް ވިދާޅުވި އެވެ.

"ގާނޫނު ހަދާ މީހުން އެޔަށް ބޯ ނުލަބާ ނަމަ، ރައްޔިތުންނަށް އެ ދެއްކެނީ ނުބައި މިސާލެއް،" މެންބަރު ޝަރީފް ވިދާޅުވެފައިވެ އެވެ.

އެޗްޕީއޭގެ ހުއްދައެއް ނެތި މަޖިލިސް ޖަލްސާތައް ތަޅުމުގައި ބޭއްވި ދާނެ ކަމާ މެދު ސުވާލު އުފައްދަވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އަމުރަށް ފުރިހަމައަށް ތަބައަވާން ޖެހޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް މީގެ ކުރިން ވިދާޅުވެފައިވާ ކަމަށާއި އެހެންކަމުން ރައްޔިތުންގެ ރައްކަލަކަށް ކޮށްފައިވާ އަމުރަކާ ހިލާފަށް އޭނާ ކަމެއް ކުރަން ބޭނުން ނުވާ ކަމަށެވެ.

"ހުރިހާ ރައްޔިތުންގެ ސަލާމަތާ ހިލާފަށް ކޮށްފައިވާ އަމުރަކާ ހިލާފަށް އަޅުގަނޑު ބޭނުމެއް ނޫން އަޅުގަނޑުގެ މައްޗަށް ފަހުން ދައުވާކޮށްފާނެ ކަމެއް ކުރާކަށް،" ރޮޒައިނާ ވިދާޅުވި އެވެ.

މާދަމާއިން ފެށިގެން މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބާއްވަން ނިންމާފައި ވީނަމަވެސް، އެކަމާ ގުޅޭގޮތުން އެޗްޕީއޭއާ އެއްވެސް ވަރަކަށް މަޝްވަރާކޮށް ހުއްދަ ހޯދާފައިނުވާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ވަނީ ބުނެފަ އެވެ.

މިހާތަނަށް މަޖިލީހުގެ ޖަލްސާތައް ބާއްވަމުން އައީ، މައިކްރޯސޮފްޓް ޓީމް މެދުވެރިކޮށް އޮންލައިންކޮށެވެ.

މާދަމާ އެޖެންޑާގައި އޮތީ މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދިގު ކުރުމަށް ގާނޫނު އަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ބަހުސް ކުރުމެވެ. ނަޝީދު ޕީޖީ ގުރޫޕްގައި ވިދާޅުވި ކަމަށް ވަނީ، މެންބަރުން ޗެމްބަރުގައި ނެތި ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ކުރުން ބުއްދިވެރި ނޫން ކަމަށެވެ.