ރާއްޖެއިން ކޮވިޑް-19 ވައިރަސް ޖެހުމަށްފަހު އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު 154 އަށް އަރައިފި އެވެ.

ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ 154 ރިކަވާ ކޭސް އުޅޭއިރު 1،235 އެކްޓިވް ކޭސް އަދި އެބައުޅޭ ކަމަށެވެ.

މިއަދު ކޮވިޑް ޖެހިފައިވާ 24 މީހަކު ފެނިފައިވާއިރު އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 1،395 އަށް އަރާފައެވެ.

އެގޮތުން ވައިރަސް އަށް ޕޮޒިޓިވްވި ކޭސްތަކާ ގުޅޭ 249 ކޮންޓެކްޓް ޓްރޭސިން ހަދާފައިވާ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

އެއާ ގުޅިގެން 406 ބިލްޑިން މިވަގުތު ހުރީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ވައިރަސް އާ ގުޅިގެން މިހާރު އައިސޮލޭޝަން ފެސިޓީތަކުގައި ޖުމްލަ 1،178 މީހުން ތިބި އިރު ކަރަންޓީން ފެސިލިޓީތަކުގައި 1،676 މީހުން އެބަތިބި ކަމަށެވެ.