26 May 2020, 10:51
ކޮރޯނާވައިރަހުގެ ސަބަބުން އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށް ދޫދިނުމާއެކު ރާއްޖޭގެ ފުޓުބޯޅަ ސީޒަން އަލުން ފަށާނެކަމަށް އެފްއޭއެމްއިން ބުނެފައިވާ އިރު، ލީގު ދެ ބުރަކަށް ކުރުކޮށް އެފްއޭ ކަޕަށާއި، ޕްރެޒިޑެންޓްސް ކަޕަށް ފޯކަސްކުރުމަށް ކުޅުންތެރިން ގޮވާލައިފިއެވެ.
އެފްއޭއެމްގެ ޝެޑިއުލްތައް ބަދަލުވުމާއި، ގައުމީ ޓީމުގެ ތަމްރީނުތަކަށް ގިނަ ދުވަސްތަކެއް ވަންދެން ކުލަބު ފުޓުބޯޅަ މެދުކަނޑާލަން ޖެހުމާއެކު ވޭތުވެ ދިޔަ ދެ އަހަރުވެސް އެފްއޭކަޕާއި ޕްރެޒިޑެންޓްސް ކަޕް ކުޅެފައެއް ނުވެއެވެ. އެކަމަކު ލީގު ނިންމާލައި، އެފްއޭ ކަޕުގެ ކުޅުން މިއަހަރު ފެށި އިރު ކޮރޯނާވައިރަހުގެ ސަބަބުން އެ މުބާރާތް ވެސް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތި އުޅެނިކޮށް އެފްއޭއެމުން ވަނީ ސީޒަން ނިންމާލައިފައެވެ.
އެފްއޭއެމުން ގެނެސްދޭން ފަށާފައިވާ ފުޓްބޯޅަ ޓޯކް ޝޯގައި މިރޭ ބައިވެރިވި ޓީސީ ސްޕޯޓްސް ކުލަބުގެ ކެޕްޓަން އަހުމަދު ފައްރާހު (ފައްރަ) ބުނީ ހަމައެކަނި ލީގު ކުޅެން ޖެހޭތީ ކުލަބާއި، ކުޅުންތެރިންގެ ނުތަވަނަސްކަމެއް ހުރިކަމަށެވެ. ފައްރަ ބުނީ ކުޅުންތެރިންނާއި، ކުލަބުތަކުން ސީޒަން އަލުން ފަށާއިރު ބޭނުންވަނީ ލީގު ކުރިއަށް ވުރެން ކުރުކޮށްލައި، އެހެން މުބާރާތްތަކަށް ވެސް ފުރުސަތު ދިނުން ކަމަށެވެ.
"އަޅުގަނޑުމެން ދަނޑުމައްޗަށް މި އަރަނީ ކާމިޔާބު ހޯދުމަށް. މިދިޔަ ދެ އަހަރު މިދިޔައީ އެފްއޭކަޕާއި ގައުމީ ކަޕު ނުކުޅެ. އެކަމުގެ ސަބަބުން ކުޅުންތެރިންނަށް ބޮޑު ގެއްލުމެއް ލިބުން،" ފައްރަ ބުންޏެވެ.
ފައްރަ ބުނީ، އެހެން މުބާރާތްތައް ކުޅުމަށް އެކި އެކި ސަބަބުތަކާ ހުރެ ސީޒަނުން ވަގުތު ނުލިބޭކަމަށްވާނަމަ ލީގު ކުރުކޮށްލަން ޖެހޭ ކަމަށެވެ.
އެފްއޭއެމުން ލީގަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު މިދިޔަ އަހަރުގެ ފުޓުބޯޅަ ސީޒަން ފެށީ ޖޫން މަހު އެވެ. އަދި ލީގު ވެސް ކުޅުނީ ތިން ބުރަކަށް ބަހާލައިގެންނެވެ. ނަމަވެސް އެކަމުގެ ސަބަބުން ލީގު ދިގުލައިގެން ގޮސް ނިންމާލެވުނީ މިއަހަރުގެ ކުރީކޮޅެވެ.
"މި ނިމުނު ސީޒަނުގައި މިކުޅުނީ ތިން ބުރު. އެހެން ވީމަ ލީގު ދެބުރަށް ކުރުކޮށްގެން ވިޔަސް އެފްއޭ ކަޕާއި ގައުމީ ކަޕަށް އެބަޖެހޭ ދާން. އެ ދެ މުބާރާތް ނެތީމަ ކޮންސާނަކަށްވޭ ވަރަށް ބޮޑަށް ކުޅުންތެރިންނަށް. ކާމިޔާބު ހޯދަން ލިބޭ ފުރުސަތެއް އަސްލު ގެއްލިގެން މިދަނީ،"
ރޭގެ ޓޯކްޝޯގައި ވާހަކަ ދައްކަމުން މާޒިޔާ ސްޕޯޓްސް ކުލަބުގެ ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) ބުނީ، ހުރިހާ ކުލަބަކީ އެއް ފެންވަރެއްގެ ކުލަބުތަކަކަށް ނުވާތީ ލީގުގެ އިތުރަށް ހުރި މުބާރާތްތަކަކީ އެ ކުލަބުތަކަށް ފެންވަރު ދައްކާލުމަށް ލިބޭ ފުރުސަތު ކަމަށެވެ. އެހެން ކަމުން ލީގު ކުރިއަށް ވުރެން ކުރުކޮށް އެ މުބާރާތްތަކަށް ފުރުސަތު ދިނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކޭ ކަމެއް ކަމަށް އިރޭ ބުންޏެވެ.
ފައްރައާއި، އިރޭގެ މި ޙިޔާލަށް ތާއީދު ކުރަމުން ޑަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ގޯލް ކީޕަރު މުހައްމަދު ފައިސަލް ބުނީ ލީގާއެކު ދެން ހުރި މުބާރާތްތައް ވެސް އެކު އެކީގައި ކުޅެގެން ވެސް ސީޒަން އަވަހަށް ނިންމާލުން ޓާގެޓަކަށް ހަދަން ޖެހޭ ކަމަށެވެ.