ވިލާއެއާ އަށް އުދުހުމުގެ ހުއްދަ ދިންކަމުގައި ވިޔަސް ވިލާ އެއާއިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދަން ބޭނުންވާ ކަމަށް ވިލާ އެއާ އިން ބުނެފި އެވެ.

ވިލާއެއާގެ ދަތުރުތައް ހުއްޓާލުމަށް ސިވިލް އޭވިއޭޝަން ޑިޕާޓުމަންޓުން އެންގުމާ ގުޅިގެން މިއަދު ސިވިލްކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވިލާ އެއާގެ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ އުދުހުމުގެ ހުއްދަ ދިންކަމުގައި ވިޔަސް އެ މައްސަލަ ކުރިޔަށް ގެންދަން ބޭނުންވާ ކަމަށެވެ.

އާޒިމާ ވިދާޅުވީ ވިލާ އެއާގެ ދަތުރުތައް ހުއްޓާލުމަށް ސިވިލް އޭވިއޭޝަނުން އެންގީ ރާއްޖޭގެ މަދަނީ ވައިގެ ދަތުރު ފަތުރާ ބެހޭ ގާނޫނާ ޚިލާފަށް ކަމަށެވެ.

އާޒިމާ ވިދާޅުވީ ވިލާ އެއާ އިން ދަތުރުތައް ކުރިޔަށް ގެންދަނީ ސިވިލް އޭވިއޭޝަން ޑިޕާޓުމަންޓުން މި އަހަރުގެ ސެޕްޓެމްބަރު 27ގައި އެ އެއާލައިނަށް ދީފައިވާ ހުއްދައިގެ ދަށުން ކަމަށެވެ.

އާޒިމާ ވިދާޅުވީ ވިލާއެއާގެ ދަތުރުތައް ހުއްޓާލަން ޖެހުމުން އެކުންފުންޏަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެގެން ދާނެ ކަމަށެވެ. އެ އެންގުން އެންގި އިރު އެއާ އޮޕޮރޭޓިން ގާނޫނުގެ އެއްވެސް މާއްދާ އަކާ ހަވާލާ ދީފައި ނުވާ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

ދައުވާ އަށް ލިޔުމުން ޖަވާބުދާރީވުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އެދިފަ އެވެ.

ސިވިލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ޖެނުއަރީ ހަތަރު ވަނަ ދުވަހު އެ މައްސަލައިގެ އިތުރު އަޑު އެހުމެއް ބާއްވާނެ ކަމަށް އިއުލާން ކުރައްވަމުންނެވެ. އަދި އެދުވަހު އެޓާނީ ޖެނެރަލް އޮފީހަށް ދައުވާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.