26 May 2020, 09:03
ނިއުދިއްލީ (25 މޭ 220) : ޗައިނާއިން ކޮރޯނާވައިރަސް "ކޮވިޑް-19" އެމެރިކާއަށް ގަސްދުގައި ފެތުރީ ކަމަށާއި އެވައިރަސް ފަތުރައިގެން ޗައިނާއިން އެމެރިކާގެ އިގްތިސާދަށް އެއްޓްރިލިޔަން ޑޮލަރުގެ ގެއްލުމެއް ދީފިކަމަށް އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ރޮބަޓް އޯބްރެއިން ތުހުމަތު ކުރައްވައިފި އެވެ.
އެންބީސީ ޓީވީ ނެޓްވާކަށް ދެއްވި ބަސްދީގަތުމެއްގައި އޯބްރެއިން ވިދާޅުވީ އެމެރިކާގެ އިގްތިސާދަށް ޗައިނާއިން ދިނީ ބޮޑު ގެއްލުމެއްކަމަށާއި ޗައިނާވަނީ ކޮވިޑް-19ގެ ހަގީގަތް އެތައްް ދުވަހެއްވަންދެން ސިއްރު ކޮށްފައި ކަމުގަ އެވެ. އޯބްރެއިން ވިދާޅުވީ ޗައިނާއިން ކޮވިޑް-19ގެ ވައިރަސްއާމެދު އަމަލުކުރީ ޗެރްނޯބަލް ނިއުކްލިޔާ ރިއެކްޓަރު ގޮވުމުން ކުރީގެ ސޮވިއެޓް ޔުނިޔަންއިން އެކަން ދުނިޔެއަށް ސިއްރުކޮށްގެން އުޅުނު ގޮތަށް ކަމުގައެވެ.
އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު އޯބްރެއިންގެ ވާހަކަފުޅުގައި ޗައިނާއިން ކޮވިޑް-19ގެ ހަގީގަތް ފޮރުވައިގެން އުޅުނީ ގަސްދުަގައި ކަމަށް ތުހުމަތު ކުރައްވައި ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކަވާ ވާހަކަތައް ވަނީ ތަކުރާރު ކުރައްވާފައެވެ.
އޯބްރެއިން އަށް ރައްދު ދެއްވަމުން ޗައިނާގެ ޚާރިޖީ ވަޒީރު ވާންގްޔީ ވަނީ އެމެރިކާއަކީ ދޮގުވެރި ގައުމެއްކަމަށް ސިފަކުރައްވާފައެވެ. އެތައް ކަމެއްގައި އެމެރިކާ ދޮގުހަދައި ދުނިޔެއަށް ހަގީގަތް އޮޅުވާލާފައިވާކަމާއި އެމެރިކާގެ ދޮގުތައް ދުނިޔެއަށް ބޭޒާރުވެފައިވާކަން ވާންގްޔީ ހަނދާން ކޮށްދެއްވި އެވެ. ނަމަވެސް ފަހުގެ ތާރީޚެއްގައި އެމެރިކާ ހެދި އެންމެބޮޑު ދޮގުކަމަށްވާ އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ ހެދިދޮގުތަކަށް ވާންގްޔީ ސީދާ ގޮތެއްގައި އިޝާރާތް ކުރައްވާފައެއް ނުވެއެވެ.
ވާންގްޔީ ވަނީ އެމެރިކާ ޗައިނާއާ ދެކޮޅަށް ކުރާ ދޮގުތުހުމަތުތަކާ ގުޅިގެން އެމެރިކާއާއި ޗައިނާގެ ގުޅުންތައް ގޯސްވެ ފިނި ހަނގުރާމައެއްގެ ތުންފަތްމައްޗަށް ދެގައުމު ގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމެރިކާއިން ޗައިނާއާ ދެކޮޅަށް އަޅާ ކޮންމެ ފިޔަވަޅަކަށް ހަރުކަށިކޮށް ރައްދު ދޭނެކަމުގެ އިންޒާރުވެސް ޗައިނާގެ ޚާރިޖީ ވަޒީރު ވާންގްޔީ ދެއްވިއެވެ.
ކޮވިޑް-19ގެ މައްސަލާގައި އެމެރިކާއާއި ޗައިނާގެ ކޯޅުންތައް އިންތިހާއަށް ބޮޑުވެފައިވާއިރު އެމެރިކާގެ އިގްތިސާދީ މާހިރުންވަނީ ކޮވިޑް-19ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަންނަ އަހަރުވެސް އެމެރިކާއަށް އަރައިނުގަނެވޭނެ ކަމަށް ވިދާޅުވެފައެވެ. ކޮވިޑް-19ގެ ސަބަބުން އެމެރިކާގެ 40 މިލިޔަން މީހުންގެ ވަޒީފާ ގެއްލިފައިވާއިރު އެ ހުރިހާ މީހުންނަށް އަންނަ އަހަރު ތެރޭގައި ވެސް ވަޒީފާ އަލުން ނުލިބޭނެ ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.
ކޮވިޑް-19 ޖެހިގެން އެމެރިކާގައި މަރުވި މީހުންގެ އަދަދު 99،000 އަަށް ވުރެ މައްޗަށް ގޮސްފައިވާއިރު އެ ރޯގާ ކޮންޓްރޯލް ކުރުމަށް އެމެރިކާ ސަރުކާރުން ދުރާލައި ފުރަބަންދުގެ ފިޔަވަޅުަތައް ނޭޅި މައްސަލަ އެމެރިކާގެ އެތެރޭގައިވަނީ ހޫނުވެފައެވެ. ފުރަބަންދުގެ ފިޔަވަޅުތައް އަވަހަށް އެޅިނަމަ އެމެރިކާގެ އެތަށް ހާސް ބައެއްގެ ފުރާނަތައް ސަލާމަތް ކުރެވުނީސްކަމަށް ސިއްހަތާބެހޭ ތަޖްރިބާކާރުން ވިދާޅުވެފައިވެއެވެ.
ޗައިނާއިންވަނީ ޓްރަމްޕްގެ ސަރުކާރުން ކޮވިޑް-19ގެ މައްސަލަ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެފައެވެ. މުހައްލިލުން ވިދާޅުވާގޮތުން އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކޭންޕޭން ނިމެންދެން ކޭންޕޭން މާއްދާ އެއްގެ ގޮތުގައި ޓްރަމްޕާއި އޭނާގެ ރިޕަބްލިކަން ޕާޓީން ކޮވިޑް-19 އާ ޗައިނާއާ ގުޅުވައިގެން ވާހަކަދައްކާނެއެވެ. ނަމަވެސް ބަހުގެ ޙަމަލާތައް ދިނުންފިޔަވައި މާބޮޑުކަމެއް ޗައިނާއާ ދެކޮޅަށް އެމެރިކާއަށް ނުކުރެވޭނެކަމަށް މުހައްލިލުން ވިދާޅުވެއެވެ. (ނޫސްއެޖެންސީތައް)