25 May 2020, 16:44
ނިއުދިއްލީ (25 މޭ 220) : ކޮރޯނާވައިރަސް "ކޮވިޑް-19" ކޮންޓްރޯލް ކުރުމަށްޓަކައި ހުއްޓާލި އިންޑިއާގެ އެތެރޭގެ ވައިގެ ދަތުރުތައް މިއަދު އަލުން ފަށަފައިފި އެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެތެރޭގެ ވައިގެ ދަތުރުފަތުރު އަލުން ފެށީ ކޮވިޑް-19 ކޮންޓްރޯލް ކުރެވިގެން ނޫންކަމަށާއި ނަމަވެސް ދިގުމުއްދަތަކަށް ވައިގެ ދަތުރުތައް ހުއްޓާލައިގެން ތިބެވެން ނެތުމުން ކަމުގައެވެ.
އެތެރޭގެ ވައިގެ ދަތުރުފަތުރު އަލުން ފަށާފައިވަނީ އަންދްރަ ޕްރަދޭޝްއާއި ވެސްޓް ބެންގޯލް ފިޔަވައި އެހެން ސްޓޭޓްތަކުގައެވެ. އެދެ ސްޓޭޓްގެ އެއާޕޯޓްތައް ކޮވިޑް-19 ގެ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް ތައްޔާރުނުވާތީ އެދެ ސްޓޭޓްތަކުގައި ވައިގެ އުދުހުންތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.
އިންޑިއިން އެތެރޭގެ ވައިގެ ދަތުރުތައް އަލުން ފަށާފައިމިވަނީ ކޮވިޑް-19 އާ ދެކޮޅަށް އަޅަންޖެހޭ ރައްކާތެރި ކަމުގެ ހަރުކަށި ފިޔަވަޅުތަކާ އެކުގައެވެ. މިގޮތުން އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރެވޭނީ ހުމާއި ރޯގާގެ އެއްވެސް ނިޝާނެއް ނުފެންނަ މީހުންނަށެވެ. މިކަން ބެލުމަށް އެއާޕޯޓްތަކުގެ ޓާމިނަލްތަކުގައި ކުރިންގެންދިޔުމަށް ޓަކައި ސްކޭނާތައްވަނީ ހަރުކޮށްފައެވެ. އަދި ހުރިހާ ފަސިންޖަރުން މާސްކު އެޅުންވެސްވަނީ މަޖްބޫރުކޮށްފައެވެ. އަވަސްއަވަހަށް އަތްސާފު ކުރުމަށްޓަކައި ސެނިޓައިޒާ ފުޅިއެއް ގެންގުޅުންވެސްވަނީ މަޖްބޫރުކޮށްފައެވެ.
މީގެއިތުރުން އެތެރޭގެ އުދުހުންތަކުގެ ފްލައިޓްތަކަށް އެރޭނީ ކޮންޓެކްޓް ޓްރޭސިންގް އަށް ޚާއްސަކޮށްގެން އިންޑިއާގައި އުފައްދާފައިވާ އެޕްލިކޭޝަން މޯބައިލް ފޯނަށް އަޅާފައިވާ ފަސިންޖަރުންނަށެވެ. އެހެންނޫނީ ޓިކެޓް އޮތްނަމަވެސް އެތެރޭގެ އުދުހުންތަކުން ފުރުސަތެއް ނުލިބޭނެއެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އިންޑިއާ އަދިވެސް އޮތީ ހަރުކަށި ފުރަބަންދެއްގެ ތެރޭގައެވެ. ފުރަބަންދާއެކުވެސް އިންޑިއާގައި ދަނީ ކޮވިޑް-19 ކޮންޓްރޯލްނުވެ ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ. ފާއިތުވި 24 ގަޑީއިރު ތެރޭގައިވެސް 6000 އަށްވުރެ ގިނަމީހުން އިންޑިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ. މިއީ އެއްދުވަހުގެ ތެރޭގައި މިހާ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ވި ދުވަހެވެ.
އިންޑިއާގައި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުންދަނީ މުންބާއި ނިސްބަތްވާ މަހާރާޝްތްރާއާއި ދިއްލީ ސްޓޭޓްގައެވެ. މަހާރާޝްތްރާގައި 45 ހާހަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު ދޮޅު ހާހަށްވުރެ ގިނަ މީހުން އެރޯގާގައި މަރުވެފައިވެއެވެ. އިންޑިއާއަކީ ދުނިޔޭގައި ދިހަވަނައަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު އެންމެ ގިނަ ގައުމެވެ. އިންޑިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 140 ހާހަށް އަރާފައެވެ.
ޓެސްޓް ކުރުން އިތުރުކުރާ ވަރަކަށް އިންޑިއާގައި ދަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވަމުންނެވެ. (ނޫސްއެޖެންސީތައް)