ޕްލާސްޓިކް ކޮތަޅުން ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް ލިބޭ ގެއްލުމުގެ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދިނުމަށާއި ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ބަޔޯޑީގްރޭޑަބްލް ޕްލާސްޓިކް ކޮތަޅު ބޭނުންކުރުމަށް އާދަކުރުމަށް، "ޕްލާސްޓިކް ކޮތަޅަށް ނޫނެކޭ" ބުނުމުގެ ދެވަނަ ދެ ވަނަ ކެމްޕޭނެއް ޖުނުއަރީ މަހު ފަށާނެ ކަމަށް އެންވާރަމަންޓް މިނިސްޓަރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ އެންވަޔަރަމަންޓް އެނަލިސްޓް އަހްމަދު ހައްސާން ޒުހައިރު މިއަދު ވިދާޅުވީ، ޖުނުއަރީ އެއް ވަނަ ދުވަހު ފެށުމަށް ރޭވިފައިވާ އެ ކެމްޕޭންގައި އެސްޓީއޯ އާއި ބްރައިޓް ބްރަދާސް އަދި މޯލްޑިވްސް މިފްކޯ އިން ބައިވެރިވާ ކަމަށެވެ.

އަދި އެ ކެމްޕޭން ރާވައި ކުރިއަށް ގެންދާނީ މި އަހަރު ތިމާވެށީގެ ދުވަހާ ގުޅުވައިގެން އެ ތިން ފަރާތުގެ ސްޕޮންސާޝިޕް އާއި މިނިސްޓަރީގެ އެހީއާ އެކު ތައްޔާރުކޮށްފައިވާ 5000 ފޮތި ކޮތަޅު ބޭނުންކޮށްގެން ކަމަށާއި ކޮންމެ ކުންފުންޏަކަށް 1500 ފޮތިކޮތަޅު ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ކެމްޕޭން ކުރިއަށް ގެންދާނީ އެ ފިހާރައަކަށް އެންމެ އެކަށީގެންވާ ގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކެމްޕޭން އާ ބެހޭ ގޮތުން އެސްޓީއޯގެ އެސިސްޓަންޓް މެނޭޖަރު އާމިނަތު ޝުރުފާ މިއަދު ވިދާޅުވީ، އެ ކުންފުނީގެ ދެ ފިހާރައެއްގައި ޕްރޮމޯޝަންތަކެއް، ހަ މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެކޯ ޕްރޮމޯޝަންގެ ދަށުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ވިއްކާ ބައެއް ތިމާވެއްޓާއި ރަހުމަތްތެރި ތަކެތި ގަންނަ ކޮންމެ ފަރާތްތަކަށް ދެ ޕަސެންޓުގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށާއި އެސްޓީއޯ ސުޕާ މާކެޓްގައި ކުރިއަށްގެންދާ ކްލޯތު ބޭގް ކެމްޕޭންގެ ތެރެއިން އެ ކުންފުނިން ދޫކުރުމަށް ހަމަޖެހިފައިވާ ފޮތި ކޮތަޅުތައް ދޫކުރާނެ ކަމަށެވެ. އަދި އެ ކޮތަޅުތައް ހިފައިގެން އެ ފިހާރައަށް ވިޔަފާރިކުރުމަށް އަންނަ ކޮންމެ ފަރާތްތަކަށް ދެ ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިފްކޯގެ ފަރާތުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު މަދުކުރުމަށް ބާރުއެޅުމުގެ ގޮތުން ރާވަމުންދާ ޕްރޮގްރާމް އާ ބެހޭ ގޮތުން އެ ކުންފުނީގެ ސީނިއާ އޮފިސަރު އައިޝަތު ރިޔާޒާ މިއަދު ވިދާޅުވީ، އެ ކުންފުނީގެ ތިން ފިހާރައެއްގައި އެ ކެމްޕޭން ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލެ އާއި މާލޭގައި ހުންނަ މިފްކޯ މަސްފިހާރަ އާއި "ފަސްމީރު ގޭދޮށު ފިހާރަ" އިން ވިޔަފާރި ކުރައްވާ ފަރާތްތަކުގެ ތެރެއިން ގިނަ އަދަދަކަށް ޑްރައި ޕްރޮޑަކްޓްސް ގަންނަ ފަރާތަކަށް ފޮތި ކޮތަޅެއް ދޫކުރާނެ ކަމަށާއި އެ ފޮތިކޮތަޅު ހިފައިގެން ވިޔަފާރިކުރަން އަންނަ މީހުންންގެ ތެރެއިން އެންމެ ގިނައިން ވިޔަފާރިކުރާ މީހުންނަށް ގިފްޓް ޕެކޭޖެއް ލިބޭނެ ކަމަށެވެ.

މާލޭގައި މަޝްހޫރު ދެ ސުޕާ މާކެޓް ކަމަށްވާ އަގޯރާ ހިންގަމުންދާ ބްރައިޓް ބްރަދާސްގެ މެނޭޖަރު އަބްދުލް ރަޝީދު ވިދާޅުވީ، އަގޯރާއިން ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން 200 ރުފިޔާ އަށް ވުރެ މަތީން ވިޔަފާރި ކުރާ މީހުންނަށް، އެއް ހަފުތާގެ ކެމްޕޭނުގައި ފޮތިކޮތަޅު ދޫކުރާނެ ކަމަށެވެ. އަދި އެ ފޮތިކޮތަޅު ހިފައިގެން ވިޔަފާރިކުރަން އަންނަ މީހުންގެ ތެރެއިން 300 ރުފިޔާއަށް ވުރެ މަތިން ވިޔަފާރިކުރާ މީހަކަށް 2.5 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ޑިސްކައުންޓް ޕްރޮމޯޝަން މިއަންނަ މާޗް މަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.

ކަސްޓަމްސްގެ 2010 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދިވެހި ރާއްޖެ އަށް އެ އަހަރު 115 މިލިއަނަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު އެތެރެ ކޮށްފައިވެ އެވެ. ނިސްބަތުން ބަލާ ނަމަ އެއީ ތިން ލައްކަ އަށްވުރެ ގިނަ ކޮތަޅެވެ.