"ނިއު ނޯމްލް" ގައި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމާއި ހޯދުމުގައި އަމަލުކުރާނެ އުސޫލުތައް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އާންމުކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މިއަދު މިނިސްޓަރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޑޮކްޓަރުންނާއި ކަމާގުޅޭ އިދާރާތަކުގެ މަޝްވަރާތަކަށް ފަހު ނިއު ނޯމަލް ނުވަތަ އާ އާންމު ހާލަތުގެ އަސާސީ ޑޮކިއުމަންޓް އެކުލަވާލައި ނިމިފައިވާކަމަށެވެ.

އަދި މާދަމާ އެ އުސޫލާމެދު ޕޮލިސީ ލެވެލްގައި މަޝްވަރާކޮށް ކުރިއަށް އޮތް ދެ ތިން ދުވަހު އެ ފިޔަވަޅުތައް އާންމުކުރައްވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ނިއު ނޯމަލްގެ އުސޫލު އެކުލަވާލީ ލޮކްޑައުންގައި ޑޮކްޓަރަށް ދެއްކުމަށް ދިމާވި ދަތިތަކާއި އެ ތަޖުރިބާތައް ބޭނުންކޮށްގެން ކަމަށެވެ.

އަދި އާ އުސޫލުގައި މުޅި ސިއްހީ ނިޒާމުން ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ދެވޭނެ ގޮތްތައް ފާހަގަކޮށްފައި ހުންނާނެ ކަމަށެވެ.

އެގޮތުން ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ދާނެ ގޮތްތަކާއި ފުލޫ ކްލިނިކްތަކަށް ޑޮކްޓަރަށް ދެއްކޭނެ ގޮތްތައް އެ އުސޫލުގައި ބަޔާންކޮށްފައި ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އާ އުސޫލުގައި ހޮސްޕިޓަލްތަކުން ބޮޑަށް އިސްކަން ދޭނީ ކޮވިޑް19 ފިޔަވައި ކޮންމެހެން ދޭންޖެހޭ ހިދުމަތްތަކަށާއި ކުއްލި ހާލަތުގައި ދޭންޖެހޭ ހިދުމަތްތަކަށް ކަމަށެވެ.

"ކޮންމެހެން ފަރުވާ ހޯދަން ދާންޖެހޭ މީހަކަށް ހޮސްޕިޓަލަށް ދެވޭނެ ގޮތްތަކަށް، އަލުން އިންތިޒާމްތައް ހަމަޖެއްސުމަކީ އަލަށް އެކުލަވާލާ އުސޫލްގައި އެކުލަވާލަންޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން އެމްބިއުލާންސް ހިދުމަތް ހޯދާނެ ގޮތްތައް ވެސް އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަނަކީ ސިއްހީ ނިޒާމުގެ މުހިންމު ބައެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ތަންތަނުން ހިދުމަތްދޭނެ ދުވަސްތަކާއި އެހެނިހެން މުހިންމު މައުލޫމާތު ވެސް ހިމެނޭނެ ކަމަށެވެ.

ހަމައެއާއެކު ލޮކްޑައުންއަށް ލުއިތަކެއް ދޭއިރު މެޑިކަލް ރެސްޕޮންސް ޓީމެއް އޮންނާނެ ކަމަށާއި ބަލި މީހުން ހޮސްޕިޓަލަށް ގެންދާނީ އެ ޓީމުން ގޭގެއަށް ގޮސް ބަލިމީހާގެ ހާލަތު ދެނެގަތުމަށް ފަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭޕްރީލް 15 ވަނަ ދުވަހު މާލެއިން ކޮވިޑްގެ ކޭހެއް ފެނުމާއެކު ލޮކްޑައުން އިއުލާނު ކޮށްފައިވާއިރު އެންމެ ފަހުން އިއުލާނު ކުރި ލޮކްޑައުންގެ މުއްދަތު މިމަހުގެ 28 ގައި ހަމަވާނެއެވެ. ލޮކްޑައުންގެ މުއްދަތު ހަމަވުމުން ކޮންމެވެސް ވަރެެއްގެ ލުއިތަކެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.