ކޮވިޑް-19 އާ ގުޅިގެން ޖަޕާނުގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، އާންމު ހާލަތަށް ބަދަލުކުރަން އެގައުމުން ނިންމައިފިއެވެ.

މުޅި ގައުމުގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ބަދަލު ގެނައުމަށް ޖަޕާނުގެ ރައީސް ޝިންޒޯ އަބޭ ނިންމަވާފައިވަނީ އެގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު ބޮޑުތަނުން ދަށްވުމާ ގުޅިގެންނެވެ.

ކޮވިޑް-19 ވައިރަސް އާ ހަނގުރާމަ ކުރުމަށްޓަކައި ޖަޕާނުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެެއް އިއުލާނުކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ ހަތްވަނަ ދުވަހުގައެވެ.

ޖަޕާނުގެ ސަރުކާރުން އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކާގެ ހާލަތު އާންމު ހާލަތައް ބަދަލުކޮށް ގައުމު ކުރިއަށް އޮތްތަނުގައި ހިންގާނެ ގޮތުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު އެގައުމުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ނޫސްވެރިންގެ ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން 15:00 ގައެވެ.

ޖަޕާނުން މިހާރު އެގައުމު ހުޅުވާލަން ތައްޔާރުވާއިރު، ވައިރަސް ކޮންޓްރޯލުކުރުމަށް އެގައުމުގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އެގޮތުން ބޮޑެތި ސިޓީތަކުގައި ވަރުގަދަ ފުރަބަންދު އިއުލާނުކުރުން ހިމެނެއެވެ.

ޖަޕާނުން އިއްޔެ އެ ވައިރަހަށް ޕޮޒިވްވެފައިވަނީ 43 މީހެކެވެ. އޭގެތެރެއިން 14 މީހުންނަކީ ޓޯކިޔޯއިން ޕޮޒިޓިވްވި ކޭސްތަކެވެ. އެގައުމުގައި އެންމެ ގިނައިން ވައިރަސްގެ ކޭސްތައް ފެނުނު އިރު ދުވާލެއްގެ މައްޗަށް 500 އަށްވުރެ ގިނަ ޕޮޒިޓިވް ކޭސް ފެނިފައިވެއެވެ. ޖަޕާނުގައި އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ކޭސް ފެނިފައިވަނީ އޭޕްރިލް 11 ގައެވެ. އެ ދުވަހު އެކަނިވެސް ވައިރަސް އަށް ޕޮޒިޓިވް 745 ކޭސް އެއް ފެނިފައިވެއެވެ.

އެގައުމުގައި ޖުމްލަ 16.600 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އިރު އެ ވައިރަސްއަށް ޕޮޒިޓިވްވެ 825 މީހަކު މަރުވެފައިވެއެވެ. އެ ވައިރަސް ޖެހި ރަނގަޅުވި މީހުންގެ އަދަދު 13،244 އަށް އަރައެވެ.