25 May 2020, 16:20
ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ބޮޑެތި އިވެންޓުތައް ކެންސަލުކޮށްފައިވި ނަމަވެސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވެނިސް ފިލްމު ފެސްޓިވަލް ކުރިންވެސް ރާވާފައިވާ ތާރީހުގައި ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ.
ދުނިޔޭގެ އެންމެ ގިނަ ދުވަސް ވަންދެއް ބާއްވަމުން އަންނަ ފިލްމު ފެސްޓިވަލް، ވެނިސް ފިލްމު ފެސްޓިވަލް ކެންސަލް ނުކޮށް ކުރިއަށް ގެންދާނެ ކަމަށް އެގައުމުގެ ވެނީޓޯ ރީޖަންގެ ގަވަރުނަރު ލޫކާ ޒައިއާ ވަނީ އިއްޔެ ހާމަކުރައްވާފައެވެ.
މިއަހަރުގެ ފިލްމު ފެސްޓިވަލް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ދެއަކުން ފެށިގެން 12 އަށެވެ.
މިއަހަރުގެ ފިލްމު ފެސްޓިވަލްގެ ސްކްރީނިންތައް އޮންލައިންކޮށް ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން މީގެކުރީން ވަނީ ވާހަކަތަކެއް ދެކެވިފައެވެ. އެހެންނަމަވެސް ފެސްޓިވަލް އިންތިޒާމުކުރާ ފަރާތްތަކުން ދާދި ފަހުން ވަނީ އެ ފެސްޓިވަލް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން ފެސްޓިވަލްއަށް ދިޔުމަށް އުޒުރުވެރިވާ ފަރާތްތަކަށް އޮންލައިން ސްކްރީނިންގެ ފުރުސަތު ލިބޭނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
މިއަހަރުގެ ފިލްމު ފެސްޓިވަލްގެ ޖޫރީ ރައީސްގެ ގޮތުގައި ހަމަޖައްސާފައިވަނީ ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކޭޓް ބްލޭންޗެޓް އެވެ.
ވެނިސް ފިލްމު ފެސްޓިވަލް އަށް ފިލްމުތައް ހުށަހެޅުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ލޫކާ ވިދާޅުވެއެވެ.