މާލެ އާއި ބައެއް ރިސޯޓްތަކުގައި ހިންގާ މަސާޖްޕާލާތަކުގައި ހަށިވިއްކާ ކަމަށް ޝައްކުކުރެވޭ ތަންތަނުގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ބައެއް މަސާޖް ޕާލާތަކުގައި ހިންގާ ނޭދެވޭ އަމަލުތައް ބަލައި ފިޔަވަޅު އަޅައިދިނުމަށް ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން އެދިފައިވާ ކަމަށާއި އެދިފައިވާ ގޮތަށް، އެފަދަ ތަންތަނާ މެދު ފުލުހުން ފިޔަވަޅު އަޅާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ބައެއް ތަންތަނުގައި އެފަދަ އަމަލް ހިންގާކަން ފުލުހުންނަށް އެބަހުރި ރިޕޯޓްކޮށްފައި. އަޅުގަނޑުމެން ބޭނުމެއް ނޫން އެ ތަންތަނަކީ ކޮންތަންތަނެއް ކަން ހާމަކުރާކަށް. އެ މައްސަލަ މިހާރު މިދަނީ ބަލަމުން،" ޝިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ބިއުޓީ ސެލޫންތަކާއި އޯލްޓަނޭޓިވް މެޑިސިންގެ ހިދުމަތް ދޭ ކްލިނިކްތަކުގެ ގޮތުގައި ހިންގާ ބައެއް ތަންތަނުގައި ހަށިވިއްކުން ފަދަ ބަދުއަހުލާގީ އަމަލުތައް ހިންގާކަން ފުލުހުންނަށް ޔަގީންވެގެން ބައެއް ތަންތަން މީގެކުރިން ވެސް ބަންދުކޮށްފައިވާ ކަމަށާއި މިހާރު ވެސް އެފަދަ ތަންތަނުގައި ބަދުއަހުލާގީ އަމަލް ހިންގާ ކަމުގެ މައުލުމާތު ލިބިއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

"ހަށި ވިއްކާ ތަންތަނުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ކުރިން ވެސް ފިޔަވަޅު އެޅިން މިހާރު ވެސް މިދަނީ ފިޔަވަޅު އަޅަމުން. މައުލޫމާތު ލިބޭވަރަކުން ފުލުހުން ދަނީ އެކަން ބަލަމުން،" ޝިޔާމް ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު ކުރި ބޮޑު މުޒާހަރާގެ ބައިވެރިން މަސާޖު ޕާލާގެ ގޮތުގައި ހިންގާ "ހަށިވިއްކާ ތަންތަން" ބަންދުކުރުމަށް ސަރުކާރަށް ވަނީ ޑިމާންޑްކޮށްފަ އެވެ. އެ މުޒާހަރާގައި ބުނެފައި ވަނީ މާލެގައި 30 އަށް ވުރެ ގިނަ ހަށިވިއްކާތަން ހުރި ކަމަށާއި ވީހާ ވެސް އަވަހަކަށް އެތަންތަން ބަންދުކުރުމަށެވެ.

މުޒާހަރާގެ ޑިމާންޑާ ގުޅިގެން، ހަށިވިއްކާ ތަންތަން ބަންދުކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުން ވެސް ވަނީ ދީފަ އެވެ. ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ލަންކާ އަށް ވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވެފައި ވަނީ ރިސޯޓްތަކުގައި ހުރި މަސާޖުކުރާ ތަންތަނުގައި ސެޓްފިކެޓް ނެތް މީހުން މަސައްކަތް ކުރާތީ ޓޫރިޒަމް މިނިސްޓްރީން ސުވާލުކުރަމުންދާ ކަމަށާއި އަދި މާލޭގައި ހުރި މަސާޖުކުރާ ތަންތަން ވެސް ބަލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އެހެން ވިދާޅުވިތާ މާގިނައިރެއް ނުވަނީސް މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ފަސް ރިސޯޓެއްގައި ހަށިވިއްކުމުގެ އަމަލު ހިންގާ ކަމަށް ބުނެ އެ ރިޒޯޓްގެ ސުޕާތައް ބަންދުކުރުމަށް ޓޫރިޒަމް މިނިސްޓްރީން އިއްޔެރޭ ވަނީ އެ ރިޒޯޓްތަކަށް އަންގާފަ އެވެ.