27 Dec 2011, 10:53
ބްރެޒިލްގެ އިގުތިސާދު ދުނިޔޭގެ ހަ ވަނަ އަށް އެންމެ ބޮޑު އިގުތިސާދަށްވެ، އިގުތިސާދީ ގޮތުން އެގައުމު އިނގިރޭސިވިލާތަށް ވުރެ ކުރިއަރައިފި ކަމަށް އިނގިރޭސިވިލާތުގައި ކުރި ދިރާސާއަކުން ދައްކައިފި އެވެ.
"މިއީ ކުރިއަރަމުން އަންނަ ގައުމުތައް ޔޫރަޕްގެ ގައުމުތަކަށް ވުރެ ކުރިއެރުމުގެ އޮއިވަރުގެ ތެރެއިން އައި ބަދަލެކެވެ." އިނގިރޭސިވިލާތުގެ ސެންޓަފޯ އިކޮނޮމިކް އެންޑް ބިޒްނަސް ރިސާޗު ]ސީއީބީއާރު[ އިން އާއްމު ކުރި އެސެންޓަރުގެ އެންމެ ފަހުގެ ވޯލްޑް އިކޮނޮމިކް ޓޭބަލްގައި ބުނެފައިވެ އެވެ.
"އަހަރެންނަށް ހީވަނީ މިއީ އިގުތިސާދީ ގޮތުން އަންނަމުންދާ ބޮޑު ބަދަލުގައި ހިމެނޭ ކަމެއް، މި ބަދަލުގެ ގެތެރެއިން އަހަރެމެންނަންނަށް މިފެންނަނީ ]އިގުތިސާދީ ބާރު[ ހުޅަނގުން އިރުމައްޗަށް ބަދަލުވަމުންދާތަން އެކަންޏެއްނޫން، އެކަމަކު އަހަރެމެންނަށް މިފެންނަނީ ކާނާއާއި ހަކަތައާއި އެނޫން ވެސް އެފަދަ ތަކެތި އުފައްދާ ގައުމުތައް މަޑުމަޑުން އިކޮނޮމިކް ލީގުޓޭބަލްގެ މައްޗަށް އަރަމުންދާ ތަން،" ސީއީބީއާރުގެ ޗީފް އެގްޒެކެޓިވް ޑަގްލަސް މެކް ވިލިއަމްސް ބީބީސީ ރޭޑިއޯއަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވެފައިވެ އެވެ.
ބްރެޒިލްގެ އާބާދީއަކީ 200 މިލިޔަން ކަމަށްވާ އިރު އެއީ އިނގިރޭސިވިލާތުގެ އާބާދީއަށް ވުރެ ތިން ގުނަ އިތުރު އަދަދެކެވެ. މިދިޔަ އަހަރު އެގައުމުގެ އިގުތިސާދު ވަނީ 7.5 ޕަސެންޓަށް ކުރިއަށް ގޮސްފަ އެވެ. ނަމަވެސް މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި އެ ގައުމުގެ އިގުތިސާދީ ދުވެލި މަޑުޖެހިފައިވާތީ އެ ގައުމުގެ ސަރުކާރުން އަންދާޒާ ކުރަނީ މިއަހަރު އެ ގައުމުގެ އިގުތިސާދު ކުރިއަށް ދާނީ 3.5 ޕަސެންޓަށް ކަމަށެވެ.
ބްރެޒިލްއަކީ މިދިޔަ 10 އަހަރު ވެސް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތި ކުރުމުގައި މާބޮޑު ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާ ގައުމަކަށް ނުވިޔަސް މިހާރު ކަންތައްތައް ވަނީ ބަދަލުވާން ފަށާފަ އެވެ. ފަގީރުކަން ނައްތާލުމަށް އެގައުމުގެ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ފަގީރުންގެ ތެރެއިން 40 މިލިޔަން މީހުން ވަނީ މެދުމިނުގެ އާމްދަނީ ލިބޭ ބަޔަކަށް ހެދިފަ އެވެ.
ސީއީބީއާރުގެ ދިރާސާއިން އަދި ހާމަވެފައިވާ ގޮތުގައި އިގުތިސާދީ ގޮތުން ދުނިޔޭގެ 10 ވަނައިގާ އޮތް އިންޑިޔާ 2020 ވަނަ އަހަރު ފަސްވަނަ އަށް އަރާނެ އެވެ. އަދި މިހާރު ދުނިޔޭގެ އެންމެ ބޮޑު އިގުތިސާދަކީ އެމެރިކާގެ އިގުތިސާދެވެ. އަދި ދެވަނައިގާ ޗައިނާ އޮތް އިރު ޖަޕާނު އޮތީ ތިންވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތީ ޖަރުމަނެވެ.