24 May 2020, 23:01
ހުޅުމާލޭގައި ބިދޭސީން ކަރަންޓީނު ކުރާ މަރުކަޒު ކަމަށްވާ ހުޅުމާލޭ، އަމީނީ ހިޔާގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގައިފިއެވެ.
ފުލުހުން ބުނީ، މިރޭ 20:50 އެހާކަންހާއިރު އަމީނީ ހިޔާގައި ހިނގި ހަމަނުޖެހުމެއްގައި އެތަނުގައި ކަރަންޓީނުކޮށްފައި ތިބި ބިދޭސީން ތަނުގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުންނާ ދިމާލަށް ގޮނޑި ފަދަ ތަކެތި އުކާފައިވާ ކަމަށެެވެ.
އެއީ ކިހިނެއްވެގެން ދިމާވި ހަމަނުޖެހުމެއް ކަމެއް ފުލުހުން ނުބުނެއެވެ. އަދިވާހަކަ ދައްކައިގެން އެ ހަމަނުޖެހުން މިހާރު ހައްލު ކުރެވިފައިވާ ކަމަށް ފުލުހުުން ބުންޏެވެ.
އެ ހާދިސާަގައި އެއްވެސް މީހަކަށް އަނިޔާވެފަައި ނުވާ ކަަމަށް ފުލުހުން ބުންޏެވެ. އަދި އެކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ބުންޏެވެ.
ކޮވިޑް-19އަށް ރާއްޖެއިން އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބިދޭސީންނެވެ. އެގޮތުން ބަންގްލަދޭޝްގެ 675 މީހަކާއި އިންޑިއާގެ 126 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވެއެވެ.
ޕޮޒިޓިވްވި ގިނަ ބިދޭސީންނަކީ މަސައްކަތްތެރިންނެވެ. އެ މީހުން އުޅެނީ ކުޑަ ތަންތަނުގައި ތޮއްޖެހިގެންނެވެ. އެހެންކަމުން އެކަކު ޕޮޒިޓިވްވެއްޖެ ނަމަ ގިނަ ބަޔަކު އެއްފަހަރާ ކަރަންޓީނު ކުރަން ޖެހެއެވެ.