27 Dec 2011, 10:29
ސަރުކާރުން ވިލާ އެއާގެ އޮޕަރޭޝަންތައް ހުއްޓުވާ ވިލާގެ ފަސް ރިސޯޓެއްގެ ސުޕާ ބަންދުކުރަން ނިންމި މައްސަލައިގައި ސުވާލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމާއި ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒރުކުރަން ނިންމައިފި އެވެ.
އެ ކޮމެޓީން އެގޮތަށް ނިންމީ މިއަދު ހެނދުނު ބޭއްވި އެ ކޮމެޓީގެ ޖަލްސާގަ އެވެ.
އެ ކޮމެޓީގެ މުގައްރިރު މުހަންމަދު މުޖްތާޒް މިއަދު ވިދާޅުވީ އެ ދެ މިނިސްޓަރުން މާދަމާ ކޮމެޓީއަށް ހާޒިރުކުރަނީ ވިލާ ރިސޯޓުގެ ސުޕާތަށް ބަންދުކޮށް އަދި ވިލާ އެއާގެ އޮޕަރޭޝަންތައް ހުއްޓުވުމުން އެކަމާ މެދު ސުވާލުކުރުމަށްކަމަށެވެ.
"އެދެ މައްސަލައިގައި ސުވާލުކުރުމަށް ދެ މިނިސްޓަރުންނަށް ވެސް މާދަމާއަށް ހާޒިރުވާން މިހާރުވާނީ އަންގާފައި،" މުޖްތާޒު ވިދާޅުވި އެވެ.
އެ މައްސަލަ ކޮމެޓީއަށް ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދާއި ގެމަނަފުށީ ދާއިރާގެ އިލްހާމް އަހުމަދާއި އަދި ކުރެންދޫ ދާއިރާގެ އަހުމަދު މޫސާ އެވެ.
ވިލާ އެއާގެ އޮޕަރޭޝަންތަށް ހުއްޓުވާ އަދި ވިލާގެ ފަސް ރިސޯޓެއްގެ ސުޕާތަށް ސަރުކާރުން އިއްޔެ ބަންދު ކުރީ ވިލާ ގްރޫޕުގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެންބަރުންކަންވެސް ކުރައްވާ ގާސިމް އިބްރާހިމް މިދިޔަ ހަފްތާގައި ބޭއްވި ބޮޑު މުޒާހަރާގައި ސަރުކާރާއިދެކޮޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި ވަނިކޮށެވެ.