ގުދުސް (މެއި 24): އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ދައުވާތަކުގެ ޝަރީއަތް މިއަދު ގުދުސްގައި ފަށައިފި އެވެ.

އުމުރުން 70 އަހަރުގެ ނަތަންޔާހޫގެ މައްޗަށް ވަނީ ރިޝްވަތު ގަބޫލު ކުރެއްވުމާއި އަމާނަތަށް ހިޔާނާތްތެރިވުމާއި މަކަރާއި އޮޅުވާލުވުމުގެ ދައުވާކޮށްފަ އެވެ. އަދި އެއީ އިސްރާއީލުގެ ބޮޑުވަޒީރަކު ވެރިކަމުގައި ހުންނަވަނިކޮށް އޭނާގެ ޖިނާއީ ޝަރީއަތެއް ފެށި ފުރަތަމަ ފަހަރެވެ.

ނަތަންޔާހޫ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ދޮގު ކުރައްވާ އެއީ އޭނާގެ ވެރިކަން ވައްޓާލަން ބަޔަކު ކުރާ ކަމެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އޭނާގެ ވަކީލުން ވަނީ ޝަރީއަތަށް ތައްޔާރުވާން ވަގުތު ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އެ މައްސަލައިގެ ދެ ވަނަ އަޑުއެހުން ބާއްވަން ހަމަޖެހިފައި ވަނީ ޖުލައި 19 އެވެ.

އިސްރާއީލުގެ ބޮޑުވަޒީރެއްގެ މައްޗަށް ދައުވާ ކުރުމުން އެމީހަކު ވެރިކަމުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް އެގައުމުގެ ގާނޫނު އަސާސީގައި ބުނެފައި ނުވެ އެވެ.

މީގެ ކުރިން 2008 ވަނަ އަހަރު އިސްރާއީލްގެ ކުރީގެ ބޮޑުވަޒީރު އެހޫދު އޮލްމާޓް ވެރިކަމުގެ ހުންނަވަނިކޮށް އޭނާގެ މައްޗަށް ކުރި ކޮރަޕްޝަނުގެ ތުހުމަތުތަކެއް ތަހުގީގު ކުރަން ފެށުމާ ގުޅިގެން އޭނާ ޕާޓީގެ ލީޑަރު ކަމުން އިސްތިއުފާ ދެއްވި އެވެ. ނަމަވެސް ޖެހިގެން އައި އަހަރު އެގައުމުގައި އާއްމު އިންތިހާބު ބާއްވަންދެން ބޮޑުވަޒީރުގެ މަގާމުގައި ދެމި ހުންނެވި އެވެ.

ނަތަންޔާހޫއަކީ މިހާރު އިސްރާއީލްގައި ބޮޑުވަޒީރުކަން ކުރައްވާތާ އެންމެ ގިނަ ދުވަސްވެފައިވާ ބޭފުޅާ އެވެ. އޭނާ 1996އިން 1999އަށް ބޮޑުވަޒީރުކަން ކުރެއްވުމަށް ފަހު އަނެއްކާވެސް 2009އިން ފެށިގެން ގެންދަވަނީ ވެރިކަން ކުރައްވަމުންނެވެ.

މީގެ ހަފްތާއެއް ކުރިން ނަތަންޔާހޫ ފަސް ވަނަ ދައުރަކަށް ވެރިކަން ކުރައްވަން ފެއްޓެވީ އިދިކޮޅު ލީޑަރު ބެނީ ގަންޓްޒްއާ އެކު ބާރުތައް ހިއްސާ ކުރާ ސަރުކާރެއް އެކުލަވާލެއްވުމަށް ފަހުގަ އެވެ. އެ އެއްބަސްވުން ހަދާފައި ވަނީ އެގައުމުގައި އެއް އަހަރު ތެރޭ ތިން ފަހަރަށް އާއްމު އިންތިހާބު ބޭއްވުމަށް ފަހު، ފުރަތަމަ ދެ ފަހަރު ސަރުކާރެއް އެކުލަވާނުލެވުމުންނެވެ.