މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ކާނިވާ ސަރަހައްދުން ދިޔަ މީހެއްގެ އަތުން ދެ ލައްކައެއްހާ ރުފިޔާ ފޭރިގަތް މައްސަލައިގެ ތުހުމަތުގައި ހޯދަމުން ދިޔަ 18 އަހަރުން ދަށުގެ ކުއްޖަކު ލ. މުންޑޫއިން މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެ ފިރިހެން ކުއްޖާ ލ. އަތޮޅުގައި އުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފެނިފައި ވަނީ އެ އަތޮޅު މުންޑޫ، ސުނާމީ ޓެންޓެއްގެ ކޮޓަރިއެއްގައި ނިދާފައި އޮއްވައި ކަމަށެވެ.

އަދި އޭނާ އޮތް ކޮޓަރި އާއި ހަށިގަނޑު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި 12 ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްއަޅާފައިހުރި ބާމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ.

ކާނިވާ ސަރަހައްދުން ސައި ބޮގެން ނުކުތް މީހަކާ ދިމާކޮށް، އެމީހާގެ އަތް ދަބަސް ފޭރިގަނެފައި ވަނީ ބޭންކަށް ފައިސާ ޖަމާކުރަން ބައިސްކަލުގައި ދަނިކޮށެވެ.

މާލޭގައި ފޭރުން އިތުރުވެފައިވާ ކަމަށް ބުނެ، ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތުން އެކަމަށް ސަމާލުވެ ރައްކާތެރިވެގެން އުޅުމަށް ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ވަނީ މިދިޔަ ހަފްތާގައި އަންގާފަ އެވެ.

މި މައްސަލައާ ގުޅިގެން މީގެ ކުރިން ވެސް ވަނީ ކުޑަ ފިރިހެން ކުއްޖަކު މާލެއިން ވެސް ހައްޔަރުކޮށްފަ އެވެ.