ކޮރޯނާ ވައިރަސް "ކޮވިޑް-19" ގެ ނުރައްކަލާ ގުޅިގެން މުސްލިމުން މިއަހަރުގެ ފިތުރު އީދު ތަފާތު ގޮތަކަށް ފާހަގަ ކުރަމުން ގެންދާއިރު އީދު ޚުތުބާތަކުގައި އިސްކަން ދީފައިވަނީ ކޮވިޑް-19 ގެ ވަބާއިން ސަލާމަތްވުމަށް ﷲ ސުބްހާނަހޫ ވަތައާލާ އަށް ދުޢާ ދެންނެވުމަށެވެ.

ގިނަ އިސްލާމީ ގައުމުތަކާއި ޣައިރު މުސްލިމް ގައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށް މިސްކިތުގައި އަދި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމުގެ ފުރުސަތު ލިބިފައިނުވާއިރު އަނެއްބައި ގައުމުތަކެއްގައި ގައިދުރުކަމާއެކު ޖަމާއަތުގައި އީދު ނަމާދު ކުރުމުގެ ފުރުސަތު މުސްލިމުންނަށްވަނީ ލިބިފައެވެ.

މިއަހަރުގެ ފިތްރު އީދުގެ ޚުތްބާވެސް ގިނަ ގައުމުތަކުގައި އަމާޒުކޮށްފައިވަނީ ކޮވިޑް-19 ގެ ވަބާއިން މުސްލިމުންނާ އަދި މުޅި އިންސާނިއްޔަތު ސަލާމަތް ކޮށްދިނުމަށް އެދި ﷲ ސުބްހާނަހޫ ވަތައާލާ އަށް ދުޢާ ދަންނަވައި އިބްތިހާލު ކުރުމަށެވެ. ތިރީގައި މިވަނީ އިސްލާމީ ބައެއް ގައުމުތަކާއި މުސްލިމުން ދިރިއުޅޭ ޣައިރު މުސްލިމް ގައުމުތަކުގައި މިއަދު ޢީދުނަމާދު ކުރިޔަށް ގެންދިޔަ ގޮތުގެ ކުރު ތަފްސީލެވެ.

ޕާކިސްތާނު : ޕާކިސްތާނުގެ ގިނަ ޕްރޮވިންސްތަކުގައި މިސްކިތާއި މިސްކިތުން ބޭރު މައިދާންތަކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރިއެވެ. ބައެއް މިސްކިތްތަކުގައި އީދުނަމާދުކުރީ ގައިދުރުކަމާއި މާސްކާ އެކުގައެވެ. އަނެއްބައި މިސްކިތްތަކާއި މައިދާންތަކުގައި މިކަންކަމަށް ސަމާލުކަން ދީފައެއް ނުވެއެވެ.

ތައިލެންޑް : 70 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ތައިލެންޑަކީ ގާތްގަނޑަކަށް 3.5 މިލިޔަން މުސްލިމުން ދިރިއުޅޭ ގައުމެކެވެ. އެއީ އެގައުމުގެ އާބާދީގެ ގާތްގަނޑަކަށް 5 އިންސައްތައެވެ. ތައިލެންޑްގައި މިސްކިތްތަކުގައާއި މިސްކިތުން ބޭރު ބޮޑެތި މައިދާންތަކުގައި ޖަމާއަތުގައި އީދުނަމާދު ކުރިއެވެ. ޢީދު ނަމާދުކުރީ ގައިދުރުކަމާއި މާސްކާ އެކުގައެވެ. މިސްކިތުގެ ސަރަހައްދުން ސެނިޓައިޒާއާއި މާސްކް ލިބެން ހުއްޓެވެ.

ދެކުނު އެފްރިކާ : 60 މިލިޔަނުގެ އާބާދީއެއް އޮންނަ ދެކުނު އެފްރިކާ ގައި ގާތްގަނޑަކަށް 7 ލައްކަ މުސްލިމުން ދިރިއުޅެއެވެ. އެއީ އެގައުމުގެ އާބާދީގެ ގާތްގަނޑަކަށް 1.6 އިންސައްތައެވެ. ދެކުނު އެފްރިކާގައި މިސްކިތްތަކުގައާއި މިސްކިތުން ބޭރު ޖަމާއަތްތަކުގައި އީދުނަމާދުކުރީ ގައިދުރުކަމާއި މާސްކާ އެކުގައެވެ.

އިންޑޮނީޝިއާ : އިންޑޮނީޝިއާ އަކީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ގައުމެވެ. 273 މިލިޔަން މީހުންގެ އާބާދީ އެއް އޮންނަ އިންޑޮނީޝިއާގައި މުސްލިމުންގެ ނިސްބަތަކީ ގާތްގަނޑަކަށް 88 އިންސައްތައެވެ. އިންޑޮނީޝިއާގައި މިސްކިތްތަކުގައާއި މިސްކިތުން ބޭރު ޖަމާއަތްތަކުގައި އީދުނަމާދު ކޮށްފައިވަނީ ގައިދުރުކަމާ ނުލައެވެ. ނަމަވެސް ބައެއްމީހުން މާސްކް ބޭނުންކުރިއެވެ. އަދި ބައެއް މިސްކިތްތަކަށް މީހުން ވެއްދި އިރު ހުންހުރި ތޯވެސް ބަލާފައިވެއެވެ.

އަފްޣާނިސްތާން : އަފްޣާނިސްތާނުގެ 37 މިލިޔަން މީހުންގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ ސުންނީންނާއި ޝިޔަޢީން ހިމެނޭގޮތަށް ގާތްގަނޑަކަށް 99 އިންސައްތައެވެ. އަފްޣާނިސްތާނުގައިވެސް މިސްކިތްތަކުގައާއި މިސްކިތުން ބޭރު ބޮޑު ޖަމާއަތްތަކުގައި އީދުނަމާދުކޮށްފައިވެއެވެ. ބައެއް މިސްކިތްތަކުގައި އީދުނަމާދުކުރީ ގައިދުރުކަމާއެކުގައެވެ. ނަމަވެސް ގިނަ ބަޔަކު މާސްކް ބޭނުމެއް ނުކުރެއެވެ. އަނެއްބައި މިސްކިތްތަކުގައި އީދުނަމާދުކުރީ ގައިދުރުކަމާ ނުލައެވެ.

އައިވަރީ ކޯސްޓް : އައިވަރީ ކޯސްޓްގެ 26 މިލިޔަން މީހުންގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ 43 އިންސައްތައެވެ. މިސްކިތްތަކުގައާއި މިސްކިތުން ބޭރު ބޮޑު ޖަމާއަތްތަކުގައި އީދުނަމާދުކޮށްފައިވާއިރު ގައިދުރުކަމާއި ސިއްޙީ ރައްކާތެރިކަމަށް ބަލާފައިވަނީ މަދުބައެކެވެ.

މިސްރު : 100 މިލިޔަން މީހުންގެ އާބާދީ އެއް އޮންނަ އިސްލާމީ ބޮޑު ގައުމެއް ކަމަށްވާ މިސްރުގައި ކޮވިޑް-19 ބާރަށް ފެތުރެމުންދާތީ މިސްކިތްތަކުގައާއި މިސްކިތުން ބޭރު ބޮޑު ޖަމާއަތްތަކުގައި އީދުނަމާދު ކުރުމުގެ ފުރުސަތު ދީފައެއް ނުވެއެވެ. އެހެންކަމުން އީދުނަމާދު ކޮށްފައިވަނީ ގޭތެރޭގައާއި އިމާރާތްތަކުގެ ޓެރަސްމަތީގައެވެ.

ތުރުކީ : 84 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ތުރުކީއަކީ އިސްލާމީ ބޮޑެތި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ތުރުކީގެ އާބާދީގެ ގާތްގަނޑަކަށް 98 އިންސައްތައަކީ މުސްލިމުންނެވެ. ކޮވިޑް-19 ބާރަށް ފެތުރެމުންދާތީ ތުރުކީގައި މިސްކިތްތަކުގައާއި މިސްކިތުން ބޭރު ބޮޑު ޖަމާއަތްތަކުގައި އީދުނަމާދު ކުރުމުގެ ފުރުސަތު ދީފައެއް ނުވެއެވެ.

ސައޫދީ އަރަބިޔާ : ކޮވިޑް-19 ބާރަށް ފެތުރެމުންދާތީ ސައޫދީގައިވަނީ އީދުގައި ފުރަބަންދުކޮށް މީހުން މަގުތަކަށް ނުކުމެ އުޅުން މަނާކޮށްފައެވެ. އެހެންކަމުން މިސްކިތްތަކުގައާއި މިސްކިތުން ބޭރު ބޮޑު ޖަމާއަތްތަކުގައި އީދުނަމާދު ކުރުމުގެ ފުރުސަތު ދީފައެއް ނުވެއެވެ. މައްކާއާއި މަދީނާގެ ދެ ހަރަމްފުޅުގައި އީދުނަމާދުކޮށްފައިވަނީ ވަރަށް މަދުބަޔަކު ގައިދުރުކޮށް ތިބެގެންނެވެ. ސައޫދީ އަރަބިޔާގެ އިތުރުން ގަލްފުގެ އެހެން ގައުމުތަކުގައިވެސް ކޮވިޑް-19 ބާރަށް ފެތުރެމުންދާތީ މިސްކިތްތަކުގައާއި މިސްކިތުން ބޭރު ބޮޑު ޖަމާއަތްތަކުގައި އީދުނަމާދު ކުރުމުގެ ފުރުސަތު ދީފައެއް ނުވެއެވެ.

އިންޑިއާގެ ކަޝްމީރު : އިންޑިއާވަނީ ކޮވިޑް-19 ބާރަށް ފެތުރެމުންދާތީ ފުރަބަންދުކޮށްފައެވެ. ނަމަވެސް ކޮވިޑް-19 ގެ ކޭސްތައް މަދު ސަރަހައްދުތަކަށް ވަނީ ބައެއް ލުއިތައް ދީފައެވެ. އެހެންކަމުން އިންޑިއާގެ ކޮންޓްރޯލް ގެ ދަށުގައި އޮންނަ މުސްލިމް ސްޓޭޓެއްކަމަށް ޖަންމޫ ކަޝްމީރުގެ އެކި ސަރަހައްދުތަކުގައި މިސްކިތްތަކުގައާއި މިސްކިތުން ބޭރު ބޮޑު ޖަމާއަތްތަކުގައި އީދުނަމާދުކޮށްފައިވެއެވެ. ގައިދުރުކަމަށް އެހާބޮޑަށް ރައްކާތެރިވެފައެއް ނުވެއެވެ. (އަލްޖަޒީރާ)