މަޝްހޫރު ވިޔަފާރި ވެރިޔާ ގާސިމް އިބްރާހިމްގެ ޕެރެޑައިސް އައިލެންޑްރިސޯޓްގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް މިއަދު 2:00 ޖަހާއިރު ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.

ގައިސަރު މިއަދު ވިދާޅުވީ ފުލުހުން ރޭ ފޮނުވި ޗިޓްގައި ބުނެފައިވަނީ މައްސަލަ އެއް ސާފުކޮށްލުމަށް މިއަދު ޕޮލިހަށް ހާޒިރުވުމަށް ދަންނަވާ ކަމަށެވެ.

"އަޅުގަނޑު މިހާރު މިހުރީ ރިޒޯޓްގައި ފުލުސް އޮފީހަށް ހާޒިރުވާން ޖެހޭ ގަޑިއަށް އަޅުގަނޑު ހާޒިރުވާނަން،" ގައިސަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިއްޔެ ފުލުހުންނާނާއި ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލުން އިއްޔެ އެ ރިސޯޓަށް ގޮސް ރިސޯޓްގެ ސުޕާ ބަންދުކުރިތޯ ޗެކްކުރުމަށް ފަހު ރިޒޯޓުން ފުރައިގެން ގޮސްފައިވާ ކަމަށެވެ.

ގައިސަރު ވިދާޅުވީ ސަރުކާރުން ތުހުމަތުކުރާ ފަދަ ގާނޫނާ ހިލާފު އެއްވެސް ކަމެއް އެ ރިޒޯޓްގައި ނުހިންގާ ކަމަށާއި، ރިސޯޓްގެ ސުޕާ ކޯޓް އަމުރަކަށް ނޫން ގޮތަކަށް ބަންދު ނުކުރާނެ ކަމަށެވެ.

ގާސިމް އިބްރާހިމްގެ ފަސް ރިސޯޓެއްގައި ހަށިވިއްކުމުގެ އަމަލު ހިންގާ ކަމަށް ބުނެ އެ ރިޒޯޓްގެ ސުޕާތައް ބަންދުކުރުމަށް ޓޫރިޒަމް މިނިސްޓްރީން އިއްޔެ ރޭ ވަނީ އަންގާފަ އެވެ.