10:00


އިންގްލެންޑާއި މެކްސިކޯ މުބާރާތުން ކަޓައި ޖާމަނީ އާއި އާޖެންޓީނާ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފި އެވެ. މި ނަތީޖާއާ އެކު ކުއާޓާރ ފައިނަލްގައި ޖުލައި 1 ވާ ހޮނިހިރު ދުވަހު އާޖެންޓީނާ ނިކުންނާނީ ޖާމަނީއާ ދެކޮޅަށެވެ.


ވޯލްޑްކަޕްގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ޖަރުމަނާ ވާދަކޮށް އިންގްލެންޑް ބަލިވީ 4-1 އިންނެވެ. މިއީ މިފަހަކަށް އައިސް އިންގްލެންޑް ވޯލްޑްކަޕް މެޗެއްގައި ދަށްވި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.


މި މެޗުގެ 20 ވަނަ މިނިޓުގައި އިންގްލެންޑުގެ ގޯލް ހުޅުވާލަދިނީ ބެޔާން މިޔުނިކަށް ކުޅެމުންދާ ޖާމަނީގެ މިރޮސްލާވް ކޮލޯސާ އެވެ. މިއީ އޭނާ ޖާމަނީ ޓީމަށް ކާމިޔާބުކޮށްދިން ފަންސާސް ވަނަ ލަނޑެވެ. ޖާމަނީގެ ދެވަނަ ލަނޑު ޖަހައިފައި ވަނީ 32 ވަނަ މިނެޓްގައި ޕޮޑަލްސްކީ އެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އިންގްލެންޑް ވަނީ ލަނޑެއް ޖަހައި ދޭއް އެކަކަށް ނަތީޖާ ބަދަލުކޮށްފަ އެވެ.


ފުރަތަމަ ހާފްގެ ކުޅުން މި ނަތީޖާގައި އޮވެގެން ނިމުނު ނަމަވެސް ދެވަނަ ހާފްގައި ޖާމަނީގެ ބެޔާން މިޔުނިކަށް ކުޅޭ ޒުވާން ފޯވަޑް ތޯމަސް މުލާ ވަނީ އިތުރު ދެ ލަނޑު ޖަހައި މުބާރާތުގެ ގަދަ އަށަކަށް ޖާމަނީ ގެންގޮސްދީފަ އެވެ.


ރޭގެ މި ނަތީޖާ އާއެކު ޖާމަނީ ވަނީ 1938 ވަނަ އަހަރުގެ ވޯލްޑްކަޕަށް ފަހު އެމީހުން ކުޅުނު ކޮންމެ ވޯލްޑް ކަޕެއްގެ ކްއާޓަރ ފައިނަލުން ޖާގަ ހޯދައިފަ އެވެ.


މެޗަށް ފަހު އިނގިރޭސި ކޯޗު ފަބިއޭ ކަޕެއްލޯ ބުނެފައި ވަނީ ލަމްޕާޑް ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހި ޖާމަނީގެ ގޯލް ތެރެއަށް ވަތް ނަމަވެސް އެއީ ލަނޑެއް ކަމަށް ރެފްރީ ނުބެލުމަކީ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަ ކަމަށާއި ޖާމަނީ ކަހަލަ މޮޅު ޓީމެއް ކައިރީ ކުޅޭއިރު ރެފްރީގެ މިފަދަ ނިންމުމަކީ ކުޅުންތެރިންނަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށެވެ.


މިއީ 1966 ގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި އިންގްލެންޑާއި ޖާމަނީ ބައްދަލުކުރި މެޗުގައި ވެސް ތަކުރާރުވި ފަދަ މައްސަލައެކެވެ. އެފަހަރު ވެސް މިގޮތަށް ވަތް ބޯޅައެއް ރެފްރީ ވަނީ ގޯލެއް ނޫން ކަމަށް ބަލައިފަ އެވެ. ނަމަވެސް އެ ފަހަރުގެ މުބާރާތުގައި އިންގްލެންޑް ވަނީ ހަތަރެއް ދޭއްގެ ކާމިޔާބެއް ޖާމަނީގެ މައްޗަށް ހޯދައިފަ އެވެ.


ރޭގެ ދެވަނަ މެޗުގައި މެކްސިކޯއާ ވާދަކޮށް ތިނެއް އެކަކުން އާޖެންޓީނާ ހޯދި ކާމިޔާބާ އެކު އެޓީމު ވަނީ މި މުބާރާތުގައި ދަމަހައްޓަމުން އަންނަ މެޗަކުން ބަލިނުވުމުގެ ރެކޯޑް އާކޮށްފަ އެވެ.


މި މެޗުގެ ފުރަތަމަ ލަނޑު އާޖެންޓީނާ އަށް ކާމިޔާބުކޮށްދީފައި ވަނީ މެންޗެސްޓަރ ސިޓީގެ ހުނަރުވެރި ފޯވަޑް ޓެވޭޒެވެ. މި ލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށް ބުނެ މެކްސިކޯގެ ކުޅުންތެރިން ވަނީ މައްސަލަ ވެސް ޖައްސައިފަ އެވެ. ނަމަވެސް ރޮނގު ބެލެހެއްޓި ރެފްރީއާ ވާހަކަ ދެއްކުމަށްފަހު ރެފްރީ ނިންމީ އެއީ ރަނގަޅު ލަނޑެއް ކަމަށެވެ.


ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ހިގުއިން 33 ވަނަ މިނެޓްގައި ޖަހައިދިން ލަނޑާއެކު ހަތަރު ލަނޑު ހަމަކޮށް، އޭނާ ވަނީ މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ވެފަ އެވެ. އާޖެންޓީނާގެ ތިން ވަނަ ލަނޑު 52 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ވެސް ލިބުނު އަދި ފުރަތަމަ ލަނޑު ވެސް އާޖެންޓީނާއަށް ޖަހައިދިން ޓްވޭޒެވެ. މެކްސިކޯ އަށް ސުން ކަނޑުވާލަދިނީ 71 މިނެޓްގައި ހެނާންޑޭޒެވެ.