27 Dec 2011, 10:07
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހީމް ސަލީމް އެސްއެމްއެސް އަކުން މިއަދު މަގާމުން ވަކިކުރައްވައިފި އެވެ.
އައިލޭންޑް އޭވިއޭޝަންގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ދެންމެ ވިދާޅުވީ ބަންދު ސަލީމު ކުރަމުން އަންނަ މަސައްކަތް ވަގުތުން ވަގުތަށް އެ ކުންފުނީގެ ކޮމާޝަލް ޑައިރެކްޓަރު އަހުމަދު ޒުހައިރާ ހަވާލު ކުރުމަށް ރައީސް އޮފީހުގެ އޮފިޝަލަކު އެސްއެމްއެސް އަކުން ބަންދުގެ ފޯނަށް އަންގަވާފައިވާ ކަމަށެވެ.
ނަމަވެސް އޭނާ މަގާމުން ވަކި ކުރެއްވި ސަބަބު ބުނެފައި ނުވާ ކަމަށް އެ ކުންފުނީގެ އޮފިޝަލް ވިދާޅުވި އެވެ.
ބަންދު މެނޭޖިން ޑިރެކްޓަރުކަމުން ވަކި ކުރެއްވިއަސް، އެ ކުންފުނީގެ ބޯޑުން ވަކިކުރި ކަމަށް ނާންގަވާ ކަމަށް ވެސް އެ ކުންފުނީގެ އޮފިޝަލް ވިދާޅުވި އެވެ.
ބަންދު ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވެސް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވެސް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ަ
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ބަންދު ވަކި ކުރެއްވި އިރު، އޭނާ ވަނީ އެއާމޯލްޑިވްސް ބަނގުރޫޓް ވުމުން އައިލެންޑް އޭވިއޭޝިއަން އުފައްދަވައި އެ ކުންފުނި ކޮޅަށް ޖަހައި އެތެރޭގެ ދަތުރުތައް ހަމައަކަށް އަޅުވައިފަ އެވެ. އަދި އައިލެންޑް އޭވިއޭޝަނަށް އެންމެ ފައިދާ ލިބެމުން އައި އެއާޕޯޓްގެ ގްރައުންޑް ހޭންޑްލިންނާއި ކާގޯ އާއި ވީވީއައިޕީ ލޯންޖުގެ ހިދުމަތް އައިލެންޑް އޭވިއޭޝަނުން ވަކިކޮށް ޖީއެމްއާރާ ހަވާލު ކުރުމުން ވެސް ކުންފުނި ކުރިއަށް ގެންދިއުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރައްވައިފަ އެވެ.