ޖަރުމަނުގެ ކްރިސްޓިއަން ނޫނީ ނަސޯރާ ދީނުގެ ފައްޅިއެއް މުސްލިމުން ނަމާދުކުރަން ދީފި އެވެ.

ކޮރޯނާ ވައިރަސް ފެތުރޭތީ ޖަރުމަނުގައި އަޅާފައިވާ ގައިދުރުވުމުގެ ފިޔަވަޅުތަކާއެކު ޖަރުމަނުގެ ބައެއް މިސްކިތްތައް ކުޑަކަމުން މިހާރު ނަމާދު ކުރަން ޖާގަ ނޯވެ އެވެ. އެހެންވެ، އެކަހަލަ ކުޑަ މިސްކިތްތައް ވަނީ ބަންދުކޮށްފަ އެވެ.

އެކަމާ ގުޅިގެން ޖަރުމަނުގެ ނިއުކޮލްނު ސަރަހައްދުގައި ހުންނަ ދާރުއް ސަލާމް މިސްކިތުގައި މިވަގުތު ނަމާދު ކުރެވެނީ މަދު ބަޔަކަށެވެ.

އެހެންވެ، ޖަރުމަނުގެ ކުރުއެޒްބާގްގައި ހުންނަ މާތުރާ ލުތާން ޗާޗުން ވަނީ ރަމަޟާން މަހު އެ ޗާޗުގައި މުސްލިމުން ޖަމާއަތުގައި ނަމާދުކުރެވޭނެ ގޮތް ހަދައިފީފައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު މުސްލިމުން ހުކުރު ނަމާދު ޖަމާއަތުގައި ކުރީ އެ ޗާޗުގައެވެ.

ޗާޗުގައި މުސްލިމުން ނަމާދު ކުރަނީ--

ކޮރޯނާއާ ގުޅިގެން ޖަރުމަނުގައި ފުރަބަންދުކޮށް އެޅި ފިޔަވަޅުތަކަށް ފަހު މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ވަނީ އެކި ދީންތަކުގެ މީހުން އަޅުކަންތަކަށް އެއްވުމުގެ ފުރުސަތު ދީފައެވެ. ނަމަވެސް ކޮންމެ މީހެއްގެ ދުރުމިނުގައި ފަސް ފޫޓްގެ ދުރުމިން ހުންނަން ޖެހެއެވެ.

" ބަލި މަޑުކަމާއެކު ދެ ކޮމިއުނިޓީއެއް މިވަނީ އެއްބަޔަކު އަނެއްބަޔަކާ ގުޅި ލާމެހިފައި. މިއީ ވަރަށް ރަނގަޅު ނިޝާނެއް. ހާއްސަކޮށް ރަމަޟާން މަހު މި ކާރިސާ ތެރޭގައި މި ފުރުސަތު ލިބުމުން ވަރަށް އުފާވޭ" ދާރުއް ސަލާމް މިސްކިތުގެ އިމާމް ރޮއިޓާސްއަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ.

ޗާޗުގައި ޖަމާއަތުގައި ކުރި ނަމާދުގައި އެ ޗާޗުގެ ޕާސްޓާވެސް ބައިވެރިލައްވައި ވަނީ ކުރި ޚިތާބެއް ދެއްވައިފައެވެ.

" މުސްލިމުންގެ ހުރި ކަންބޮޑުވުންތައް އަޅުގަނޑުމެންނަށްވެސް އިހުސާސްވޭ. މިފަދަ ގޮތަކަށް އެއްބަޔަކު އަނެއް ބަޔަކާ މެދު ދެކުމަކީ ވަރަށް ރީތި އުސޫލެއް. އަޅުގަނޑުމެންވެސް ބޭނުންވަނީ މުސްލިމުންގެ ފަރާތުން ކަންކަން ދަސްކުރަން." ޕާސްޓާ ވިދާޅުވިއެވެ. -- ބީބީސީ