ކޮވިޑް19 ޖެހިގެން އިތުރު 18 މީހަކު ރަނގަޅުވެފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެއާއެކު ރާއްޖެއިން މި ބަލި ޖެހިގެން ރަނގަޅުވެފައިވާ މީހުންގެ ޖުމްލަ އަދަދަކީ، 127 އެވެ. ވައިރަސް ޖެހިގެން ރާއްޖޭގައި ފަރުވާ ދެމުން ދަނީ، 1284 އެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމާ ހަމައަށް ވައިރަސް ޖެހިގެން ރަނގަޅުވި މީހުންގެ ގޮތުގައި އެންްއޯއީސީ އިން ހާމަކޮށްފައިވަނީ 109 މީހުންނެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ މުރާދު ވިދާޅުވީ، ވައިރަހުން ރަނގަޅުވި 18 މީހުންގެ ތެރެއިން ތިން މީހަކު ރަނގަޅުވެފައި ވަނީ ވޭތުވެދިޔަ 24 ގަޑިއުރު ކަމަށެވެ.

ޑރ. ވިދާޅުވީ މިހާރު ޑީއެޗް 11 ގައި އޮތީ އެންމެ ބަލި މީހެއް ކަމަށާއި ޓްރީޓޮޕްގައި ތިބީ 10 މީހަކު ކަމަަށެވެ. އޭގެ ތެރެއިން މިހާރު ވެންޓިލޭޓަރުގައި ފަރުވާ ދެނީ އެންމެ މީހަކަށްކަމަށް ޑރ. ވިދާޅުވިއެވެ.

ބަލިން ރަނގަޅުވާ މީހުންގެ ރޭޓް މަތިވަމުންދާއިރު، މިކަމާ ގުޅިގެން މޫސާ މުރާދު ވިދާޅުވީ، މިހާރު ހަދަމުންދާ ޕީސީއާރު ޓެސްޓުން ބަލިން ރަނގަޅުވާ މީހުންގެ ރޭޓް ހިސާބު ކުރަން އުދަނގޫ ކަމަށެވެ. އަދި މިކަމުގައި ޓެސްޓު ކުރާ ގޮތް ބަދަލު ކުރަމާ މެދު ޓެެކްނިކަލް އެޑްވައިޒަރީ ގުރޫޕުން މަޝްވަރާ ކުރަމުންދާ ކަމަށްވެސް ޑރ. މުރާދު ވިދާޅުވިއެވެ.

މިއަދު ރާއްޖެއިން ފެނުނު ކޭސްތަަކު އަދަދަކީ، 39 އެވެ. ޖުމްލަ މިހާތަނަށް ޕޮޒިޓިވްވި މީޙުންގެ އަދަދަކީ، 1،313 އެވެ.