ކޮވިޑް19 ޖެހިގެން ރާއްޖެއިން ރަނގަޅުވާ މީހުންގެ ރޭޓް ދެނަގަތުމަށް މިހާރު ޓެސްޓު ކުރާ ގޮތް ބަދަލު ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއޯއީސީ) ބުނެފިއެވެ.

މިހާތަނަށް ރާއްޖެއިން 1،313 މީހަކު ކޮވިޑަށް ޕޮސިޓިވްވެފައި ވާއިރު، 127 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

މިރޭ ދަރުބާރުގޭ، އެންއޯއީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ، އެކި ގައުމުތަކުގައި ވައިރަހުން މީހުން ރަނގަޅުވިކަން ދެނެގަންނަނީ އެކި ގޮތް ގޮތަކަށް ކަމަށާއި ނަމަވެސް ރާއްޖޭގައި ވައިރަހުން ރަނގަޅުވިކަން ނިންމަނީ މިހާރު ކޮވިޑަށް ހަދަމުންދާ ޕީސީއާރު ޓެސްޓުގެ ނަތީޖާ ރަނގަޅުވުމުން ކަމަށެވެ. ނަމަވެސް ޕީސީއާރު ޓެސްޓުން ބަލިން ރަނގަޅުވި މީހުންގެ ރޭޓް ދެނަގަތުމަށް އުދަނގޫ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"ޕީސީއާރު ޓެސްޓުން ދެނެގަނެވީ ވައިރަސް އެތިކޮޅެއް ހަށިގަނޑުގައި ނެތްތޯ ހުރިތޯ. އެއީ ދިރޭ ވައިރަސްއެއްގެ އެތިކޮޅެއްތޯ ނުވަތަ މަރުވެފައިވާ ވައިރަސްއެއްގެ އެތިކޮޅެއްތޯ ދެނެނުގަނެވޭ. އެހެންވެ ޓެސްޓްތައްކެއް ހަދަމުންދިޔަނަމަވެސް ބައެއް ފަހަރު ވަރަށް ދުވަސް އެބަ ނަގާ އެމީހެއްގެ ޓެސްޓް ނެގަޓިވްވާން ޕީސީއާރު ޓެސްޓަކުން. ލައިވް ވައިރަސްއާއި މަރުވެފައިވާ ވައިރަސް ތަފާތު ކުރަން ނޭނގޭތީވެ[ބަލިން ރަނގަޅުވާ ރޭޓް ދެނެގަތުމަށް އުދަނގޫ]،" މިހާރު ބަލިން ރަނގަޅުވާ ރޭޓަކީ ކޮބާތޯ ސުވާލު ކުރުމުން ޑރ. މުރާދު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދު ވާހަކަ ދައްކަވަނީ -- ފޮޓޯ/ އެންއީއޯސީ

މުރާދު ވިދާޅުވީ، މިހާރު ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް)އާއެކު ޓެސްޓުތައް ހެދުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި މިކަމުގައި ގޮތެއް ނިންމުމަށްފަހު އަމަލު ކުރަމުންދާ ގޮތް ބަދަލު ކުރާނެ ކަމަށެވެ.

"އެހެންވެ އަޅުގަނޑުމެންވެސް ކޮންމެވެސް ވަރަކަށް މަޝްވަރާ އެބަ ކުރަން، ކިއޯ ރޭޓް ނުވަތަ ބަލިން ރަނގަޅުވާ ރޭޓް ކަލްކިއުލޭޓް ކުރާނެ އެންމެ ރަނގަޅު ގޮތަކީ ކޮބާތޯ. ސްޓެޓިސްޓިކަލީ މިކަން އެންމެ ކުރެވޭނީ ކޮބާތޯ ބެލުން ޑިސްކަޝަން އެބަ ގެންދަން. އެއަށް ފައިނަލް ގޮތެއް ލިބުނީމަ އެއަށް ބޭސްކޮށްފައި އަޅުގަނޑުމެންގެ ސްޓްރެޓެޖީ ބަދަލު ކުރަން،" ޑރ. މުރާދު ވިދާޅުވިއެވެ.

މުރާދު ވިދާޅުވީ، ރަނގަޅުވާ ރޭޓް ދެނެގަނެވޭނީ އެއަށްފަހު ކަމަށެވެ.

އެޗްޕީއޭ އިން ދަނީ ކޮންމެވެސް ވަރަކަށް އެންޓިބޮޑީ ޓެސްޓުތަކެއް ހަދަމުންނެވެ. ނަމަވެސް އެންއޯއީސީ އިން ބުނެފައިވަނީ އެ ޓެސްޓްތަކަކީ ދިރާސާއަށް ހަދާ ޓެސްޓުތަައް ކަމަށާއި މިވަގުތައް އެ ޓެސްޓުތަކުގެ ނަތީޖާ އާންމު ނުކުރާނެ ކަމަށެވެ. އެންޓި ބޮޑީޓެސްޓުން މީގެ ކުރިން މީހަކަށް ވައިރަސް ޖެގިފައި ހުރި ނަމަ ދެނަގެނެވޭނެއެވެ.