ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިހާރު މެދުކަނޑާލާފައި އޮތް ސްޕެނިޝް ލީގު އަންނަ މަހުގެ އަށްވަނަ ދުވަހު ފެށުމުގެ ހުއްދަ ސްޕެއިނުގެ ސަރުކާރުން ދީފި އެވެ.

ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް މިއަދުގައުމާ މުޚާތަބު ކުރައްވަމުން ވިދާޅުވީ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރެވި ހާލަތު ރަނގަޅު ވަމުން އަންނާތީ ގައުމުގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށް ދޫދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޖޫން މަހުގެ އަށްވަނަ ދުވަހުން ފެށިގެން ސްޕެނިޝް ލީގުގެ ކުޅުންވެސް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ޔޫރޮޕް ފުޓުބޯޅަ މެދުކަނޑާލީ މިދިޔަ މާޗު މަހުގެ ކުރީކޮޅު އެވެ. އެއަށްފަހު ގައުމުތަކުގެ ލޮކްޑައުން މަހުން މަހަށް އިތުރުވަމުން ދިއުމާ ގުޅިގެން ބައެއް ގައުމުތަކުގެ ފުޓުބޯޅަ ސީޒަންތައް ވަނީ ކެންސަލް ކޮށްފަ އެވެ.

އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމްގެ ލީގު އަދި ޑަޗް ލީގުގެ އިތުރުން އާޖެންޓީނާގެ ލީގު ވެސް ވަނީ ނިންމާލައިފަ އެވެ.

ނަމަވެސް ސްޕެއިނާއި، އިޓަލީ އަދި އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަނުން ފުޓުބޯޅަ ސީޒަން ކުރިއަށް ގެންދާނެ ކަން މީގެ ކުރިން އިއުލާން ކޮށްފައިވާ އިރު އެންމެ ފުރަތަމަ ލީގު ފެށީ ޖަރުމަނުންނެވެ. އެއާއެކު އިޓަލީންނާއި، ސްޕެއިނުގެ ކުލަބުތަކަށް ރަސްމީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ.

ޖޫން މަހުގެ އަށްވަނަ ދުވަހް ސްޕެނިޝް ލީގު ފެށުމުގެ ހުއްދަ ސްޕެއިންގެ ސަރުކާރުން ދިންއިރު، ލަލީގާ އިން މަސައްކަތް ކުރަމުން އަންނަނީ ޖޫން މަހުގެ 12 ވަނަ ދުވަހު ލީގު އަލުން ފެށުމަށެވެ. އެގޮތުން ޖޫން މަހުގެ 12 ވަނަ ދުވަހު ލީގު އަލުން ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ލަލީގާގެ ރައީސް ހާވިއޭ ޓެބާސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ލީގުގެ ކުޅުން އަލުން ފެށުމަށް ތައްޔާރުވަމުންދާ އިރު ދާދި ފަހުން ވަނީ ސްޕެއިނުގެ ފުރަތަމަ އަދި ދެވަނަ ޑިވިޝަނުގެ ހުރިހާ ކުޅުންތެރިން ވައިރަހަށް ޓެސްޓް ކޮށްފަ އެވެ.

އަދި ލީގުގެ ކުޅުން އަުން ފެށި ނަމަވެސް ރައްކާތެރިވުމަޑް އަޅާ ފިޔަވަޅެއްގެ ގޮތުން މެޗުތައް ކުޅޭނީ ސަޕޯޓަރުންނާ ނުލަ އެވެ.