ކޮރޯނާ ވައިރަހުގެ ސަބަބުން ކުޅުންތެރިންނަށާއި، ކޯޗުންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމުގެ ގޮތުން ކުޅިވަރާ ބެހޭ ވަަޒީރު އަހުމަދު މަހްލޫފް ވަކި ވަކި އެސޯސިއޭޝަންތަކާ އެކު ބައްދަލުވުންތަކެއް ބާއްވައިފި އެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރި، ކުޅިވަރުގެ ހުރިހާ ހަރަކާތެއް ހުއްޓާލާފައިވާތީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ވެސް އާމްދަނީއެއް ލިބޭނެ ގޮތެއް ނެތެވެ. އަދި ބައެއް ކުޅުންތެރިން ވަނީ ސަރުކާރުން ދޭ ފައިސާ ނުލިބޭތީ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ބުނެފަ އެވެ.

އެހެން ކަމުން ކުޅުންތެރިންގެ ކަންބޮޑުވުންތައް ވަކި ވަކިން އަޑުއެއްސެވުމުގެ ގޮތުން މިނިސްޓަރު ވަނީ މިހާތަނަށް ހަތަރު އެސޯސިއޭޝަނެއްގެ ކޮމިއުނިޓީއާ ވީޑިއޯ ކޮންފަރެންސްގެ ޒަރިއްޔާއިން ބައްދަލުކޮށްފަ އެވެ. އެގޮތުން ރޭގެ ވަގުތެއްގައި މިނިސްޓްރަ ވަނީ ޓީޓީ އެސޯސިއޭޝަނާއި، ވޮލީ އެސޯސިއޭޝަނުގެ ކޮމިއުނިޓީއާ ބައްދަލުކޮށް ކުޅުންތެރިންނާއި ކޯޗުންގެ ޝަކުވާތައް އަޑުއައްސަވާފަ އެވެ.

އަދި މިރޭގެ ވަގުތެއްގައި ހޭންޑް ބޯޅައާއި، ބާސްކެޓް ބޯޅަ އެސޯސިއޭޝަންގެ ކޮމިއުނިޓީއާ ބައްދަލުކޮށްފައިވާއިރު ކުރިއަށް އޮތްތާ ބާކީ ހުރި އެސޯސިއޭޝަންތަކާ ވެސް ބައްދަލު ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި ދެކެވިފައިވަނީ މިހާރު މެދުކެނޑިފައި އޮތް ގައުމީ ޓީމުތަކުގެ ކުޅުންތެރިންގެ މުސާރަ އަލުން ދިނުމާ ބެހޭ ގޮތުންނާއި، ލޮކްޑައުންގެ ފިޔަވަޅުތަކަށް ދޫ ދިނުމުން ޕްރެކްޓިސްތައް އަލުން ފެށުމާ ގުޅޭ ގޮތުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މަހުލޫފް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއްގެ ގޮތުގައި ހުރިހާ ކުޅިވަރު ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ތަފާތު ކުރުމެއްނެތި ފައިސާ ދެމުން އައި ކަމަށެވެ.

އެގޮތުން މަހެއްގެ މައްޗަށް 328 ކުޅުންތެރިންނަށް ގާތްގަނޑަކަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް ވިދާޅުވި އެވެ.