23 May 2020, 21:52
އަންނަ އަހަރު ދިރާސީ އާއަހަރު ފަށާނީ އަހަރުގެ މެދުތެރެއިން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ކޮވިޑާ ގުޅޭގޮތުން ރާއްޖެ ޓީވީން މިރޭ ގެނެސްދިން ހާއްސަ ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ ދިރާސީ އާ އަހަރު އަންނަ އަހަރު މެދުތެރެއިން ފަށަން ނިންމީ މިއަހަރު އޮކްޓޯބަރު ނޮވެމްބަރު މަހު ބާއްވަން އޮތް އޯ ލެވެލް އިމްތިހާން އަންނަ އަހަރުގެ ޖޫން މަހަށް ފަސްކުރަން ނިންމި ނިންމުމާ ގުޅިގެން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ބަދަލުގެ ސަބަބުން ސްކޫލްތަކަށް ޖާގައިގެ ދަތިކަން ކުރިމަތިވެ މުދައްރިސުންނާއި އެހެނިހެން ވަސީލަތްތަކުގެ ދަތިކަމުން އަރިއިގަންނަން އުނދަގޫވާނެ ކަމަށެެވެ.
އެހެންކަމުން ސޯޝަލް ކައުންސިލް ލަފަޔާއެކު އަންނަ އަހަރުގެ މެދުތެރެއިން ދިރާސީ އާ އަހަރު ފަށަން ނިންމީކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުުރަށް ވިދާޅުވީ އެ ބަދަލު ދާއިމީ ބަދަލަކަށް ހަދަން ފެނޭތޯ ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމުގެ
މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މަޝްވަރާތަކަށްފަހު އެކަޑަމިކް ކަލަންޑަރަށްގެނެވޭ ބަދަލުތައް ލަސްތަކެއްނުވެ އިއުލާންކުރާނެކަމަށްވެސް ވިދާޅުވިއެވެ.
ކޮވިޑްއާ ގުޅިގެން ސްކޫލްތައް ބަންދުކުރީ މިދިޔަ މާޗްމަހުއެވެ. އޭގެ ފަހުން އޮންލައިންކޮށާއި ޓެލެކްލާސްތައް ނަގައިދިން ނަމަވެސް މިދިޔަ އޭޕްރީލް މަހު މެދުތެރެއިން މާލެއިން ކޮރޯނާ ވައިރަސް ފެތުރުމުން ޓެލެކްލާސްތައްވެސް ވަނީ މެދުކަނޑާލައިފައެވެ.
އެކަމާ ގުޅިގެން ގިނަ ދަރިވަރުންތަކެއްގެ ފިލާވަޅުތަކެއް އޮތީ މެދުކެނޑިފައެވެ.