27 Dec 2011, 00:20
ވިލާ އެއާގެ އޮޕަރޭޝަންތައް ހުއްޓުވާލުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެންގި އެންގުމަކީ ގާނޫނާއި ޚިލާފަށް އެންގި އެންގުމެއް ކަމަށް ކަނޑައަޅައި ދިނުމަށް ވިލާ އެއާއިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
މައްސަލަ ކޯޓަށް ހުށަހެޅުމަށްފަހު ކޯޓުގެ ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިލާ އެއާގެ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ވިލާ އެއާގެ ދަތުރުތައް ހުއްޓާލުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެންގި އެންގުމަކީ ގާނޫނާއި ޚިލާފަށް އެންގި އެންގުމެއް ކަމަށް ކަނޑައަޅައި ދިނުމަށް ކަމަށެވެ.
އާޒިމާ ވިދާޅުވީ ވިލާ އެއާގެ އުދުހުންތައް ފައްޓައި ދިނުމަށް ދައުވާގައި އެދިފައި ވާނެކަމަށާއި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު އެކޯޓުން ވަކިގޮތެއް ނިމެންދެން ވިލާއެއާގެ ދަތުރުތައް ކުރެވޭނެ ގޮތަށް އަމުރެއް ނެރެދިނުމަށް ވެސް އެދިފައި ވާނެ ކަމަށެވެ.
ސިވިލް ކޯޓުން މިރޭ ބުނީ އެ މައްސަލަ މިހާރު ކޯޓަށް ބަލައިގެންފައިވާ ކަމަށާއި ނަމަވެސް އަދި މައްސަލަ ޝެޑިއުލް ކޮށްފައި ނުވާކަމަށެވެ.