ނިޔުޔޯކް (23 މޭ 2020) : ހަނގުރާމައިގެ ސަބަބުން ޔަމަންގެ ސިއްހަތާބެހޭ ނިޒާމު އެއްކޮށް ރޫޅިގެން ގޮސްފައިވާ ކަމަށާ ކޮރޯނާވައިރަސް "ކޮވިޑް-19" އާ ދެކޮޅަށް މަސައްކަތް ކުރުމުގެ އެއްވެސް ގާބިލްކަމެއް ޔަމަންގައި ނެތްކަމަށް އދ. އިން ބުނެފިއެވެ.

އދ. ގެ "އޮފީސް ފޯ ކޯޑިނޭޝަން އޮފް ހިޔުމަނިޓޭރިއަން އެފެއާޒް" ތަރުޖަމާނު ޔެންސް ލައިކާ ވިދާޅުވީ ޔަމަންގައި ކޮވިޑް-19 ވަރަށް ބާރަށް ފެތުރި ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާކަން ރަސްމީ ސިފައެއްގައި ކަށަވަރު ނުވިނަމަވެސް ޔަމަނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޖަމްއިއްޔާ ޖަމާއަތްތަކުން މަސައްކަތްކުރަނީ ޔަމަން އެހާލަތަށް ގޮސްފައިވާކަމަށް ބަލައިގެން ކަމުގައެވެ.

ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީ ގެ ސަރުކާރު އަލުން އަނބުރައި އެގައުމުގެ ވެރިކަމަށް އިޢާދަ ކުރުމުގެ ނަމުގައި ސައޫދީ އާއި ޔޫއޭއީ ކުރަމުން ގެންދާ ހަނގުރާމައިގާ އެދެގައުމުން ޔަމަނަށް ދިން ވައިގެ ޙަމަލާތަކުގައި ޔަމަންގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އެނޫންވެސް މަދަނީ އިންފްރާސްޓްރަކްޗާ ވަނީ ގާތްގަނޑަކަށް އެއްކޮށް ހަލާކުކޮށްލާފައެވެ.

މިއާއެކުވެސް ޔަމަންގެ ވެރިކަމަށް އަތްގަދަކޮށްގެންތިބި ހޫޘީ ޖަމާއަތް ބަލިކޮށް ހާދީގެ ސަރުކާރު ވެރިކަމަށް އަލުން އަނބުރައި އިޢާދަ ކުރުމުގައި އެދެގައުމުވަނީ ނާކާމިޔާބުވެފައެވެ. އަދި ވެރިކަން އިޢާދަކޮށްދިނުމުގެ ނަމުގައި ސައޫދީ އާއި ޔޫއޭއީ ޔަމަންގައި ހިންގަނީ ޔަމަނަށް އަތްގަދަކޮށް ޔަމަންގައި އެދެގައުމުގެ ބާރާއި ނުފޫޒު ހިންގުމުގެ މަސައްކަތްތަކެއް ކަމަށް ހާދީގެ ސަރުކާރަށް ނިސްބަތްވާ ބައެއް މަސްއޫލުވެރިންވަނީ ތުހުމަތު ކުރައްވާފައެވެ.

ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ޔަމަންގެ ތުއްތު ކުދިން

2015 ގައި ފެށި ޔަމަންގެ ހަނގުރާމަ މިހިސާބަށްގޮސްފައިވާއިރު ހާދީގެ ސަރުކާރާ އިދިކޮޅަށް ހަރަކާތްތެރިވާ ޔަމަންގެ ބައެއްޖަމާއަތްތަކަށް ޔޫއޭއީ އަސްކަރީ ގޮތުން އެހީތެރިވެ އެ ޖަމާއަތްތަކުން ޔަމަންގެ ދެކުނުގައި ވަކި ދައުލަތެއް އުފައްދަން މަސައްކަތްކުރާތީ ހާދީގެ ސަރުކާރާއި ޔޫއޭއީ ވަނީ ވަރަށް ބޮޑަށް ޖެހިފައެވެ. ޔޫއޭއީ އާއި ހާދީގެ ސަރުކާރާ ދެމެދުގައި އުފެދިފައިވާ މިމައްސަލަ ހައްލުކުރަން ސައޫދީ މަސައްކަތް ތަކެއް ކުރިނަމަވެސް އެކަން ކާމިޔާބު ވެފައެއް ނުވެއެވެ.

ޔަމަންގެ ސިއްހަތާބެހޭ ނިޒާމު އެއްކޮށް ރޫޅިގެން ގޮސްފައިވާކަމަށް އދ. ބުނާއިރު ޔަމަންގައި ދަނީ ކޮލެރާއާއި އެކި ބާވަތްތަކުގެ ހުމާއި އެނޫން ރޯގާތައްވެސް ފެތުރެމުން ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ "ޑަބްލިޔޫއެޗްއޯ" ބުނެއެވެ.

ޔަމަން މިހާލަތުގައި އޮތުމުން އެގައުމުގެ 23 މިލިޔަން އާބާދީގެ ތެރެއިން ގާތްގަނޑަކަށް 16 މިލިޔަން މީހުން ކޮވިޑް-19 ގެ ޝިކާރައަކަށް ވެގެންދާނެކަމަށާ އަދި ޔަމަންގެ ސިއްޙީ ނިޒާމު ރޫޅިފައިވާތީ ކޮވިޑް-19 ޖެހިގެން މަރުވާމީހުންގެ ނިސްބަތްވެސް އެގައުމުގައި މަތިވާނެކަމަށް ޑަބްލިޔޫއެޗްއޯ އަންދާޒާ ކުރެއެވެ.

ކޮވިޑް-19 ޖެހިގެން މިދިޔަ ދެ ހަފްތާގައިވެސް ޔަމަންއިން 68 މީހުން މަރުވިކަމަށް އެގައުމުގައި މަސައްކަތްކުރާ ޖަމްއިއްޔާ އެއްކަމަށްވާ "ޑޮކްޓާސް ވިތައުޓް ބޯޑާސް" ބުނެފައިވެއެވެ. ސިއްހީ އެހީއާއި އެނޫންވެސް އިންސާނީ އެހީ މިއަހަރުގެ ނިޔަލަށް ޔަމަނަށް ފޯރުކޮށްދިނުމަށްޓަކައި މަދުވެގެން 2 ބިލިޔަން ޑޮލަރު ބޭނުންވާތީ އެފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާކަން އދ. ން ވަނީ ހާމަކޮށްފައެވެ. (އަލްޖަޒީރާ)