23 May 2020, 16:07
ބޭރު ފައިސާގެ ތާށިކަމެއް ރާއްޖެއަށް މި އަހަރުގެ ތެރޭގައި ދިމާނުވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފިނޭންސުން މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، ބޭރު ފައިސާ ހޯދުމަށް މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާ 300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑެއް ވިއްކުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރުވެސް ދައުލަތުގެ ޖުމްލަ ރިޒާވްގައި 800 މިލިއަން ޑޮލަރު އެބަހުރި ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ބޭނުން ކުރެވޭ ގޮތަށް ރިޒާވްގައި ހުންނަ ފައިސާ، ނޫނި ޔޫސަބަލް ރިޒާވް 231 މިލިއަން ޑޮލަރުގެ ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ބޭރުގެ ގައުމުތަކުން މިހާރު ވެސް ރާއްޖެއަށް އެކި ގޮތްގޮތުން 290 މިލިއަނެއްހާ ޑޮލަރު ޔަގީން ކުރެވިފައިވާ ކަމަށާއި އިތުރު ފައިސާ ހޯދުމުގެ މަސައްކަތް ވެސް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެން ވީމާ ރާއްޖެއަށް ބޭރު ފައިސާގެ ތާށި ކަމެއް ނެތް. އަދި ކުރިއަށް އޮތްތާގައިވެސް އޮންނާނެ ކަމަކަށް ނުބެލެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ޗައިނާ އިސްވެ އޮވެ އުފައްދާފައިވާ، އޭޝިއަން އިންފްރަސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) މެދުވެރިކޮށް ވޯލްޑް ބޭންކުގެ ޕްރޮކެޓަކަށް ފައިނޭންސް ހޯދަން މަސައްކަތް ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިހާތަނަށް ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ 290 މިލިއަނެއްހާ ޑޮލަރުގެ ތެރެއިން އަދި ލިބިފައި ވަނީ، 61.9 މިލިއަން ޑޮލަރެވެ. އެއީ؛
ވޯލްޑް ބޭންކުން - 17.3 މިލިއަން ޑޮލަރު
- އޭޝިއަން ޑިވަލޮޕްމަންޓް ބޭންކް (އޭޑީބީ)އިން - 0.6 މިލިއަން ޑޮލަރު
- އިސްލާމިކް ޑިވަލޮޕްމަންޓް ބޭންކުން - 15.1 މިލިއަން ޑޮލަރު
- އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން - 28.9 މިލިއަން ޑޮލަރު
މިނިސްޓަރު ވިދާޅުވީ މިވަގުތު އިގްތިސާދީ ހަރަކާތްތައް މަޑުޖެހިފައި ވާތީ، ބޭރު ފައިސާއަށް އޮންނަ ޑިމާންޑް ބޮޑުވެ ދިވެހި ރުފިޔާގެ އަގު ވެއްޓި އެކަމުގެ ސަބަބުން ތަކެތީގެ އަގު ބޮޑުވުން ނުވަތަ އިންފްލޭޝަނެއް އައިސްފާނެ ކަމަކަށް ނުބެލެވެ އެވެ. އަދި ރާއްޖެއަށް ގިނަ ފަހަރަށް އަންނަނީ ބޭރުގައި ތަކެތީގެ އަގުތައް ބޮޑުވުމުގެ ސަބަބުން އަންނަ އިމްޕޯޓެޑް އިންފްލޭޝަންކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، ބޭރުގެ މާކެޓްތަކުގައި ވެސް ތަކެތީގެ އަގު ކައިރި މުސްތަގު ބަލެއްގައި ބޮޑުވާނެ ކަމަކަށް ނުބެލެވެ އެވެ. އެހެން ކަމުން ދިވެހި ރުފިޔާގެ އަގު ހިފެހެއްޓި ބާޒާރު ހަމަ މަގެއްގައި ބެހެއްޓޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ އޭޕްރީލް މަސް ނިމުނު އިރު، މީރާ މެދުވެރިކޮށް ބޭރު ފައިސާގެ ގޮތުގައި ލިބިފައި ވަނީ 23.26 މިލިއަން ޑޮލަރެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި، 55.89 މިލިއަން ޑޮލަރު ލިބުނެވެ. ޓޫރިޒަމް ހުއްޓިފައި ވުމުން ބޭރު ފައިސާގެ އާމްދަނީ ރާއްޖެއަށް ލިބޭ ވަރު ވަރަށް ބޮޑުތަނުން މަދުވާނެ ކަމަށް ބެލެވެ އެވެ.
މިއަހަރުގެ މިހާތަނަށް އަދި ލިިބިފައި ވަނީ، 193.88 މިލިއަން ޑޮލަރެވެ.
ބޭރުފައިސާގެ ތާށިކަމެއް ކުރިމަތިވެދާނެތީ އެމްއެމްއޭއިން ވަނީ ބޭންކްތަކަށް ވިއްކާ ޑޮލަރުވެސް އިތުރުކޮށްފަ އެވެ.