ވަޒީފާއަށް އަސަރު ކުރި ފަރާތަކަށް ސަރުކާރުން ދޭ "އިންކަމް ސަޕޯޓް" އެލަވަންސް މިހާރު ދޭން ފަށާފައިވާ ކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދު ހާލަތާ ގުޅޭ ގޮތުން ފިނޭންސުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، އެ ފައިސާ ދޫކުރަން ފެށީ މިދިޔަ ބުދަ ދުވަހުން ފެށިގެން ކަމަށެވެ. އެގޮތުން އެންސްޕާ މެދުވެރިކޮށް މިހާރު އެ ފައިސާ ދޫކުރަން ފަށާފައި ވަނީ، 69 ފަރާތަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"5،000 ރުފިޔާގެ މަގުން ޖުމްލަ 290،131 ރުފިޔާ މިހާރު އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަޅުގަނޑުމެންނަށް ދޫކުރެވިއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.

ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އިންކަމް ސަޕޯޓް އެލަވެންސް ދޭނީ މާޗް 1، 2020 ގެ ފަހުން، ކޮވިޑް19 ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކޮށްފައިވާ ފަރާތްތަކަށާއި މުސާރަ ނުލިބޭގޮތަށް ނޯޕޭ ލީވް އަށް ފޮނުވާލާފައިވާ ފަރާތްތަކަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބަޔެއް އުނިކޮށްފައިވާ ފަރާތްތަކަށެވެ.

މި އުސޫލުގެ ދަށުން އެލަވެންސް ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޭޕްރީލް މަހާއި، މޭ މަހާއި އަދި ޖޫން މަހަށެވެ.

އެލަވަންސަށް އެދި މިހާތަނަށް ފޯމު ހުށަހަޅާފައި ނުވާ ފަރާތްތަކަށް މިހާރު ވަނީ ސުންގަޑިތަކެއް ކަނޑައަޅައި އާންމުކޮށްފަ އެވެ.

މާޗު 1 އިން 30 އޭޕްރީލްގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް ފޯމު ހުށަހެޅުމުގެ ސުންގަޑި ކަމަށް ކަނޑައަޅާފައި ވަނީ މޭ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މެއި 1 ން 30 މެއިގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ ހަތެއް ޖޫން އެވެ.

ޖޫން 1 ން 30 ޖޫންގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ ޖުލައި މަހުގެ ހަތް ވަނަ ދުވަހެވެ.