26 Dec 2011, 20:10
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަސް ރިސޯޓްގެ ސްޕާތަކުގައި ހަށި ވިއްކާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެ ސުޕާތައް ބަންދު ކުރުމަށް ޓޫރިޒަމުން ރޭ އެންގުމަށް ފަހު ގާސިމްގެ ޕެރަޑައިސް ބަލައި ފާސް ކުރުމަށް ޓޫރިޒަމްގެ އޮފިޝަލުންނާއެކު ފުލުހުން އެ ރިސޯޓަށް އަރައިފި އެވެ.
ފުލުހުންގެ މިޑިޔާ އޮފިޝަލު ވިދާޅުވީ ޓޫރިޒަމްގެ އެދުމަކަށް ފުލުހުން ޕެރެޑައިސްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެއީ ޓޫޒރިަމް ތުހުމަތު ކުރާ ކަންކަން ބެލުމަށް ކަމަށެވެ.
ވިލާ ހޮޓެލްސްގެ އިސް އޮފިޝަލަކު ވިދާޅުވީ ފުލުހުންނާއި ޓޫރިޒަމްގެ އޮފިޝަލުން ޕެރަޑައިސްގައި ހަރަކަތްތެރިވަމުން އަންނަ ކަމަށެވެ.
ގާސިމް މިއަދު ވިދާޅުވީ އޭނާގެ ރިސޯޓްތަކުގައި ހަށި ވިއްކާ ކަމަށް ސަރުކާރުން ކުރި ތުހުމަތަކީ ބޮޑު ޖަރީމާއެއް ކަމަށާއި އެއީ ހަދާފައިވާ ބޮޑު ދޮގެއް ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން އެގޮތަށް ކަންތައްކޮށްފައި ވަނީ އޭނާ ފަނޑިޔާރުންނާއި ކޯޓްތަކާއި ޖުޑިޝަރީގެ ދިފާއުގާއި ވާހަކަ ދައްކަވާތީ ކަމަށައި އެގޮތަށް އޭނާއާ ދިމާ ކޮށްލުމަކީ އާ ކަމެއް ނޫން ކަމަށެވެ.
ގާސިމް އިބްރާހިމް މިރޭ ނެރުއްވެވި ބަޔާނެއްގައި ބުނަނީ އޭނާގެ މަސްލަހަތު އޮންނަ ފަސް ރިސޯޓްގައި އޮޕަރޭޓް ކުރަމުން އަންނަ ސްޕާތައް ބަންދު ކުރުމަށް އެންގި ނަމަވެސް އެއީ ސަރުކާރާއެކު އެއްބަސްވުންތަކެއް ވެވިގެން މަތީ ފެންވަރުގައި ގާނޫނުތަކާއެއް ގޮތަށް ހިންގާ ރިސޯޓްތައް ކަމަށެވެ.
ގާސިމުގެ ބަޔާނުގައި ބުނަނީ ޓޫރިޒަމް މިނިސްޓްރީން ސްޕާތައް ބަންދު ކުރުމަށް އެންގި އިރު މައްސަލައާ ބެހޭ ގޮތުން އެއްވެސް ތަހުގީގެއް ހިންގާފައި ނުވާ ކަމަށާއި ސްޕާތައް ބަންދު ކުރެއްވީ ލިބިފައި ރިޕޯތްތަކުގެ މައްޗަށް ބިނާ ކުރައްވައިގެން ކަމަށް ވުމާއެކު މި މައްސަލައިގައި ޓޫރިޒަމުން ފިޔަވަޅު އަޅާފައިވަނީ ހަގީގަތް ހޯދައިގެން ނޫން ކަމަށެވެ. ސަރުކާރުން ތުހުމަތު ކުރައްވާފައިވާ އެއްވެސް ކަމެއް އޭނާގެ މަސަލަހަތު އޮންނަ އެއްވެސް ރިސޯޓެއްގައި ހިންގާ ކަމުގެ އެއްވެސް ގަރީނާއެއް ނެތީސް އެފަދަ ފިޔަވަޅެއް އެޅުމަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ ޒާތީ ތައައްސުބުން ފުރިގެންވާ އަމަލެއް ކަމަށެވެ. އަދި ސްޕާތައް ބަންދުކުރަން އަންގާފައިވަނީ ދެފަރާތުގެ މެދުގައިވާ އެއްބަސްވުމާ ހިލާފަށް ކަމަށެވެ.
"...އަޅުގަނޑާއި މެދު އޮންނަ ޒާތީ ނުވަތަ ސިޔާސީ ތައްސުބެއްގެ ސަބަބުން މުޅި ދިވެހި ގައުމަށާއި އަދި އެންމެ ދިވެހި ރައްޔިތުންނަށް މިހާ ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކުރެއްވި ކަމީ، މުޅި ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާނޭ ކަމުގައި އަޅުގަނޑު ފާހަގަ ކުރަމެވެ." ބަޔާނުގައި ވެއެވެ. "އަޅުގަނޑަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކަށް އަދި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބާ، އަދި ގައުމުގެ ތަރައްގީ އަށާއި ރައްޔިތުންގެ ފައިދާއަށް ދައުލަތުގެ މުއައްސަސާ ތަކުގެ ތެރެއިންނާއި އަދި އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުން ޚިދުމަތްކުރުންމަތީ އަބަދުވެސް ދެމި ހުންނާނޭ މީހަކު ކަމުގައި ދިވެހި އެންމެ ރައްޔިތުންނަށް އަޅުގަނޑު ޔަގީންކޮށް އަރުވަމެވެ. އަދި ދިވެހި ގައުމަށާއި ރައްޔިތުންނަށް އަޅުގަނޑުގެ ޚިދުމަތް އަބަދުވެސް ލިބޭނޭ ކަމުގައި ވެސް ދިވެހި އެންމެ ރައްޔިތުންނަށް ޔަގީންކޮށް އަރުވަމެވެ.