ގޭގައި ބަންދުވެފައި ތިއްބާ މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ވެސް ނިމުނީ އެވެ. އެކުވެރީންނާ އާއިލާ އާއެކު ބޮޑު ރޯދަވީއްލުމެއް، ތަރާވީސް ދަމެއް ބާއްވާ ނުލެވުނެވެ.

ގޭ ބަންދުގައި ތިއްބައި އަނެއްކާ މި ބައްދަލުކުރީ ފިތުރު އީދެވެ. ދިވެހިންގެ ބަހުން ނަމަ ކުޑަ އީދެވެ. އީދު "ކުޑަ" ނަމަވެސް ފާހަގަކުރުން ނިކަން ބޮޑެވެ. ބޮޑު ޖަމާއަތުގަައި އީދު ނަމާދުކޮށް، ބޮޑެތި ޖާފަތްތަކަށް އިންސާފުކޮށްލައި، ކުޅިވަރު ކުޅުމާ، ފެނާއި ކުލަ ޖަހައި، ރީތި ކުލަ ކުލައިގެ ހެދުން އަޅާ ޒީނަތްވެގެން ބޭރަށް ނުކުމެ މީހުންނާ ބައްދަލުކޮށް ސަލާން ގަލާން ކުރުން މިއީ ދިވެހީންގެ އާދައެވެ.

ނަމަވެސް މި އަހަރު އެ އާދަތައް ބަދަލުކުރަން މިވަނީ ޖެހިފައެވެ. ކޮވިޑް19 ގެ ބިރުވެރިކަމާއެކު، ހުރިހާ އެންމެން ގައިދުރުކުން މިވަނީ މަޖުބޫރުވެފައެވެ.

އެހެން އަހަރުތަކުގައި އީދު ޗުއްޓީއަށް ގާތްތިމާގެ މީހުންނާ ބައްދަލުކޮށްލަން ފުރަފުރައިގެން ރަށްރަށަށް ދިޔަ ނަމަވެސް، މި ފަހަރު އެކަން ވާކަށް ނެތެވެ. ގާތްތިމާގެ މީހުންނަށް އީދު ތަށިބަރި ގެންދިއުން ވެސް އެދެވިގެން ނުވެ އެވެ. އީދު ނަމާދުން ފައިބައިގެން ގާތްތިމާގެ މީހުންނާއި އެކުވެރިންގެ ގޭގެއަށް ބޯދިއްކޮށްލައި ބޯކިބަލާއި ސަޔަށް އިންސާފު ކުރެވޭކަށް ނެތެވެ.

އެންމެ ކުޑަމިނުން އަތާ އަތް ޖޯޑުކޮށްލައި، ނޫނީ ލޯބިން ބައްދާލައި އީދުގެ ތަހުނިޔާ ވެސް ކިޔުން ބުއްދިވެރިއެއް ނޫނެވެ. އެހެންކަމުން ދެން އޮތީ ކޮން ގޮތެއް ހެއްޔެވެ؟ ދުރުގައި ތިބި ކާފަމެން، މާމަމެން އަދިި ގާތްތިމާގެ އެހެން މީހުންނަށް އީދު ސަލާން ކުރާނީ ކިހިނެތް ހެއްޔެވެ؟ ދުރުގައި ތިބި ކަމުގެ އިހުސާސް ނުވާނެ ގޮތަކަށް އީދު ފާހަގަކޮށްލާނީ ކިހިނެތް ހެއްޔެވެ؟

އެންމެން އެކީ "ޒޫމް" ކޮށްލުން ކިހިނެތްވާނެ؟

ޒޫމް ވީޑިއޯ ކޯލެއް --

ގައިމުވެސް އީދުގައި އެންމެ ބޮޑު ފަޅު ކަމެއް އިހުސާސް ވާނީ ދަރިންނާ ދުރުގައި ތިބި މާމަ އާއި ކާފަ މެންނަށެވެ. ރަށުގައި ދިރިއުޅޭ ދުވަސްވީ މީހުން ވެސް ތިބެނީ އީދު ޗުއްޓީގައި މާމަ ކާފަ ކުދިން ދެކިލައި އެކުދިންނާ އެކު ވަގުތު ހޭދަކޮށްލަން ކެތް މަދުވެފައެވެ.

އެހެންކަމުން މަޖުބޫރީ ހާލަތުގައި އެމީހުންްނަށް ފަޅުކަން އިހުސާސް ވިޔަ ނުދިނުމަށްޓަކައި، "ޒޫމް" ނުވަތަ އެހެން ވެސް އެޕެއް ބޭނުންކޮށްގެން ވީޑިއޯ ކޯލެއް ރާވާލާށެވެ. ވަކި ގަޑިއެއް ހަމަޖައްސައި، އެ ގަޑިއަށް އީދު ހެދުން އަޅައި ފަރިވެލައިގެން، އެންމެން ތައްޔާރުވާށެވެ. އީދުގެ ފޯރި ގެނައުމަށް، އީދާ ގުޅޭ ބެކްގްރައުންޑެއް ވެސް ހިމަނާލުން ރަނގަަޅެވެ. އަދި އީދު ސައި ވެސް ވީޑިއޯ ކޯލަކުން ކުރިއަށް ގެންދިއުން ސަޅި ވާނެއެވެ.

މިއީ އާއިލީ ގުޅުން ބަދަހިކޮށްލަން ވަރަށް ރަނގަޅު ގޮތެކެވެ. ގްރޫޕް ބޮޑުކޮށްލައި، އެންމެންގެ ހާލު އަހުވާލު ބަލައި، އީދާ ގުޅޭ ލަވަޖަހާލައިގެން ސަކަރާތް ޖަހާލުން މިއީ ރަނގަޅު ކަމެކެވެ.

ކުރު ވީޑިއޯ މެސެޖުތައް ގްރޫޕުގައި ޝެއާ ކޮށްލެވިދާނެ!

ކެޕްޝަން..

ކޮންމެ އާއިލާއަކުން ވެސް ފެމެލީ ވައިބާ ގްރޫޕެއް ގެންގުޅެއެވެ. ގިނަ ކުދިންނަށް އެ ވައިބާ ގްރޫޕުތައް މާ ޝައުގުވެރި ނުވަނީ "ގުޑް މޯނިން" އަދި "ގުޑް ނައިޓު" ފޮޓޯ މެސެޖުތައް ގިނަ ވާތީއެވެ. އަދި ހާއްސަ ދުވަސްތަކުގަައި ވެސް ގިނަ ފެމެލީ ގްރޫޕުތަކަށް ފޮނުވާލަނީ އެފަދަ ފޮޓޯ މެސެޖެކެވެ.

ނަމަވެސް މިފަހަރު އެ ފޮޓޯ މެސެޖުތަކުގައި ބަދަލުގައި ތަންކޮޅެއް ކްރިއޭޓިވް ގޮތަކަށް އީދު ސަލާމް ކޮށްލެވިދާނެއެވެ. ކޮންމެ މީހަކު ވެސް އީދު މުބާރިކް ކިޔާލައި، ނުވަތަ ތަހުނިޔާގެ އެހެން މެސެޖެއް ދީ ކުރު ވީޑިއޯ ތައްޔާރުކޮށްލައި، ލޯބިވާ މީހުންނަށް ފޮނުވާލެވިދާނެއެވެ. މިކަމުގައި ކުޑަކުދިން ބައިވެރިކޮށްލައި މާމަ މެންނަށް ވެސް މެސެޖު ފޮނުވާލާށެވެ.

ގޭތެރޭގައި ޖަހާ ސަކަރާތްވެސް ގްރޫޕުގައި ހިއްސާކޮށްލުން ރަނގަޅުވާނެއެވެ. ގޭގައި ކުދިން ފޫހިވިޔަ ނުދިނުމަށްޓަކައި، ނޫނީ ސްކްރީންތަކާ ދުރުކުރުމަށް، އީދު ތަހުނިޔާގެ ކާޑުތައް ހަަދުވާށެވެ. އަދި އެ ކާޑުތަކުގެ ފޮޓޯ އާއި ވީޑިއޯ ގްރޫޕަށް ފޮނުވާށެވެ.

އެންމެން ދުރުގައި ތިބޭއިރު ކައިރިވެވެން މިއަދު އޮތީ މިގޮތަށެވެ. އީދުގައި އާއިލާގެ އެއްވެސް މެމްބަރަަށް އެކަނިވެރިކަން އިހުސާސް ވިޔަ ނުދިނުމަށްޓަކައި ކުރެވިދާނެ ވަރަށް ގިނަ، ކުދިކުދި ކަންކަން އެބަހުއްޓެވެ. ކޮރޯނާގެ ސަބަބުން އީދުގެ ފޯރި ކުޑަވިޔަ ނުދޭށެވެ.