26 Dec 2011, 19:56
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ވިލާ އެއާގެ އޮޕަރޭޝަންތައް ހުއްޓުވާލުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފި އެވެ.
މިނިސްޓްރީން ނޫސް ބަޔާނެއްގައި މެދުވެރިކޮށް އަންގާފައި ވަނީ ވިލާ އެއާގެ އޮޕްރޭޝަން ހުއްޓައިލަން 24 ޑިސެމްބަރުގައި ވިލާ އެއާގެ މަތިންދާބޯޓެއް އުދުހުމުގައި ދިމާވި ހާދިސާ އާ ގުޅިގެން ކުއްލި އޯޑިޓެއް ކުރުމަށްޓަކައި ކަމަށެވެ.
އަދި އެ ބަޔާނުގައި ބުނަނީ މަދަނީ ވައިގެ ދަތުރުފަތުރުގެ ގާނޫނޫގެ 18 ވަނަ މާއްދާގެ (ހ) ގައި މަދަނީ ވައިގެ ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ އުޅަނދާއި އުޅަނދުފަހަރުގެ އިންޖީނާއި ތަކެއްޗާއި އުޅަނދުފަހަރުގެ އެހެނިހެން ކަންތައްތައް ކަނޑައަޅާފައިވާ މިންގަނޑުތަކާއެއް ގޮތަށް ހުރިތޯ ބެލުމަކީ މި މިނިސްޓްރީގެ ޒިންމާއެއް ކަމަށާއި ވިލާ އެއާގެ އޮޕަރޭޝަން ހިނގަމުންދަނީ ސިވިލް އޭވިއޭޝަނުން ހަދާފައިވާ ގަވާއިދުތަކާއި އެއްގޮތަށްތޯ ބަލަން ކުއްލި އޯޑިޓެއް ކުރުމާއި އޯޑިޓް ނިމެންދެން އޮޕަރޭޝަން ހުއްޓުމަކަށް ގެނައީ ކަމަށެވެ.
"... 24 ޑިސެމްބަރު 2011 ގައި ވިލާ އެއާގެ މަތިންދާބޯޓެއް އުދުހުމުގައި ދިމާވި ހާދިސާ އާ ގުޅިގެން މި އެއާލައިން އަކީ އޮޕަރޭޓްކުރަން ފެށިތާ ތިން މަސް ދުވަސް ވެފައިވާ އެއާލައިނެއް ކަމަށް ވުމާއި، މި އެއާލައިން ބޭނުން ކުރަނީ ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ އެއާކްރާފްޓަކަށް ނުވުމާއި، މި އެއާލައިން އަކީ އަލަށް ފެއްޓި އެއާލައިންއަކަށް ވެފައި ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓުން ތިން މަސް ދުވަހުގެ ތެރޭގައި އޯޑިޓެއް ކުރަން ނިންމާފައިވާ ކަމަށެވެ."
ވިލާ އެއާގެ އޮޕަރޭޝަންތައް ހުއްޓާލަން ސަރުކާރު އެންގުމާ ގުޅިގެން ގާސިމް ނެރުއްވެވި ނޫސް ބަޔާނުގައި ބުނަނީ ސަރުކާރުގެ ރަސްމީ ގަޑި ނިމުނު ފަހުން ފެކްސްގެ ޒަރީޢާއިން އެކަން އަންގާފައި ވަނީ ކަމާއި ބެހޭގޮތުން އަމަލުކުރެވޭ އުސޫލުތަކާއި އެއްގޮތަށް ނޫންކަމަށް ގާސިމް ދެކެވަޑައިގަންނަވާ ކަމަށެވެ.
"... ދިވެހި އެންމެހާ ރައްޔިތުންނަށް އަޅުގަނޑު ޔަގީންކޮށް އަރުވަން ބޭނުންވަނީ އަޅުގަނޑަކީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި، ދިވެހި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބާ މީހެއްކަމަށެވެ. އަދި އަޅުގަނޑުގެ މަސްލަހަތު އޮވެގެން ކޮންމެ ވިޔަފާރިއަކީވެސް ޚިދުމަތުގެ އެންމެ މަތީ ފެންވަރުގައި ހިނގާ ކޮންމެ ވިޔަފާރިއަކީވެސް ޚިދުމަތުގެ އެންމެ މަތީ ފެންވަރުގައި ހިނގާ، އެކަމުން ދިވެހި ރާއްޖެއަށް ރީތި ނަންތަކެއް ލިބޭގޮތަށް ހިންގާ ވިޔަފާރިތަކެއް ކަމަށެވެ. އަދި އަޅުގަނޑާއި ދޭތެރޭ މި ސަރުކާރުން މިފަދަ އަމަލުތައް ހިންގަނީ، ގާނޫނު އަސާސީ އާއި ގާނޫނުތައް ދިފާއުކޮށް ދިވެހި ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ މަޖިލީހާއި އަދި ސިޔާސީ މައިދާނުގައި ކުރާ މަސައްކަތުގެ ސަބަބުން އަޅުގަނޑުގެ އަޑު މަޑުކޮށް ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް ހުއްޓުމަކަށް ގެނައުމެވެ،" ބަޔާނުގައި ވެއެވެ.
އަދި ބުނެފައި ވަނީ ރާއްޖެ އަކީ މުޅިގައުމުގެ އިގުތިސޯދު ފަތުރުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ގައުމެއް ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ހިންގަމުން އަންނަ ބައިނަލް އަގުވާމީ އެންމެ މަތީ އިނާމްތައް ލިބިފައިވާ ސިނާއަތެއް ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި ހަށި ވިއްކުން ފަދަ އަމަލުތައް ހިނގަމުންދާ ކަމަށާއި، އަދި މިކަން ހުއްޓުވުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ފައްޓަވައިފި ކަމުގެ އިއުލާނަކީ ދުނިޔޭގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ އަގުވެއްޓި އެކަމުގެ ސަބަބުން ބުކިންތައް ކެންސަލްވެ، އަދި ރާއްޖެއަށް ފަތުރުވެރިން އައުމަށް ޖެހިލުންވާނޭ ކަމެއް ކަމުގައި ގަބޫލު ކުރައްވާ ކަމަށެވެ.