26 Dec 2011, 18:28
މިދިޔަ ހުކުރު ދުވަހު މާލެ އާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި އިސްލާމްދީނުގެ ހިމާޔަތުގައި ކުރި މުޒާހަރާތަކުގެ ތެރެއިން ހދ. ވައިކަރަދޫގައި ކުރި މުޒާހަރާ ހުއްޓުވުމުގެ ނިޔަތުގައި އެ ރަށު މީހަކު އޭނާގެ ދޮޅު އަހަރުގެ ކާފަ ދަރިފުޅު މުޒާހަރާ ކުރަމުން ދިޔަ ޕިކަޕެއްގެ ފުރޮޅު ދަށަށްލި މައްސަލަ ބަލައި، އެ އަމަލު ހިންގި ފަރާތާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް ]އެޗްއާރުސީއެމް[ އިން ފުލުހުންނަށާއި ހެލްތު މިނިސްޓްރީ އަށް ގޮވާލައިފި އެވެ.
އެޗްއާރުސީއެމުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ވައިކަރަދޫގައި ހިނގައި ދިޔަ ނުރައްކާތެރި އަދި ލާއިންސާނީ އެ އަމަލް އެކޮމިޝަނުން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށާއި އެއްވެސް ސިޔާސީ ހަރަކާތެއްގައި ކުޑަކުދިން ބޭނުން ނުކުރުމަށާއި އެ ކުދިން ނުރައްކަލަކަށް ހުށަހެޅޭނެ ފަދަ އެއްވެސް އަމަލެއް ނުހިންގުމަށް އެ ކޮމިޝަނުން މީގެކުރިން ވެސް ތަކުރާރުކޮށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައިވާނެ ކަމަށެވެ.
"ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކާއި ލޯކަލް ކައުންސިލްތަކާއި މުޒާހަރާ އިންތިޒާމްކުރާ ފަރާތްތަކުން ވެސް އެފަދަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށް އިތުރު ސަމާލުކަން ދިނުމަށް ކޮމިޝަނުން ގޮވާލަމެވެ،" އެޗްއާރުސީއެމުންގެ ބަޔާނުގައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ވައިކަރަދޫގައި ދުއްވަމުން ދިޔަ ޕިކަޕެއް ހުއްޓުވުމަށް ފަހު، އޭގެ ކުރިމައްޗަށް ދޮޅު އަހަރުގެ ކުޑަކުއްޖަކު ކޮށްޕާލި ކަމަށް ބުނާ މައްސަލައެއް އެ ހާދިސާ ހިނގި ކަމަށް ބުނާ ދުވަސް ނޫން އަނެއް ދުވަހު ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް އަދި އެ މައްސަލާގައި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިނުވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދޮޅު އަހަރުގެ ކާފަ ދަރިފުޅު ޕިކަޕްގެ ފުރޮޅު ދަށަށް އެމީހާ ކޮށްޕާލި ކަމަށް ބުނާ މިހާދިސާ ހިނގީ މިދިޔަ ހުކުރު ދުވަހު ވައިކަރަދޫގައި ކުރިއަށް ދިޔަ މުޒާހަރާގެ ތެރޭގައި ދުއްވަމުން ދިޔަ މުޒާހަރާގެ ޕިކަޕެއް ހުއްޓުވުމުގެ ގޮތުންނެވެ. އަދި އެއަމަލް އޭނާ ހިންގީ އެޕިކަޕް އޭނާގެ ގޭ ކައިރިން ދަނިކޮށް އޭގެ ކުރި މައްޗަށް އަރެމުށް ފަހު އެވެ.