މަސާޖުކުރުމާއި ސުޕާގެ ހިދުމަތްދޭ ތަންތަން ހިންގަމުން ގެންދާ ނަމަ، ގެންދަނީ ހުއްދަ ލިބިގެން ނޫން ކަމަށާއި މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީން އެކަމާ ޒިންމާވާން ނުޖެހޭނެ ކަމަށް އެމިނިސްޓްރީން ބުނެފި އެވެ.
ހެލްތު މިނިސްޓްރީ އިން މިއަދު ބުނީ 2004 ވަނަ އަހަރުން ފެށިގެން މަސާޖުކުރުމާއި ސުޕާގެ ހިދުމަތްދޭ ތަންތަން ހިންގުމުގެ ހުއްދަ މިނިސްޓްރީން ދޫކުރި ކަމަށާއި ނަމަވެސް 2006 ވަނަ އަހަރުން ފެށިގެން އެފަދަ ތަންތަން ހިންގުން މަނާކޮށްފައިވާ ކަމަށެވެ.

އެ މިނިސްޓްރީ އިން ބުނީ މިހާރު އެފަދަ ތަންތަން ހިންގަމުންދާ ނަމަ ހިންގަނީ މިނިސްޓްރީގައި ރަޖިސްޓްރީކޮށް ހުއްދަލިބިގެން ނޫން ކަމަށާއި އެފަދަ ތަންތަން ހިންގުމުގެ ހުއްދަ ދޫކުރުމަކީ މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އަދި ބުނީ "މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ނުހިމެނޭ އަދި އެއްވެސް ގުޅުމެއް ނެތް ކަމެއްގައި ހިންގާ މިފަދަ އަމަލުތަކަކީ މިނިސްޓްރީ އިން ޒިންމާވާން ޖެހޭނެ ކަމެއް ކަމަށް އެ މިނިސްޓްރީން ނުދެކޭ" ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ އެފަދަ ތަންތަނުގައި "ހަށިވިއްކުމުގެ" މަސައްކަތް ކުރަމުންގެންދާ ކަމަށާއި މިނިސްޓްރީން އެކަމާ އަޅާނުލާ ކަމަށް ބުނެ ހަގީގަތް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަވަމުން ގެންދާ ކަމަށާއި މިނިސްޓްރީ އަށް ރައްދުވާ ގޮތަށް އެފަދަ ވާހަކަތައް ނުދެއްކުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މީގެ އިތުރުން ހަށިވިއްކުމުގެ އަމަލެއް ހިންގާ ކަމުގެ މައުލޫމާތެއް ލިބިއްޖެ ނަމަ މޯލްޑިވެސް ޕޮލިސް ސާވިސް އަށާއި އެކަމާ ބެހޭ މުއައްސަސާތަކަށް އެ މައްސަލަ ރިޕޯޓު ކުރުމަށް ވެސް ހެލްތު މިނިސްޓްރީން އިލްތިމާސްކުރެ އެވެ.