22 May 2020, 16:22
ކޮރޯނާވައިރަސް، ކޮވިޑް19 ނެތްކަން ޔަގީން ކުރުމަށް ހުޅުމާލޭ ޖަލުގެ ގައިދީންނާއި އޮފިސަރުންގެ ސާމްޕަލް ނަގާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފި އެވެ.
ޖަލުތަކަށް މި ވައިރަހުގެ އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމައްޓަކައި، މީގެ ކުރިން މާފުށީ ޖަލުގައާއި އައްސޭރި ޖަލު އަދި މާލެ ޖަލުގައި ވެސް ވަނީ ސާމްޕަލް ނަގާފަ އެވެ.
އެންއީއޯސީ އާއި މޯލްޑްވިސް ކަރެކްޝަނަލް ސަރވިސް ގުޅިގެން މިއަދު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ޖުމްލަ 30 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ، ގަދީންގެ ތެރެއިން 15 މީހާކާއި ޑިޓެއިނީސްގެ ގޮތުގައި ތިބި ފަސް ބިދޭސީންނާއި 10 އޮފިސަރުންނާއި މުވައްޒަފުންނެވެ.
ކަރެކްޝަންސް އިން ބުނީ، ސާމްޕަލް ނެގުމުގައި ބަލާފައިވަނީ ވަކި ޔުނިޓް ތަކުގެ ތެރެއިން ހޮވާލެވޭ ގައިދީންނާއި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުން ކަމަށެވެ.
މީގެ ކުރިން ހުރިހާ ޖަލަކުން ނެގި ސާމްޕަލްތަކުގެ ނަތީޖާ ވެސް ވަނީ ނެގެޓިވްވެފަ އެވެ.
މިހާތަނަށް ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ، 1،216 މީހެކެވެ. އޭގެ ތެރެއިން 104 މީހަކު ރަނގަޅުވި އިރު، ހަތަރު މީހަކު ވަނީ މަރުވެފައެވެ. މިހާރު ރާއްޖޭގައި އެވްރޭޖްކޮށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެފައިވާއިރު، ސަރުކާުރން މިހާރު ވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅަށް ދާނަމަ، މިމަހު 28 އަށް ހަމަވާ ފުރަބަންދަށް ލުއެއް ދިނުމަށެވެ.