22 May 2020, 16:15
ވެރިރަށް މާލެއަށް ކޮރޯނާވައިރަހުގެ ނުރައްކާ އައުމާއެކު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުުރުން ހުއްޓާލީތާ މިހާރު މަހެއްވީ އެވެ. އެއީ މިދިޔަ މަހު 19 ވަނަ ދުވަހު އެވެ. އެއާ އެކު، ރޯދަ މަހާވެސް ދިވެހިން ކުރިމަތިލީ މިސްކިތްތައް ބަންދުވެފައި ހުއްޓަ އެވެ. އެއާ އެކު ޖަމާއަތުގެ ތަރާވީހު ނަމާދާއި ދަމު ނަމާދު ނުކުރެވުން ވީ އެތައް ބަޔަކަށް ހިތާމައަކަށެވެ. އެހެންވެ، އެންމެން ވެސް އެދިއެދި ތިބީ ވީ އެންމެ އަވަހަކަށް މިސްކިތްތައް ހުޅުވުމަށެވެ.
ރޭ އިސްލާމިކް މިނިސްޓްރީން އިއުލާންކުރީ، މިއަދު ހުކުރު ނަމާދުން ފެށިގެން ބަލި ނެތް ރަށްތަކުގައި ހާއްސަ އިންތިޒާމެއްގެ ތެރެއިން ޖަމާއަތް ހެދުމުގެ ހުއްދަ ދޭށެވެ.
މިއާއެކު ރާއްޖޭގެ ގިނަ ރަށްރަށުގެ މިސްކިތްތަކުގައި މަސްދުވަހަށްވުރެ ގިނަ ދުވަހަށްފަހު މިއަދު ވަނީ ހުކުރު ނަމާދުކޮށްފަ އެވެ. ގިނަ މީހުން މިސްކިތަށް ދިޔައީ ވައިރަހުން ރައްކާތެރިވުމަށް އަޅާ މާސްކްވެސް އަޅައިގެންނެވެ. އިސްލާމިކް މިނިސްޓްރީއިން އިރުޝާދު ވެސް ދީފައި ވަނީ، މިސްކިތުގެ ޖަމާއަތަށް ދާއިރު މާސްކު އެޅުމަށެވެ. އެހެން ނަމަވެސް، ވަރަށް މަދު ބައެއް މީހުން މާސްކް ނާޅާވެސް ޖަމާއަތެއް ދިޔަ އެވެ.
މިއީ ރާއްޖޭގެ މިސްކިތްތައް އަލުން ހުޅުވާ އެކު ފެނުނު ތަފާތު މަންޒަރެކެވެ. މިއީ ދިވެހިންގެ "ނިއު ނޯމަލް"ގެ މަންޒަރެކެވެ. މިސްކިތް ތެރޭގައިވެސް އަދި ނަމާދު ކުރި ވަގުތު ވެސް ބައެއް މީހުން ތިބީ މާސްކް އަޅައިގެންނެވެ. މި އާލަމީ ވަބާއާއެކު އަހަރުމެން އާންމު ދިރިއުޅުމަށް މިވަނީ މި ބަދަލުތައް ގެންނަން މަޖުބޫރުވެފަ އެވެ.
ށ. ފުނަދޫ ހުކުރު މިސްކިތް ތެރޭގައި މީހުން މާސްކް އަޅައިގެން: ގިނަ މީހުން މިސްކިތައް ދިޔައީ މިނިސްޓްރީން އަންގާފައިވާ ގޮތަށް މުސައްސަލަވެސް ހިފައިގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ށ. ފުނަދޫ ހުކުރު މިސްކިތް ތެރޭގައި މީހުން މާސްކް އަޅައިގެން: ގިނަ މީހުން މިސްކިތައް ދިޔައީ މިނިސްޓްރީން އަންގާފައިވާ ގޮތަށް މުސައްސަލަވެސް ހިފައިގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
އިސްލާމިކް މިނިސްޓްރީން މިސްކިތްތައް ހުޅުވާލީ އާންމުންނަށް ގިނަ އިރުޝާދުތަކެއް ދެމުންނެވެ. މާސްކް އެޅުމުގެ އިތުރަށް ދިން އިރުޝާދު ތަކަކީ؛
ވުޟޫ ކޮށްގެން މިސްކިތަށް ދިއުން.
- ކުޑަ މުސައްލާއެއް ގެންދިއުން.
- ޖަމާއަތް ނިމުމާ އެކު އަވަހަށް މިސްކިތުން ފޭބުން.
- އަތާ އަތްޖޯޑުކޮށް ސަލާމް ނުކުރުން.
މީގެ އިތުރުން ރޯގާ ޖެހުން، ހުން އައުން އަދި ކެއްސާ ނަމަ މިސްކިތައް ނުދުޔުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. މި ބަލީގައި އެންމެ ނުރައްކާތެރިވާ މީހުން ކަމަށްވާ އެހެން ބަލިތަކަށް ފަރުވާ ހޯދާ މިހުންނާއި އުމުރުން ދުވަސްވެފައިވާ މީހުން ވެސް މިސްކިތަށް ނައުމަށް ވަނީ އިރުޝާދު ދީފަ އެވެ.
މީގެ އިތުރުން މިސްކިތުގައި ޖަމާއަތަށް ސަފުތައް ހަދާއިރު، މިފަހަކަށް އައިސް ދުނިޔޭގެ އެހެން ގައުމުތަކުން ފެންނަ ގޮތަށް އެކަކު އަނެކަކު ދުރުދުރުގައި ނުތިބުމަށް ވެސް މިނިސްޓްރީއިން ވަނީ އިރުޝާދު ދީފަ އެވެ.
ށ. ފުނަދޫ ހުކުރު މިސްކިތް ތެރޭގައި މީހުން މާސްކް އަޅައިގެން: ގިނަ މީހުން މިސްކިތައް ދިޔައީ މިނިސްޓްރީން އަންގާފައިވާ ގޮތަށް މުސައްސަލަވެސް ހިފައިގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ށ. ފުނަދޫ ހުކުރު މިސްކިތް ތެރޭގައި މީހުން މާސްކް އަޅައިގެން: ގިނަ މީހުން މިސްކިތައް ދިޔައީ މިނިސްޓްރީން އަންގާފައިވާ ގޮތަށް މުސައްސަލަވެސް ހިފައިގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ރޯދަ މަސް ނިމެން ކުޑަ ދުވަސްކޮށްޅަކަށް ވެފައި ވަނިކޮށް، މަސްދުވަހަށްފަހު މިސްކިތް ހުޅުވާލިއިރު، މިއަދު އިއްވި ހުކުރު ހުތުބާގެ މައުލޫއަކީ، "ރޯދަ މަހަށްފަ ހުވެސް ހެޔޮއަމަލު ކުރުމުގައި ދެމިތިބުން" މި މައުޟޫ އެވެ. އެގޮތުން ރޯދަ މަސް ދިޔަ ނަމަވެސް، ހެޔޮ އަމަލުކުރުން ހުއްޓާނުލާ ހެޔޮ މަގުގައި ސާބިތުވެ ތިބުމަށް ހުކުރު ހުތުބާގައި ވަނީ ވަސީއްޔަތްކޮށްފަ އެވެ.
ހުތުބާގައި ފާހަގަކުރި ގޮތުގައި ގިނަ މީހުންނަކީ ރޯދަމަސް އައުމާއެކު ގިނަގިނައިން ހެޔޮ އަމަލުކުރާ ބައެއް ކަމަށާއި ނަމަވެސް ރޯދަ މަސް ނިމުމާއެކު އެކަންކަން ކުރުން ހުއްޓާލާކަމަށެވެ. ނަމަވެސް އެ އާދަ ދޫކޮށްލައި، ރޯދަމަސް ނިމުމުންވެސް ނަމާދުކޮށް، ގުރުއާން ކިޔަވައި، ހެޔޮ އަމަލުކުރުން މަތީ ދެމިތިބުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.
"ތިޔަބައިމީހުންނަށް ދުނިޔޭގައި ލިބިފައި މިވާ ކުޑަ ދުވަސްކޮޅުގައި ހެޔޮ އަމަލު ކުުރުމަށް އަވަސްވެގަންނަވާ. ބުއްދިވެރިންނަކީ އެމީހާގެ ނަފްސު ކިޔަމަންތެރިކޮށް، މަރުވުމަށްފަހު އޮތް ހަޔާތަށް ތައްޔާރުވާ މީހާ. އަދި ނުކުޅުދުންތެރި އަކީ، އެމީހާގެ ހަވާނަފްސު އެދޭހައި ކަމަކަށް އިޖާބަދިނުމަށް ފަހު ﷲ ގެ ހަޟްރަތުން ފޮނި އުއްމީދު ކުރާ މީހާ،" ހުތުބާގައި ބުންޏެވެ.
އެއްމަސްދުވަހަށް ފަހު ރާއްޖޭގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙު
ހުތުބާގައި އިތުރަށް ބުނީ، ބަލިމަޑުކަމުގެ މި ހާލަތަކީ ވަރުގަދަ އިމްތިހާނެއް މާތްﷲ އަހަރުމެންނާ ކުރިމަތިކުރައްވާފައިވާ ވަގުތެއް ކަމަށެވެ. މި ދަނޑިވަޅުގައި ހުކުރު ނަމާދު މިސްކިތުގައި ނުކުރެވޭ ރަށްރަށުގެ މީހުންވެސް ގޭގައި މެންދުރު ނަމާދާއި އެހެނިހެން ނަމާދުތައް އަދާކޮށް، ކޮރޮނާވައިރަހުގެ މި ބަލިމަޑުކަމުން ސަމާލާމް ކޮށްދެވުން އެދި މަސައްކަތް ކުރުމަށް ހުތުބާގައި ގޮވާލި އެވެ.
"އެގޮތުން ކުރަންވީ ފުރަތަމަ ކަމަކީ، ކެތްތެރިވުން. އެއާއެކު ފަރުޟު ފަސް ނަމާދަށް ފަރުވާ ބެހެއްޓުމާއި، ސަޖިދައިގައި ގިނަގިނައިން ފާދަ ފުއްސެވުމާށް އެދި ދުއާ ކުރުމާއެކު ސަބަބުތަކުގައި ހިފުން. ސަބަބުތަކުގައި ހިފުމަކީ ބޭސް ކުރުން އެކަންޏެއް ނޫން. އޭގެން އިތުރު ކަމާ ބެހޭ އިދާރާތަކުން ދޭ އިރުޝާދުތައްކަށް އަމަލު ކުރުންވެސް ހިމެނޭ،" ހުތުބާގައި ބުނެފައިވެ އެވެ.
ހުކުރު ނަމާދުގެ ޖަމާއަތަށް ފަހު މީހުން މިސްކިތުން ނިކުންނަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ހުކުރު ނަމާދުގެ ޖަމާއަތަށް ފަހު މީހުން މިސްކިތުން ނިކުންނަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
މި ބަލިމަޑުކަމުން އަރައިގަތުމަށް މާތް ﷲގެ ރަހުމަތުން އުއްމީދު ކަޑާނުލުމަށް ވެސް ހުތުބާަގައި ވަނީ ގޮވާލައްވާފަ އެވެ. އަދި ސާފު ތާހިރުކަމުގެ ސިފަތަކަށް އިސްލާމް ދީން ބާރު އަޅާކަން ފާހަގަކޮށް އަތް ދޮވުމާއި އާންމު ސާފު ތާހިރު ކަމަށް އަބަދު ސަމާލުކަން ދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
މިއަދުގެ ހުކުރު ހުތުބާ ވެސް ނިންމާލީ މި ބަލިމަޑުކަމުން ސަލާމަތް ކުރުމަށް އެދި ދުއާކުރަމުންނެވެ.
ހުކުރު ނަމާދުގެ ޖަމާއަތަށް ފަހު މީހުން މިސްކިތުން ނިކުންނަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
މާލެ ހިމެނޭ ގޮތުން އިތުރު 25 ރަށެއްގައ ޖަމާއަތުގައި ނަމާުދުކުރުން އަދި ވަނީ މަނާކޮށްފަ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ބުނި ގޮތުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދޭނީ މޮނީޓަރިންއިން ރަށެއް ދޫކޮށްލާތާ 28 ދުވަސް ހަމަވުމުންނެވެ. އަދި 25 ރަށުގައި ހިމެނެނީ އެ ޝަރުތު ފުރިހަމަ ނުވާ ރަށްރަށް އަދި މިވަގުތު ފުރަބަންދުގައިވާ ރަށްރަށް އަދި މީހުން ކަރަންޓީނުކޮށްފައިވާ ރަށްރަށެވެ.
މިސްކިތްތަކުގައި ނަމާދުކުރަން ހުޅުވާލުމުގެ ކުރިން ކާޕެޓްއަޅާފައިވާ ނަމަ އެ ކާޕެޓް ނަގަން ޖެހެ އެވެ. އަދި މިސްކިތުގައި އަތް ދޮވެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭއިރު، ޖަމާއަތުގެ ކުރިންނާއި ފަހުން ތަޅުންގަނޑުމަތި މޮޕްޖަހައިގެން ޑިސްއިންފެކްޓް ކުރަން ޖެހެ އެވެ. އޭސީ މިސްކިތެއް ނަމަ މި ދުވަސްވަރު އޭސީ ބޭނުން ނުކޮށް، ވައި ދައުރުވާނޭ ގޮތަށް ދޮރުތައް ހުޅުވާލާފައި ބަހައްޓަން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.